މާލޭގެ މާރުކޭޓު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށުން ލަސްވަނީ ތަކުރާރުކޮށް އެދިގެން ވެސް ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވަނިކޮށް، އެއީ ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ތަނެއް ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
ޒަމާނީ ވަސީލަތްތަކާ އެކު މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީ ކުރުމުގެ މަޝްރޫއު ޓްރަސްޓެންގް މޯލްޑިވްސްއާ ވަނީ މިދިޔަ މާޗު މަހުގެ 15 ގައި ހަވާލުކޮށްފަ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއު ފެށުމަށް ބިން ހަވާލުކޮށްދިނުމަށް އެދި ހަތަރު ފަހަރެއްގެ މަތިން ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު ދެ މަސްވީއިރު ވެސް ބިން ހަވާލުކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު، އަމިނަތު ޝަތުފާ ވިދާޅުވީ ކައުންސިލްގެ މިދިޔަ ދައުރުގައި އެ ބިން އޮތީ ދެ ކުންފުންޏަކާ ހަވާލު ކޮށްފައި ކަމަށެވެ. އަދި އެއްބަޔަކާ އެކު، އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މިހާރު ކުރެހުންތައް ވެސް ވަނީ ފާސްކޮށްފައި ކަމަށް އޭނާ ވިދާޅުވެ އެވެ. އެގޮތަށް އެއްބަސްވިޔަސް އެ ބިން އޮތީ އެހެން ބަޔަކަށް ވެސް ދޫކޮށްފައި ކަމަށް ވާތީ އެ ބިން ދެން ހަވާލުކުރެވޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ރަނގަޅީ ކޯއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 20 ގައި ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައި ވެސް ވިދާޅުވެފަ އެވެ.
އާޒިމް އޭރު ވިދާޅުވި ގޮތުގައި ދެވަނަ އެއްބަސްވުން ހަދާފައި އޮތީ މޭޔަރު ކަމުގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމަށް ފަހު، އެ މަނިކުފާނު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމުން އެ މަގާމު ހުސްވެފައި އޮތް ދުވަސްވަރު އެވެ. ދެވަނަ އެއްބަސްވުން ހަދާފައި އޮތީ ބިޑް ކޮމިޓީގެ ނިންމުމާ ހިލާފަށް އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ.
އާޒިމް ވިދާޅުވެފައި ވަނީ ފުރަތަމަ އެއްބަސްވުމުގައި މާބޮޑު މައްސަލަތަކެއް ނެތް ނަމަވެސް ދެވަނަ އެއްބަސްވުން ހަދާފައި އޮތީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އޭގައި ސޮއިކޮށްފައި އޮތީ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު އަލީ ނަސީރު ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވެފައިވާ ގޮތުގައި ފުރަތަމަ އެއްބަސްވުން ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށް ކަމަށް ވިޔަސް ފަހުގެ ކޮންޓްރެކްޓް ހަދާފައިވަނީ 9.6 މިލިއަން ޑޮލަރަށެވެ. އެކަމަކު ދެވަނަ އެއްބަސްވުން ހަދަން ޖެހުނީ ކީއްވެކަން އަދި ނޭނގޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ބާއްވަން މަސައްކަތްކުރި ނަމަވެސް އެ މައްސަލަ އެޖެންޑާ ކުރާ ކޮންމެ ފަހަރެއްގައި ވެސް ކޯރަމް ހަމަނުވެގެން ޖަލްސާތައް ކުރިއަށް ނުގެންދެ އެވެ.
ކައުންސިލުން ހަދާފައިވާ ދެ ވަނަ އެއްބަސްވުމާ ގުޅިގެން އާޒިމް ވިދާޅުވީ 9.6 މިލިއަން ޑޮލަރަކީ އެ ތަން ހެދުމަށް ދޭންޖެހޭ ފައިސާ ކަމަށާއި އެއީ ކައުންސިލަށް ދެއްކޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އެ ބިން އެއްކޮށް ލިބޭ ގޮތަށް ވެސް އޮތީ އެތަން ނެގި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވަނަ ކަންބޮޑުވުމެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވީ ދެވަނަ އެއްބަސްވުން ހެދި ގޮތް އެނގެން ނެތުމެވެ. އެތަނުގެ ރައިޓްސް ޓްރާންސްފާވީ ގޮތް އެނގިވަޑައިނުގްނަނަވާ ކަމަށާއި ކުރީގެ އެއްބަސްވުމާއި ފަހުގެ އެއްބަސްވުމުގައި އޮތީ ވެސް އެއް ނަމްބަރެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
އެހެންވެ، މުޅި ޕްރޮޖެކްޓް އޮތީ އޮޅުންބޮޅުމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
The most trusted news source in the Maldives
އެ މައްސަލަ ވަނީ އޭސީސީއަށް ވެސް ހުށަހަޅައިފަ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވެޓް މާކެޓް ކޮމްޕްލެކްސް ފަރުމާކޮށްފައި ވަނީ ޒަމާނީ ފެންވަރަށް މާރުކޭޓުގެ ހިދުމަތް ދެވޭ ގޮތަށް ކަަމަށެވެ. އިމާރާތުގެ ބޭސްމަންޓު ޕާކިން ޖާގައަށް ހާއްސަ ކޮށްފައިވާއިރު ގްރައުންޑު ފްލޯ މަސް މާރުކޭޓަށް އަދި ފުރަތަމަ ފްލޯ އާއި ދެ ވަނަ އަދި ތިން ވަނަ ފްލޯގައި ހުންނާނީ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އާއި ތަރުކާރީ މާރުކޭޓެވެ. ޓެރަސްގައި ފުޑް ކޯޓެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.
މިނިސްޓްރީން ބުނީ މަޝްރޫއު ފެށުމަށް ބޭނުންވާ ފައިނޭންސް ވެސް ކުންފުނިން ވެސް ހަމަޖައްސާފައިވާ ކަމަށާއި އެކަމަކު އެ މަޝްރޫއު މިހާރު ނުފެށި އޮތް ހަމައެކަނި ސަބަބަކީ ސިޓީ ކައުންސިލުން ބިން ނުދީ އޮތުން ކަމަށެވެ.
"މި މަޝްރޫއު ގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމަ ތައްޔާރުވީ ނަމަވެސް މި މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިނުވުމެވެ،" އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
The most trusted news source in the Maldives
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 117 މިލިއަން ރުފިޔާ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ފައިސާ އަނބުރާ ދައްކަން ހަމަޖެހިފައި ވަނީ 50 މަސް ދުވަހަށް ބަހާލައިގެންނެވެ. އެ ތަނުގެ މަސައްކަތް އެއްކޮށް ނިމޭއިރު ހަ ބުރިއަށް އިމާރާތްކޮށް އެ ތަނުގައި 85،000 އަކަފޫޓުގެ ޖާގަ ލިބޭނެ އެވެ.
މާރުކޭޓު ބިން ނުދީ ލަސްވަނީ އެތަން އެހެން ދެ ކުންފުންޏަކަށް ދީފައި އޮތުމުން: ސިޓީ ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ