ޔާމީން ޖަލުގައި ބާއްވައިގެން ނުވާނެ، އިންތިހާބުން ފުރުސަތު ދޭންޖެހޭ: ނާޒިމް

ޖަލުގައި ކުރެއްވި ތަޖުރިބާ ހިއްސާ ކުރައްވާ ނާޒިމް ވިދާޅުވަނީ އެއީ ފަސޭހަ ތަނެއް ނޫނެވެ. އެކަނި ތަނަކަށް މީހަކު ލާފައި ދެ ދުވަސް އެކަނި ހޭދަކޮށްލުމުން ވެސް އެއީ ކިހާވަރެއްގެ ކަމެއްކަން އިހުސާސް ކޮށްލެވޭނެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމާ އިދިކޮޅު ދެ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެެވެން ވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ ރޭ އޮތް އެމްއެންޕީގެ "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ޒާތީ ހަސަދަ ދޫކޮށްލައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ޖަލަށްލާން ޖެހޭ ކަަމަށް ދެކޭ ސަގާފަތް ވެސް ނައްތާލަން ޖެހޭ ކަމަށެވެ.ރައީސް ޔާމީންގެ ވެރިކަމުގައި ނުހައްގުން ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތް ދުވަސްތަކުގެ ހަނދާންތައް އާ ކުރައްވާ ނާޒިމް ރޭ ވިދާޅުވީ އޭނާއަށް ޖަލުގައި ވަރަށް ގިނަ ދުވަހު ނިކަމެތި ކަމާއެކު އޮންނަން ޖެހުނު ކަމަށާ އެ ދުވަހު ކުރެއްވުނު ތަޖުރިބާއިން އޭނާ އާއި އާއިލާއިން ވެސް މީހަކު ޖަލަށްލާން ދުވަހަކުވެސް ނޭދޭނެ ކަމަށެވެ. ޖަލުގައި ކުރެއްވި ތަޖުރިބާ ހިއްސާ ކުރައްވާ ނާޒިމް ވިދާޅުވީ އެއީ ފަސޭހަ ތަނެއް ނޫން ކަމަށާއި އެކަނި ތަނަކަށް މީހަކު ލާފައި ދެ ދުވަސް އެކަނި ހޭދަކޮށްލުމުން ވެސް އެއީ ކިހާވަރެއްގެ ކަމެއްކަން އިހުސާސް ކޮށްލެވޭނެ ކަމަށެވެ. 
ރޭ ނާޒިމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ރައީސް ޔާމީނަށް އިންސާފު ކަށަވަރު ކޮށްދެެއްވުމަށް ވެސް ގޮވާލެއްވި އެވެ. އަދި ވިދާޅުވީ ރިޔާސީ ރޭހުން އެމަނިކުފާނަށް ފުރުސަތު އޮންނަން ވާނެ ކަމަށެވެ."ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ޕާޓީއެއްގެ ލީޑަރެއް ޖަލުގައި އޮތުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް. ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ވާނެ އެ ބޭފުޅާއަށް. އެއީ މިއަދު އަޅުގަނޑު ގަބޫލު ކުރާ ގޮތަކީ،" ނާޒިމް ވިދާޅުވި އެވެ.ޕީޕީއެމުން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަރުވާފައެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން މި ވަގުތު ހުންނެވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާށެވެ. ދަށު ކޯޓްގެ އެ ނިމުން ހައިކޯޓްގައި ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެ އެވެ. މަތީ މަރުހަލާއިން ރަައީސް ޔާމީން ސަލާމަތްވެވަޑައިނުގެންފިނަމަ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީން ވަނީ ރައީސް ޔާމީންގެ ނަންފުޅު ނެތި ރިޔާސީ އިންތިހާބު ނުބޭއްވޭނެ ކަމަށާ އެ ދެ ޕާޓީގެ ހުރިހާވެސް "ޗޮއިސް" އަކީ ރައީސް ޔާމީން ކަމަށް ބުނެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ