މިދިޔަ މަހު ޒަކާތުން 3.8 މިލިއަން ޚަރަދުކުރި، އެންމެ ބޮޑު ޚަރަދެއް ބޭސް ފަރުވާގެ އެހީއަށް
މިދިޔަ މަހު މުދަލު ޒަކާތުން 3.8 މިލިއަން ރުފިޔާގެ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރީ ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ އިދާރާއިން މިއަދު ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރުގެ އޭޕްރީލްގައި ޒަކާތު ފަންޑުން ހޭދަކޮށްފައިވަނީ 2.8 މިލިއަން ރުފިޔާއެވެ. އެކަމަކު، މި އަހަރުގެ އެ މުއްދަތުގައި ކުރި ހޭދަ ވަނީ 3.8 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި، ޒަކާތު ފަންޑުން ޚަރަދުކޮށްފައިވަނީ ތިން ބަޔަކުންނެވެ. އޭގެ ތެރެއިން އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ފީ ސަބީލިﷲ ބައިންނެވެ. އެ ބައިން އެކަނި ވެސް ޖުމުލަ 2.17 މިލިއަން ރުފިޔާގެ ހޭދަކޮށްފައިވެއެވެ. އޭގެ އިތުރަށް، ފަގީރުންނާއި މިސްކީނުންގެ ބައިން 1.4 މިލިއަން ރުފިޔާއާއި އާލިމުންގެ ބައިން 195،000 ރުފިޔާ ހޭދަކޮށްފައިވެއެވެ. ފިތުރު ޒަކާތް ބަލައިގަންނަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ ވަކިވަކި ބައިތަކުން ކުރި ޚަރަދުތަކަށް ބަލާއިރު، ފީސަބީލިﷲ ބައިން ތިން ކަމަކަށް ޚަރަދުކުރިއެވެ. އެއީ، މަތީ ތައުލީމު ފުރިހަމަ ކުރުމަށާއި ގުރުއާން ހިތުދަސްކުރުމާއި ގުރުއާންގެ ފެތުރުމުގެ އިތުރަށް އަތޮޅުތެރޭގެ ގުރުއާނާ ބެހޭ މަރުކަޒުތައް އެޅުމަށެވެ. މިގޮތުން، މަތީ ތައުލީމު ފުރިހަމަ ކުރުމަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރިއިރު، ގުރުއާން ހިތުދަސް ކުރުމާއި އެ އިލްމު ފެތުރުމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ހޭދައެއް ކޮށްފައިވެއެވެ. އަދި، އަތޮޅުތެރޭގައި ގުރުއާނާ ބެހޭ މަރުކަޒުތައް އަޅަން ހަތް ލައްކަ ރުފިޔާ ހޭދަކުރިއެވެ. ޒަކާތު ފަންޑުން މިދިޔަ މަހު އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބޭސް ފަރުވާ އެހީއަށެވެ. ހިސާބުތަކުން ދައްކާ ގޮތުގައި، އެ ކަމަށް 1.2 މިލިއަން ރުފިޔާ ހޭދަކުރިއެވެ. އަދި، ޒަރޫރީ އެހީތަކަށް 182،731 ރުފިޔާ މިދިޔަ މަހު ޚަރަކުރިއެވެ. މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ "ޢާމިލުން"ގެ ބައިން ކުރި ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ވަރަށް ބޮޑަށް ދަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 483,077.82 ރުފިޔާ ކަމަށްވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 195,003.79 ރުފިޔާއަށް ދަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ