ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީއިން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރާ އެއްގޮތަށް ދެކުނު ކޮރެޔާއިން ވެސް އޭނާ ހައްޔަރު ކުރަން ޖެހޭ ކަމަށް އެ ޤައުމުގެ ރައީސް ލީ ޖޭ މްޔަންގ ވިދާޅުވެއްޖެެއެވެ.
ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޞުމޫދް ފްލޮޓިއްލާގެ ދަށުން ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި އުޅަނދުތަކަކަށް އަރައި، އެ އުޅަނދުތަކުގައި ތިބި 87 މީހުން ވަގަށް ނަގައިފައެވެ. ޞުމޫދް ފްލޮޓިއްލާގައި ހިމެނޭ 54 އުޅަނދު ޣައްޒާގެ މިސްރާބަށް ދަތުރުކުރަމުން ދަނިކޮށް، ޔަހޫދީ ފައުޖުން އެ އުޅަނދުތަކަށް ޙަމަލާދީ، ހިފަހައްޓާފައި ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ. އެ އުޅަނދުތަކުގައި ދެކުނު ކޮރެޔާގެ ރައްޔިތުން ވެސް ތިއްބެވެ.
އެ ހާދިޘާއާ ގުޅިގެން ދެކުނު ކޮރެޔާގެ ރައީސް ވަނީ ޔަހޫދީ އަސްކަރިއްޔާގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. ދެކުނު ކޮރެޔާގެ ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ލީ ވަނީ ޔަހޫދީ އަސްކަރިއްޔާއިން ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް އަތުލައިގެންފައި ވަނީ ޤާނޫނީ ގޮތުން ކޮން ބާރެއް ލިބިގެންތޯ ސުވާލުކުރައްވައިފައެވެ. އަދި އެ އުޅަނދުތައް ހިފަހައްޓާފައި ވަނީ ޔަހޫދީ ކަނޑުގެ ސަރަޙައްދަށް ވަދެފައިވަނިކޮށްތޯ އާއި ފާހަގަކޮށްފައިވާ އެއްވެސް އިމެއް ހުރަސްކުރުމުންތޯ އޭނާ ވަނީ ސުވާލުކުރައްވައިފައެވެ.
ލީ އިތުރަށް ވިދާޅުވީ ވިލާތުގެ ހުރިހާ ޤައުމަކުން ހެން ނަތަންޔާހޫ ހައްޔަރު ކުރުމަށް އަމުރުތައް ނެރެފައިވާ ކަމަށެވެ. އަދި އެ ޤައުމުތަކުގެ ސަރަޙައްދަށް ނަތަންޔާހޫ ވަދެއްޖެ ނަމަ އޭނާ ހައްޔަރު ކުރާނެ ކަމަށް އެ ޤައުމުތަކުން ބުނެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދެކުނު ކޮރެޔާއިން ވެސް އެ ފަދަ ފިޔަވަޅެއް އެޅުމާ މެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ޤައުމަކުން ވެސް ޢަމަލުކުރަން ޖެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުޞޫލުތައް ހުންނަ ކަމަށާއި، އެ ހުރިހާ ޤާނޫނުތަކާއި އުޞޫލުތަކަކާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ އެ ކަމާ މެދު އަޅައިނުލާ ދޫކޮށްލެވޭ ވަރުގެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޔަހޫދީން ޣައްޒާއަށް އަރައި އެ ސަހަރު އިސްތިއުމާރު ކުރުމަކީ ވެސް ބައިނަލްއަޤްވާމީ ޤާނޫނުގައި ކުށެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަތަންޔާހޫ ހައްޔަރުކުރުމަށް ދެކުނު ކޮރެޔާގެ ރައީސް ބާރުއަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ