ޖޭއެސްސީގެ މެންބަރު ކަމަށް އަލީ ނަސީރު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް އަލީ ނަސީރު ގާސިމު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސްގެ މެންބަރެއްގެ ގޮތުގައި ކުރިން އެ ކޮމިޝަންގައި ހުންނެވި, ޔަޒްމީދު މުހައްމަދު މިދިޔަ ހޯމަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖޭއެސްސީގެ މެންބަރު ކަމަށް އަލީ ނަސީރު، އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ތިންވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
މިއަދު ހެނދުނު، ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލީ ނަސީރު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ. އޭނާއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
އަލީ ނަސީރަކީ މި ސަރުކާރުން އެކުލަވާލި ޕޮލިސް ބޯޑުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ