ވޯލްޑް ކަޕަށްދާ ބްރެޒިލް ޓީމަށް ނެގުމުން އުފަލުން ގޮސް އެތައް އިރެއް ވަންދެން ރުއި ކަމަށް ފޯވަޑް ނޭމާ ސަންޓޯސް ބުނެފި އެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަނިޔާގެ ސަބަބުން ގައުމީ ޓީމަށް ނުކުޅެ ހުރި ކުޅުންތެރިޔާ އަށް ވޯލްޑް ކަޕް ޓީމުން ޖާގަ ލިބިދާނެ ކަމާމެދު އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. ސަބަބަކީ އޭނާ އަދިވެސް މުޅިން ފިޓްނުވާތީ އެވެ.
ކޯޗު ކާލޯ އަންޗެލޯޓީ މިހާތަނަށް ވަރަށް ހަރުކަށިކޮށް ބުނަމުން ދިޔައީ އޭނާގެ ޓީމުން ޖާގަ ލިބޭނީ 100 ޕަސެންޓް ފިޓް ކުޅުންތެރިންނަށް ކަމަށެވެ. ނަމަވެސް ފަހު ވަގުތު ގިނަ ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކާ ވެސްއެކު ޓީމުގައި ނޭމާ ހިމެނީ ޝަރުތުތަކަކާ ވެސް އެކުގަ އެވެ. އެއީ ފުރަތަމަ 11 އަށް ނޭރި ނަމަވެސް މައްސަލަ ނުޖެއްސުމަށާއި ޓީމު ތެރޭގައި އެކުވެރިކަން ގެއްލުވާ ނުލުމާއި އަންޗެލޯޓީގެ އެއްވެސް އުސޫލަކާ ހިލާފު ނުވާނެ މަތީންނެވެ. މީގެ ތެރޭގައި އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނާއި ލޯބިވެރިންނަށް ވެސް ބައްދަލު ކުރަން ވަކި ވަގުތެއްނޫނީ ނާދެވޭ ގޮތަށް ވެސް އެބައޮތެވެ.
"އަހަރެން ވަރަށް ރުއިން އެތައް އިރެއް ވަންދެން. ސަބަބަކީ އަހަރެން މިކަމަށް ކުރި މަސައްކަތުގެ ސަބަބުން. އަހަރެން ފަހު ވަގުތާ ހަމައަށް ވެސް ޔަގީން ކަމެއް ނެތް އަހަރެން ޓީމުގައި ހިމަނާނެ ކަމުގެ. އެކަމަކު މިއީ އަހަރެންނާއެކު އުޅުނު އެންމެނަށް ލިބުނު ކާމިޔާބީ އެއް. އަހަރެންނަށް އެހީތެރިވެދިން އެންމެން ހިއްސާވާނެ ކާމިޔާބީއެއް،" ސަންޓޯސްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކުރިމަތީގައި ހުރެ ނޭމާ ބުންޏެވެ.
އުމުރުން 34 އަހަރުގެ ފޯވަޑް ބުނީ މިއީ އޭނާގެ ހަތަރު ވަނަ ވޯލްޑް ކަޕަށްވާއިރު ހަ ވަނަ ފަހަރަށް ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދޭން އެހީތެރިވާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ނަމަވެސް ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ފަހުން އޭނާގެ ފޯމު ވަނީ ވަރަށް ބޮޑަށް ކަޓާފަ އެވެ. އޭނާ ޓީމަށް ނެގުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ އުފާފާޅު ކޮށްފަ އެވެ. ނޭމާ އަކީ ފޯމު ކަޓާފައި ހުއްޓަސް ބްްރެޒިލްގައި އަދިވެސް އެންމެ މަޝްހޫރު ކުޅުންތެރިޔާ އެވެ.
އެތައް އިރެން ވަންދެން ނޭމާ ރުއީ ބްރެޒިލް ޓީމަށް ނެގުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ