މި އަހަރުގެ އޭޕްރީލް މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 13 އިންސައްތަ ވަނީ ދަށަށް ގޮސްފަައި ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންމެ ފަހުން އާންމުކުރި އޭޕްރީލް މަހުގެ ރިޕޯޓުން ދައްކައިފިއެވެ. މިއީ ފަތުރުވެރިން އައި މިންވަރު މަދުވުމާ ގުޅިގެން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސްގެ އާމްދަނީއަށް އައި ހީނަރުކަމެކެވެ.
ރިޕޯޓުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 174.9 މިލިއަން ރުފިޔާ، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ 152.0 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ. މިއީ 22.9 މިލިއަން ރުފިޔާ ނުވަތަ 13 އިންސައްތައިގެ ދަށްވުމެކެވެ. އޭޕްރީލް މަހު ލިބުނު ޖުމްލަ އާމްދަނީގެ 5.8 އިންސައްތަ ހިއްސާކުރަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ. މީގެ އިތުރުން، ޑޮލަރުން ލިބުނު އާމްދަނީގެ ތެރެއިން 10 މިލިއަން ޑޮލަރު ހިއްސާކުރަނީ މި ފީއެވެ.
މީރާއިން ހާމަކުރި ގޮތުގައި، އާމްދަނީ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ފަތުރުވެރިން އައި މިންވަރު މަދުވުމެވެ. މީގެ ސަބަބުން ފަތުރުވެރިކަމާ ގުޅުންހުރި އެކި ދާއިރާތަކުން ލިބޭ އާމްދަނީއަށް ވަނީ އަސަރުކޮށްފައެވެ. އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ މާޗް މަހު ފަތުރުވެރިން އައި މިންވަރު 19.8 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. މީގެ ސަބަބުން އެއާޕޯޓް ޓެކްސް އާއި ފީ، ގްރީން ޓެކްސް އަދި ޓޫރިޒަމް ޖީއެސްޓީ ފަދަ، ފަތުރުވެރިކަމާ ސީދާ ގުޅުންހުރި ޓެކްސްތަކުން ލިބުނު އާމްދަނީ ވަނީ މަދުވެފައެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އިތުރުން، ދަތުރުފަތުރާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީ ވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު 177.9 މިލިއަން ރުފިޔާ، މި އަހަރު ވަނީ 152.0 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 185.3 މިލިއަން ރުފިޔާ ވަނީ 185.0 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ. މީގެ އިތުރުން ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ މަދުވެފައެވެ.
ފަތުރުވެރިން މަދުވެ އޭޕްރީލް މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ 13 އިންސައްތަ ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ