ވޯލްޑްކަޕުގައި މިސްރުގެ ކެޕްޓަނަކަށް ސަލާހު، ސްކޮޑް ނެރެފި

މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕުގެ މިސްރުގެ 27 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނި މިސްރުގެ ކެޕްޓަންކަމުގެ ރޯލަށް އައުން އެންމެ ބޮޑީ ޓީމުގެ ތަރި މުހައްމަދު ސަލާހެވެ.
މިސީޒަނަށްފަހު 9 އަހަރު ފަހުން ލިވަޕޫލް ދޫކޮށްލާ 33 އަހަރުގެ ފޯވާޑް ވަނީ 115 މެޗުން 67 ގޯލު މިސްރަށް ކާމިޔާބުކޮށްދީފަ އެވެ. އޭނާއާއެކު މެންޗެސްޓަރ ސިޓީގެ އޮމަރ މާރމޯޝް އަދި ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅޭ 18 އަހަރުގެ ހަމްޒާ އަބްދުލްކަރީމް ވެސް ވަނީ މިފަހަރުގެ 27 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނިފަ އެވެ.
ނާންޓޭސްގެ ފޯވާޑް މުސްތަފާ މުހައްމަދަށް މިސްކޮޑުން ޖާގަ ނުލިބުނުއިރު މިމަހު 28 ގައި ރަޝިއާއާ ދެކޮޅަށް ކައިރޯގައި ކުޅޭ އެކުވެރިކަމުގެ މެޗަށްފަހު ހެޑް ކޯޗު ހޮސާމް ހަސަން އަދި އެއް ކުޅުންތެރިޔަކު ސްކޮޑުން އުނިކުރާނެ އެވެ. އެއީ 26 ކުޅުންތެރިންނަށް ފީފާއިން ދީފައިވާ މިންގަނޑުގެ ތެރެއިން ސްކޮޑް ފައިނަލް ކުރުމަށެވެ.
ރަޝިއާގެ އިތުރުން 6 ޖޫންގައި ކްލީވްލޭންޑްގައި މިސްރުން ބްރެޒިލާއި ދެކޮޅަށް ވެސް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިފަހަރުގެ ވޯލްޑްކަޕް އޮތްގޮތުން މިސްރު އޮތީ ގްރޫޕް ޖީގަ އެވެ.
މިގްރޫޕުގައި އަންނަ ޖޫން މަހު 15 ގައި މިސްރުން ފުރަތަމަ މެޗުގައި ނުކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ. 22 ޖޫންގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭއިރު 27 ގައި ނުކުންނާނީ އިރާނާ ދެކޮޅަށެވެ.
ފުރަތަމަ ފަހަރަށް 48 ޓީމަށް އިތުރުކޮށްގެން ކުޅެވޭ މިފަހަރުގެ ވޯލްޑްކަޕް ކުރިއަށްދާނީ އަންނަ ޖޫން 11 އިން ފެށިގެން ޖުލައި 19ގެ ނިޔަލަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގަ އެވެ. މިއީ 3 ގައުމެއްގައި ވޯލްޑްކަޕް ބާއްވާ އެންމެ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ