ރައްޔިތުންގެ ޝަކުވާ ހުށަހެޅުމަށް އުފެއްދި އޮފީހަށް އިސްވެރިޔަކު އައްޔަންކުރައްވައިފި

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށްޓަކައި ރައީސް އޮފީހުގައި ގާއިމުކުރެއްވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ އިސްވެރިޔަކަށް، މިނިސްޓަރުގެ ފެންވަރުގައި ޑރ. މުޙައްމަދު މާހިދު ޝަރީފު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޑރ. މާހިދު ވަނީ ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓަރ މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.
އެނާގެ ބެއްލެވުމުގެ ދަށުން ހިންގާ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަކީ، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މިފަދަ އޮފީހެއް ގާއިމުކުރެއްވުމަށް ރައީސް ނިންމެވިކަން އިޢުލާންކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި ބިއުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވަގުތުން ހައްލު ހޯދައިދިނުމަށް ރައީސް އޮފީހުގައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ