ރައީސް ޞާލިޙާއެކު ބޭއްވެވި ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް ގާސިމް ނުދެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލު ދެއްވުމަށް ގާސިމް ދެކޮޅު ހައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ޤާސިމް އިބްރާހީމް ބައްދަލުކުރައްވާފައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީއަށް ދެއްވާފައިވާ ދަނޑިވަޅެއްގައެެވެ.
މިއަދު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ރައީސްގެ ބައްދަލުވުމުގައި ކޯލިޝަންގެ ވާހަކަ ދެކެވުނު ކަމަށާއި ސިޔާސީ ވާހަކަވެސް ދައްކާފައިވާ ކަމަށެވެ. އިތުރު ތަފްސީލް ދެއްވާފައެއް ނުވެއެވެ.
”ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން. ކޮންފަރެންސުން އެބައޮތް ރިކަމެންޑެއް ދީފަ ޕާޓީން ކެނޑިޑޭޓަކު ނެރެން. އެކަމު އަޅުގަނޑުމެން އަދި ވަކި ގޮތެއް ނުނިންމަން" ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ދެއްވި ދަޢުވަތު ޤަބޫލުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައިވަނީ ޢަދާލަތު ޕާޓީއާއި، އެމްޑީއޭ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ