ޖޭއެސްސީގައި ރައީސް ތަމްސީލްކުރައްވާ މެންބަރަކަށް ނަސީރު އައްޔަންކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރުގެ މަގާމަށް ފުލުހުންގެ ބޯޑުގެ މެންބަރުކަން ކުރެއްވި އަލީ ނަސީރު ގާސިމް މިއަދު އައްޔަންކުރައްވައިފި އެވެ.
ވީކިހިނެއް؟ - ޖޭއެސްސީގައި ރައީސް މުއިއްޒު ތަމްސީލްކުރައްވާ މެންބަރު ކަމުގެ މަގާމު ހުސްވަނީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒުމީދު މުހައްމަދު ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.
އޭނާގެ ބަދަލުގައި ނަސީރު އެ ކޮމިޝަނަށް އައްޔަންކުރުމަށް ރައީސް އޮފީހުގައި ރަސްމިއްޔާތު ވަނީ ބާއްވައިފަ އެވެ.
ތަފްސީލް - ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ނަސީރު ވަނީ ކޮމިޝަނުގެ މެންބަރުކަމުގެ ހުވާކުރައްވައި ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ނަސީރަށް، ރައީސް މުއިއްޒު ހަވާލުކުރައްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ - އަލީ ނަސީރު މީގެ ކުރިން މަސައްކަތްކުރެއްވީ ފުލުހުންގެ އިންޓެލްގަ އެވެ. މި މަގާމަށް އައްޔަންކުރުމުގެ ކުރިން ހުންނެވި ޕޮލިސް ބޯޑުގެ މެންބަރުކަމުގަ އެވެ.
އެނގުން މުހިންމު - ރައީސްގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ޔަޒުމީދު އިސްތިއުފާ ދެއްވުމުގެ މަހެއްހާ ދުވަސް ކުރިން އޭނާ ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވި އެވެ. އެ އޯޑިއޯގައި ޔަޒުމީދު ކަމަށް ބެލެވޭ ފަރާތުން ވާހަކަ ދައްކަނީ މިދިޔަ ކައުންސިލް އިންތިހާބުގައި އޭނާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ނުޖެހޭ ކަމަށް ބުނެ އެވެ.
ރައީސް މުއިއްޒުގެ މެމްބަރުގެ ގޮތުގައި ޖޭއެސްސީގައި އެންމެ ފުރަތަމަ އިންނެވީ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލު މުހައްމަދު ސަމީރެވެ. ސަމީރު ވަކިކުރައްވައި ޔަޒްމީދު އެ ކޮމިޝަނަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ޔަޒްމީދަކީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
ޔަޒްމީދު އިސްތިއުފާ ދެއްވިއިރު އޭނާ ހުންނެވީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އެހެންވެ ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ވެސް އޮތީ ހުސްކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ