ދެ ކުޅުންތެރިން މަދުކޮށް ކުޅެ، ބަޔާން ބަލިކޮށް ޕީއެސްޖީ ސެމީއަށް
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަހޯދީ ކުއާޓާ ފައިނަލްގައި ބަޔާން މިޔުނިކާއި ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާން އިންނެވެ. މިއާއެކު ވެސް ބަޔާންއަށް ވަނީ ޕީއެސްޖީގެ ޑިފެންސް ފޫއަޅުވާލުމުގައި ކުރި ލިބޭގޮތް ނުވެފައެވެ. އެޓަލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗުވީ އަނިޔާއިން އެނބުރި އައިސް ބަޔާންގެ ހުނަރުވެރި ފޯވަޑް ޖަމާލް މުސިއެލާ ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނު ފުރަތަމަ މެޗަށެވެ. ނަމަވެސް މިމެޗުގައި މުސިއެލާ އަތުގައި އޮތް ބޯޅައެއް ހޯދަން ޕީއެސްޖީގެ ކީޕާ ޖިއާންލުއިޖީ ޑޮނަރޫމާ އުޅުމުގެ ތެރޭގައި މުސިއެލާއަށް އަނެއްކާވެސް ވަނީ އަނިޔާވެފައެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ޑަޔޮޓް އުޕަމެކާނޯ ބޯޅަ ޕީއެސްޖީގެ ގޯލަށް ވައްދާލި ނަމަވެސް އެލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. މިމެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނުނެވެ. އަދި ލަނޑެއް ނުޖެހި ގިނަ އިރު ވަމުންދިއުމުން އިތުރު ވަގުތަށް ހިނގައިދާނެކަމަށް ބެލެވުނެވެ. ނަމަވެސް މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށް ޕީއެސްޖީއަށް މިމެޗުގައި ހިނިތުންވުން ގެނެސްދިނީ ޑިސާއާ ޑޯއޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. ނަމަވެސް މިމެޗުގައި އިތުރަށް ލަނޑެއް ފެނުމުގެ ކުރިން ފެނުނީ ދެ ރަތް ކާޑެވެ. ފުރަތަމަ ކާޑު މެޗުގެ 82ވަނަ މިނެޓުގައި ދެއްކީ ޕީއެސްޖީގެ މިލިއަން ޕާޗޯ އަށެވެ. އޭނާއަށް މިކާޑު ދެއްކީ ބަޔާންގެ ލިއޮން ގޮރެޓްޒްކާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. ދެވަނަ ރަތް ކާޑު ފެނުނީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޕީއެސްޖީގެ ލޫކަސް ހެނާންޑޭޒްގެ އޮޅަބޮށިން ބަޔާންގެ ރަފައެލް ގުރެއިރޯއަށް ފައުލް ކުރުމާ ގުޅިގެންނެވެ. މިދެ ކާޑާއެކު ޕީއެސްޖީގެ ދެ ކުޅުންތެރިން މަދުވިނަމަވެސް ބަޔާންއަށް އެކަމުގެ ފައިދާ ނެގޭގޮތެއް ނުވިއެވެ. މިހާފުގައި ބަޔާންގެ ހެރީ ކޭން ލަނޑެއް ޖެހިނަމަވެސް އެލަނޑު ވެސް ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. އަދި މެޗު ނިމެނިކޮށް ބަޔާންއަށް ޕެނަލްޓީއެއް ދިން ނަމަވެސް އެޕެނަލްޓީ ވެސް ވަނީ ވީއޭއާރުން ބެލުމަށްފަހު ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ. މިމެޗުގައި ޕީއެސްޖީން ދެ ކުޅުންތެރިން މަދުކޮށް ކުޅެމުން ކާމިޔާބު ކުރި ދެވަނަ ލަނޑު އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ސެމީ ފައިނަލްގެ ޖާގައެއް ކަށަަވަރު ކޮށްދިނީ އުސްމާން ޑެންބެލޭއެވެ. މިކާމިޔާބީއާއެކު ޕީއެސްޖީއަށް ކްލަބް ވޯލްޑް ކަޕްގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުވިއިރު ބަޔާންއަށް މިވަނީ މުބާރާތާ އަލްވަދާކު ކިޔަން ޖެހިފައެވެ. މިއާއެކު ބަޔާންއަށް 17 އަހަރުގެ ދިގުމުއްދަތަކަށް ކުޅުނު އުމުރުން 35 އަހަރުގެ ތޯމަސް މުލާގެ ކެރިއާ ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ. މިއީ އޭނާ ބަޔާންއަށް ކުޅުނު ފަހު މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ