ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ވީޑިއޯ މުބާރާތެއް ހިއުމަން ރައިޓްސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ. އެޗްއާރްސީއެމް އިން ބުނީ މި މުބާރާތަކީ ނޭދެވޭ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
"ބްރޭކިންގ ދަ ސައިލެންސް: ވައި ސްޕީކިންގް އަޕް މެޓަރސް" ނުވަތަ "ހަނުހުރުން ހުއްޓާލުން: ބަސްބުނުމުގެ މުހިންމުކަން" މި ޝިއާރުގެ ދަށުން ބާއްވާ މި މުބާރާތް ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މި މުބާރާތަކީ ވަކިވަކި ފަރުދުންނަށާއި ގްރޫޕްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. ބައިވެރިން ހުށަހަޅަންވާނީ 40 ސިކުންތާއި 60 ސިކުންތާ ދެމެދުގެ ދިގުމިނުގެ، މަންޒަރާއި އަޑު ސާފު، ލޭންޑްސްކޭޕް ފޯމެޓްގެ ކުރު ވީޑިއޯތަކެވެ. ވީޑިއޯތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ހުށަހެޅިދާނެއެވެ. ނަމަވެސް އެހެން ބަހަކުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ނަމަ، އިނގިރޭސި ސަބްޓައިޓަލް ހިމަނަންވާނެއެވެ.
އެޗްއާރްސީއެމް އިން ބުނީ މި މުބާރާތުގެ މަގްސަދަކީ ޒިންމާދާރުކުރުވުމާއި، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމާއި، އަދި ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން އާންމުންގެ ބައިވެރިވުން އިތުރުކުރުމެވެ. މީގެ އިތުރުން ކޮރަޕްޝަނާއި، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާއި، އަދި އެނޫންވެސް ނޭދެވޭ އަމަލުތައް ހުއްޓުވުމުގައި ފަރުދުންނަށް އަދާކުރެވިދާނެ ދައުރާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުން މީގެ ތެރޭގައި ހިމެނެއެވެ.
އެޗްއާރްސީއެމް އިން ބުނީ މި މުބާރާތަށް ހުށަހެޅިދާނެ މައުޟޫއުތަކުގެ ތެރޭގައި ކޮރަޕްޝަނާއި ނޭދެވޭ އަމަލުތައް ހާމަކުރުމާއި ރައްކާތެރިކަމާއެކު ރިޕޯޓްކުރުން، ނޭދެވޭ އަމަލުތަކާ ދެކޮޅަށް އަޑުއުފުލުން، ރިޕޯޓްކުރާ ފަރާތްތަކަށް ދޭ ބަދަލުހިފުމުގެ އަމަލުތަކުން ރައްކާތެރިކަން ހޯދައިދިނުން، ނަޒާހަތްތެރިކަމާއި ޒިންމާދާރުކަން، ނޭދެވޭ އަމަލުތައް ރިޕޯޓްކުރުމުގެ ހިތްވަރު، އަދި ދެފުށް ފެންނަ ނިޒާމަކާއި އިންސާފު ގާއިމުކުރުމަށް ބާރުއެޅުން ހިމެނެއެވެ.
ބައިވެރިން ފުރިހަމަކޮށްފައިވާ ވީޑިއޯއާއި ސަބްމިޝަން ފޯމު 10 ޖޫން 2026 ގެ ނިޔަލަށް ހުށަހަޅަންޖެހޭނެއެވެ/ ވީޑިއޯތައް ގޫގަލް ޑްރައިވްއަށް އަޕްލޯޑް ކުރުމަށްފަހު، އީމެއިލްގެ ސަބްޖެކްޓްގައި "World Whistleblower Day Short Video Competition 2026" ޖެއްސެވުމަށްފަހު [email protected] އަށް ހިއްސާކުރަން ޖެހޭނެއެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި، ހުށަހަޅާފައިވާ ވީޑިއޯތައް ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކުރާނީ މައުޟޫއާ ގުޅޭ މިންވަރަށާއި، ދޭން ބޭނުންވާ މެސެޖު ފޯރުކޮށްދެވިފައިވާ މިންވަރަށާއި، އުފެއްދުންތެރިކަމުގެ އިތުރުން ޕްރޮޑަކްޝަންގެ ފެންވަރަށް ބަލައިގެންނެވެ. މީގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު 10 ވީޑިއޯ އާންމުންގެ ވޯޓަށް ހުޅުވާލެވޭނެއެވެ. މި ވީޑިއޯތައް 14 ޖޫން 2026 އިން ފެށިގެން ޑަބްލިއުބީޕީޔޫ (WBPU) އަދި އެޗް.އާރް.ސީ.އެމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެއެވެ. ވީޑިއޯތަކަށް އާންމުންގެ ވޯޓުލުން ބަންދުވާނީ 22 ޖޫން 2026 ގެ ހެނދުނު 10:00 ގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެއެވެ.
އެންމެ މޮޅު ތިން ހުށަހެޅުމަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 5,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ، އަދި ތިންވަނައަށް 1,500 ރުފިޔާ ލިބޭނެއެވެ. މޮޅުވި ފަރާތްތައް އިޢުލާންކުރާނީ 23 ޖޫން 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަރްލްޑް ވިސުލްބްލޯވަރ ޑޭ" ގެ މުނާސަބަތުގައެވެ. އަދި މި ޙަފުލާގައި ހޮވާލެވޭ ބައެއް ވީޑިއޯތައް ދައްކާލުންވެސް އޮންނާނެއެވެ.
މުބާރާތުން ހޮވިގެންދާ ވީޑިއޯތައް އެ ވީޑިއޯ އުފެއްދި ފަރާތްތަކުގެ ނަން ހިމެނޭނެހެން ކުރިއަށް އޮތްތަނުގައި ޑަބްލިއުބީޕީޔޫގެ ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކުގައި ބޭނުންކުރެވިގެން ދާނެކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.
ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް ވީޑިއޯ މުބާރާތެއް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ