ފުރަތަމަ އިސްލާހުވާންވީ ރައްޔިތުން
ސިޔާސީ މީހުން އެ މީހުންގެ އަމަލުތައް ބައްޓަންކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ. އެ މީހުން ދައްކަނީ ރައްޔިތުން އަޑުއަހަން ބޭނުންވާ ވާހަކަތަކެވެ. އެ މީހުން ކުރަނީ ރައްޔިތުން ދެކެން ބޭނުންވާ ކަންކަމެވެ. އެ މީހުންގެ ހުރިހާ ކަމެއް ބައްޓަންކުރަނީ ރައްޔިތުންގެ ރުހުމާއި ތާއީދާއި ލޯބި ލިބޭނީ ކޮން ގޮތަކުންތޯ ބަލައިގެން، އެ ގޮތަކަށެވެ. ވިޔަފާރިވެރިން އެއް ލާރި ދެ ލާރިއަށް ހަދަން މަސައްކަތްކުރާހެން ސިޔާސީ ބޭފުޅުންގެ މުޅި ފޯކަސްއަކީ އެއް ވޯޓު ދެ ވޯޓަށް ހެދޭނީ ކިހިނެއްތޯއެވެ. ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ރުހުމާއި ނުރުހުން ވެސް ދައްކަނީ ވޯޓުންނެވެ. އެހެންވެ، ސިޔާސީ ބޭފުޅުން ވައުދުވަނީ ރައްޔިތުންގެ ރުހުން ލިބޭ ގޮތަކަށެވެ. ވެރިކަމަށް ވަޑައިގަންނަވާ ހުރިހާ ރައީސުން ވެސް މަސައްކަތްކުރައްވަނީ ރައްޔިތުންގެ ރުހުން ލިބޭނެ ގޮތަކަށެވެ. ވޯޓު ގިނަވާނީ ކިހިނެއް، ކީއް ކުރިއްޔާތޯ އެއީ އެ މީހުން އަބަދު ވެސް ވިސްނާ އެންމެ މުހިންމު އޭންގަލްއެވެ. އެހެންވެ، ގައުމު އަބަދު ވެސް ދާނީ ރައްޔިތުން ގައުމު ގެންދާ މިސްރާބަކަށެވެ. އެނގިގެން ވިޔަސް ނޭނގި ވިޔަސް ކަން ހިނގާނީ އެ ފިތުރަތުންނެވެ. https://sun.mv/193134 ގާނޫނުއަސާސީ އެކުލަވައިލިއިރު ވިސްނީ ވެސް އެހެންނެވެ. ދައުލަތުގެ ކޮންމެ ލާރިފޮއްޗެއް ޚަރަދު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެންނެވެ. ބޭނުމަކީ ރައްޔިތުންގެ ފައިސާ، ރައްޔިތުން ބޭނުންވާ ގޮތަށް ހޭދަކުރުމެވެ. ބަޖެޓުގައި އިސްކަން ދޭނީ ގިނަ ރައްޔިތުން ބޭނުންވާ ކަންކަމަށެވެ. މުޅި ނިޒާމު ބައްޓަންވެފައި އޮންނަނީ ރައްޔިތުންގެ ރުހުމާއި ތާއީދަށެވެ. ވޯޓު ދޭންވީ އިސްލާހަށް ބޮޑު ދަރަނި ނަގައިގެން ގައުމެއް ނުހިންގޭނެކަން އެންމެންނަށް ވެސް އެނގެއެވެ. އެ ދަރަނި ބޮޑުވެ، އިގުތިސާދު ގޯސްވި ވަރަކަށް އޭގެ ވޭނާއި ކެކުޅުން ވެސް އުފުލަންޖެހެނީ ނިކަމެތި ރައްޔިތުންނެވެ. މޮޅު ގަމީހާއި އަގުބޮޑު ސެންޓު ޖަހައިގެން އުޅޭ ސިޔާސީ މީހުންނަށް ތަދުވާލެއް ކުޑަވާނެއެވެ. މީގެ 20، 25 އަހަރު ކުރިން އޮތް އިސްލާހީ ޖޯޝެއް މިހާރު ނެތެވެ. އޭރު އޮތް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމާ ދެކޮޅަށް މީހުން ތެދުވީ އެއްވެސް ހައްގެއް މިނިވަންކަމެއް ނެތިއެވެ. އެތައް ބަޔަކު އަނިޔާގައި ކުރި ވޭނީ ހަނގުރާމައެއްގެ ނިމުމަކަށްވީ ޖޫން 9، 2004 ގައި އިސްލާހީ އެޖެންޑާއެއް އިއުލާނުކުރައްވަން މައުމޫނަށް މަޖުބޫރުވެވަޑައިގަތުމެވެ. އެއަށް ފަހު، ކުރިން ނުލިބޭ އެތައް ހައްގަކާއި މިނިވަންކަމަކާ އެކު، މިހާރު މި އަމަލުކުރާ ތިން ބާރު ވަކިވެފައި އޮތް ރައްޔިތުންގެ ގާނޫނުއަސާސީ އޮގަސްޓް، 2008 ގައި ތަސްދީގުކުރެއްވުމެވެ. މޭޑޭ 2015ގައި ބޭއްވި އެއްވުން: ރައްޔިތުން ނުރުހުންވީމާ އަބަދު ވެސް އިހުތިޖާޖުކުރޭ -- ސަން ފޮޓޯ/ އަލީ ނަސީރު އެކަމަކު، ސުވާލަކީ އޭރު ބޭނުންވެގެން އުޅުނު 'ހެޔޮ ވެރިކަން ދިވެހީންނަށް ލިބިއްޖެހެއްޔެވެ؟ ހުރިހާ ބާރެއް އޮންނަނީ އަދިވެސް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ. މަޖިލީހާއި މިނިވަން މުއައްސަސާތަކަކީ މިނިވަން ތަނެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. އެހެން އެ ވަނީ ކީއްވެތޯ މިދިޔަ އަހަރު ލިޔުނު ރިޕޯޓަކަށް ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު އަދި އިސްލާހީ ހަރަކާތުގެ މުހިންމު ބައިވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ)އާ ކުރުމުން ވިދާޅުވީ ނިޒާމުގެ މައްސަލައެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. "ރައްޔިތުންނަށް މި ކުރެވެނީ ކީއް ކަމެއް ނޭނގެނީ. ސަރުކާރަށް މާ ބޮޑު މެޖޯރިޓީއެއް ދިނީމާ ދެން ވާނެ ގޮތެއް ވެސް ނުވިސްނެނީ. މީގެ ހައްލަކަށް ވާނީ ހަމަ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ކަންކަމާ ފިކުރުކުރުން. ގައުމުގެ ކަންކަމާ ވިސްނުން. ހޭލުންތެރިވުން،" އޭނާ ވިދާޅުވިއެވެ. "އިން ދަ އެންޑް ހަމަ ރައްޔިތުން ދޯ މި ނިންމަނީ،" https://sun.mv/207329 އެއީ ވަރަށް ބޮޑު ތެދެކެވެ. ގައުމުގެ އިގުތިސާދީ މިސްރާބު ވެސް ކަސިޔާރުވެ، އެއް ގޮތަކަށް ބޮޑު ދަރަނިން ސަލާމަތް ނުވެވިގެން އުޅެންޖެހެނީ ރައްޔިތުން އެ ގޮތް ބޭނުން ނުވާތީއެވެ. ރައްޔިތުން އެ ކަމާ ނުވިސްނާތީއެވެ. ތަކެތީގެ އަގު ބޮޑުވާތީ، ލިބޭ ލާރިން ދެކޮޅު ނުޖެހޭތީ، މި ވަނީ ކީއްތޯ ރައްޔިތުން ފިކުރު ނުކުރާތީއެވެ. އިގުތިސާދީ އިސްލާހާ ރައްޔިތުން ނޭނގި ވިޔަސް ދެކޮޅު ހަދާތީއެވެ. އިސްލާހު ތަންފީޒުނުކުރެވެނީ އެހެންވެ މި އަހަރާއި އަންނަ އަހަރަކީ ދަރަނީގެ ބޮޑު އަހަރެއްކަން 2021 ވަނަ އަހަރުން ފެށިގެން ބޭރުގެ އިދާރާތަކުން 'އިންޒާރު' ދިނެވެ. 'އިސްލާހު ނުކޮށްފިއްޔާ ގޮވާނީ އަތަށޭ' ބުނެ ފާޑަކަށް 'ބިރު ވެސް ދެއްކި'އެވެ. އެކަމަކު، ކޮވިޑުން އަރައިގެންއިރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ދެވަނަ ދައުރެއްގެ ކެމްޕޭން ފައްޓަން ޖެހިވަޑައިގެންފައެވެ. އެހެންވެ، ރައްޔިތުން 'ރުޅި އަރުވާލާފައި' ހިތި ބޭހެއް ބޯންދޭކަށް ސިޔާސީ ގޮތުން އެފޯޑެއް ނުކުރެވޭނެއެވެ. އެ ސަރުކާރުގައި އިސްލާހީ ފިޔަވަޅުތަކެއް ނޭޅި ހުރި މައިގަނޑު ސަބަބަކީ އެއީއެވެ. މި ސަރުކާރުން ވެރިކަމަށް އައި އެ ހަގީގަތް އެނގި ތިބެއެވެ. މި ހަވާލުވެވެނީ ކޮޅިގަނޑަކަށް ދަތުރުކުރާ އޮޑިއަކާކަން އެނގިގެންނެވެ. https://sun.mv/208752 އޮކްޓޫބަރު މަހު ދަރަންޏަށް 500 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ނޮވެންބަރުގައި އިތުރު 100 މިލިއަން ޑޮލަރެއް ދައްކަން ޖެހެއެވެ. އެ ދަރަނިތަކާ އެކު މި އަހަރު އެކަނި ގާތްގަނޑަކަށް 688 މިލިއަން ޑޮލަރު ދައްކަންޖެހޭކަން ބޭރުގެ މާލީ އިދާރާތަކުން އިންޒާރު ދޭތާ ކިތަންމެ އަހަރެކެވެ. އަންނަ އަހަރަކީ ދެތިން އަހަރު ކުރިން ފެށިގެން 'ބޮޑު ދަރަނި' ކިޔާފައި ހެޑްލައިންތަކުގައި ލިޔުނު އެއް ބިލިއަން ޑޮލަރުގެ ދަރަންޏާ ކުރިމަތިލާންޖެހޭ އަހަރެވެ. އެހެންވެ، މި އަހަރަށް ބެޖެޓު ހެދިއިރު ސަރުކާރުން އޮތީ 'އިސްލާހީ ބަޖެޓެއް' އުންމީދުކޮށްގެންނެވެ. ޖުމުލަ 7.7 ބިލިއަން ރުފިޔާގެ އިސްލާހީ އެކި ފިޔަވަޅު ހިމެނިއެވެ. އެކަމަކު، އެއް ކަމެއް ވެސް ތަންފީޒެއް ނުކުރެވުނެވެ. އޭރު ބަޖެޓުގެ މަސައްކަތްކުރީއިރު ފިނޭންސް މިނިސްޓްރީގެ އިސްވެރިން ވަރަށް ގިނައިން ނޫސްވެރިންނާ ބައްދަލުކުރިއެވެ. އިސްލާހީ ފިޔަވަޅުތައް ބުނެދޭށެވެ. އޭރު ވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ތަންފީޒު ނުކުރެވުމެވެ. އެކަމަކު، ތިމަންނަމެންނަށް މި ތަންފީޒުނުކޮށް އިގުތިސާދު ސަލާމަތްނުކުރެވޭނެކަން އެނގެޔޭ، މި ކަމުގައި ވަރަށް ސީރިއަސްއޭ ބުނި ބޭފުޅުންގެ ސީރިއަސްކަން ބަދަލުވީ ޖޯކަކަށެވެ. https://sun.mv/206174 ސިޔާސީ މުވައްޒަފުން މަދެއް ނުވެއެވެ. މުސާރައަށް ކުރާ ހޭދަ މަހުން މަހަށް ހައްތަހާ ބޮޑުވަނީއެވެ. އަހަރުގެ މިހާތަނަށް 8.4 ބިލިއަން ރުފިޔާ މުސާރަ ދޭން އެކަނި ޚަރަދުކޮށްފިއެވެ. މިދިޔަ އަހަރަށްވުރެ 540 މިލިއަން ރުފިޔާ އިތުރެވެ. ދެން އޮތީ ސަބްސިޑީއެވެ. އެއީ ރިފޯމްކުރަން ނިންމި ބޮޑު އެކައްޗެވެ. އެކަމަކު، ރިފޯމް ނުކުރެވި، 1.8 ބިލިއަން ރުފިޔާ ޚަރަދުވެއްޖެއެވެ. ފަސް މަސް އޮއްވާ ސަބްސިޑީ ބަޖެޓު އެކީ ހުސްވެއްޖެއެވެ. ޕެންޝަން އިސްލާހުކުރަން އިއުލާނު ވެސް ކުރިއެވެ. އެކަމަކު، ރައްޔިތުން 'ރުޅި އައިމާ' އަނބުރާ ގެންދެވީއެވެ. އާސަންދައަށް ވެސް ވެފައި އޮތީ އެހެންނެވެ. މި އަހަރު އެކަނި ވެސް 1.2 ބިލިއަން ރުފިޔާ ބޭހަށް ޚަރަދުވެއްޖެއެވެ. އިސްލާހެއް ނުކުރެވެއެވެ. މަދެއް ނުވެއެވެ. "ރައްޔިތުން ރުހުން ނެތި ސަރުކާރަކަށް ރައްޔިތުންނަށް ދޭ ޚިދުމަތެއް ކަނޑައެއް ނުލެވޭނެ. އަމުދުން ބޭސް ފަރުވާއާއި އެ މީހުންނަށް ޑައިރެކްޓްކޮށް ލިބޭ ލާރިއެއް. އެހެންވެ، ދެން ރައީސް ނިންމެވީ އިސްލާހުތަކުގެ ބަދަލުގައި ހިނގާށޭ މަޝްރޫއުތައް މަޑުޖައްސާލައި، ސަރުކާރު ކުންފުނިތައް ލައްވާ ކުރުވައިގެން ޚަރަދު ކުޑަކުރަން،" ސަރުކާރުގެ އިސް ބޭފުޅަކު، ނިންމުން ބަދަލުވި ގޮތް ކިޔައިދެއްވިއެވެ. https://sun.mv/203651 ރައްޔިތުންގެ ވިންދާ އެއްގޮތަށް އިސްލާހީ އެޖެންޑާ ވެސް އިސްލާހުވީއެވެ. ދެން ޚަރަދު ކުރާނީ ސަރުކާރު ކުންފުނިތައް ލައްވާ 'ކޮސްޓް ޕްރައިސް'ގައި މަޝްރޫއުތައް ހިންގައިގެން ކަމަށް އިއުލާނުކުރި ނަމަވެސް ހަގީގަތުގައި ސަރުކާރުން ޖެހުނީ 'ހިތި ބޭސް ބުއިން' ނޫނިއްޔާ މިހާރުގެ ބަހުން ނަމަ 'ގަރުދިޔަ ބުއިން' އެކީ ހަނދާން ނައްތާލާށެވެ. ޖިމް އަޅަން އެއާޕޯޓު ހިންގާ އެމްއޭސީއެލަށް ވެސް ދޭންޖެހެނީއެވެ. ކްލާސްރޫމް ހަދަން ފުލެޓުތައް ބަލަހައްޓާ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރަން ޖެހެނީ ވެސް މަޝްރޫއު ނުހިންގާތީ ރައްޔިތުން ރުޅި އަންނާތީއެވެ. ތަދު ވެސް ވާނީ ރައްޔިތުންނަށް އިސްލާހީ އެޖެންޑާ ތަންފީޒުނުވެ، އިގުތިސާދު އިސްލާހު ނުވީމާ އެ ތަދު އިހުސާސްކުރަން ޖެހޭނީ ވެސް ރައްޔިތުންނެވެ. ތަކެތީގެ އަގު ބޮޑުވީމާ އެ އުނދަގޫ ވާނީ އާންމު މީހާއަށެވެ. ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އަރައި ރުފިޔާގެ އަގު ގާތްގަނޑަކަށް 30 އިންސައްތަ ވެއްޓުނީމާ ދެކޮޅު ނުޖެހެނީ ވެސް ނިކަމެތި މީހާއެވެ. އާފަލެއް 12 ރުފިޔާއަށް އެރީމާ އެ ނުކެވޭނީ ވެސް އާންމު މީހާއަށެވެ. މި ހުރިހާ ކަމަކީ ވެސް އިގުތިސާދީ އިސްލާހީ އެޖެންޑާ ތަންފީޒުނުކުރެވުމުގެ ނަތީޖާއެވެ. އިގުތިސާދު ހީނަރުވުމުގެ ދެރައެވެ. އުމުރުން ދުވަސްވީ މީހަކު ވޯޓުލަނީ: ވޯޓަކީ ރައްޔިތުންގެ ބަސް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަތީމާ ކޮންމެ ރަށަކުން ވެސް ވިދާޅުވަނީ މަޝްރޫއުތަކާއި އެވެނި މިވެނި ކަމެއް ބޭނުންވާ ވާހަކައެވެ. މަޝްރޫއުތައް ލަސްވަނީ ކީއްވެތޯ ކުރާ ސުވާލާއި ޝަކުވާއެވެ. އެހެން އެ ވަނީ ސަރުކާރުން ވެސް އިގުތިސާދީ ހާލަތާ މެދު ތެދު ބަހުން ވާހަކަނުދައްކާތީއެވެ. ހުރިހާ ކަމެއް ރަނގަޅޭ ވިދާޅުވާތީއެވެ. އާރޯކަމާއި ތާޒާކަމާއި ރޯޝަންކަމުގެ ހުވަފެން ދައްކާތީއެވެ. ދޭން ވައުދުވި ފެނަކަ ވަޒީފާ ކޮބައިތޯއާއި މި ރަށު ފުޓްސަލް ދަނޑު ނިމޭނީ ކޮން ދުވަހަކުންހޭ އަހާހެން ދަރަނި ދެއްކޭނެތޯއާއި ޑޮލަރު ރޭޓު ކުޑަވާނެ ދުވަހެއް ބުނެދޭށޭ އަހަން ފެށީމާ ސިޔާސީ މީހުންގެ ފޯކަސް ވެސް ބަދަލުވާނެއެވެ. ރާއްޖޭގެ މިސްރާބު ގޯސްކޮށް ހުރީނަމަ އެއީ ރައްޔިތުންގެ ވެސް މައްސަލައެވެ. ގައުމު ދަތުރުކުރަނީ ރައްޔިތުން ދެއްކި މިސްރާބަކަށެވެ. ސިޔާސީ ބޭފުޅުން ނައްޓަވާނީ ރައްޔިތުން ޖަހާ ބެރަށެވެ. ގައުމުގެ މިސްރާބާއި ދާންވީ ސްޕީޑާއި ހުރިހާ ކަމެއް ވެސް ނިންމަނީ ރައްޔިތުންނެވެ. މުޅި ނިޒާމު ބައްޓަންވެފައި، ހިނގަމުން އަންނަނީ އެ މޭރުމުންނެވެ. އެނގިގެން ވިޔަސް ނޭނގި ވިޔަސް ގޮތް މި ނިންމަނީ ރައްޔިތުންނެވެ. ގައުމުގެ މިސްރާބު ސީދާ ވާނީ ރައްޔިތުން ސީދާ ކުރިއްޔާއެވެ. އެހެންވެ، ފުރަތަމަ އިސްލާހު ވާންވީ ރައްޔިތުންނެވެ. އަހަރެމެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ