ކޯޓު އަމުރަކާ ހިލާފުވި ކަމަށް ނިންމާ، ޖަލުގައި ބަންދުކޮށްފައިވާ އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ޝަހުޒާން ދޫކޮށްލައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް އިންސާނީ ހައްގުަތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ވޮޗުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
މެއި 10، ގެ ރޭ "އައިޝާ" ޑޮކިއުމެންޓަރީގެ ވާހަކަ ނުދެއްކުމަށް އެންމެހާ ރައްޔިތުންނަށް ރައްދުވާ ގޮތަށް ކްރިމިނަލް ކޯޓުން އަމުރެއް (ގެގް އޯޑަރު) ނެރުނެވެ. ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ރައީސް އޮފީހުގައި މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމެއް ތާވަލުކުރި އެވެ.
"އަދަދު" ނޫހުން ނެރުނު އެ ޑޮކިއުމެންޓަރީއަކީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ ވާހަކަތައް ގެނެސްދީފައިވާ ޑޮކިއުމެންޓްރީ އެވެ. އެ އަންހެން މުވައްޒަފުގެ ތުހުމަތުތައް މުއިއްޒު ވަނީ ދޮގު ކުރައްވާފަ އެވެ.
މިއީ ޝަހުޒާން އާއި ލީވާން ޖަލުގައި ހޭދަކުރާ ނުވަވަނަ ދުވަހެވެ. ޝަހުޒާން ކުށްވެރިވީ މުއިއްޒުއާ ސުވާލެއް ކުރިއިރު ކޯޓު އަމުރަކާ ހިލާފުވި ކަމަށް ނިންމަ އެވެ. ލީވާން ޖަލަށް ލާފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ހަބަރު ލިޔެގެން އެއީ ކޯޓުގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ނިންމަ އެވެ. ހިއުމަން ރައިޓްސް ވޮޗުން ވަނީ ދެ ނޫސްވެރިން ވެސް ދޫކޮށްލުމަށް މިއަދު ނެރުނު ބަޔާނެއްގައި ގޮވާލާފަ އެވެ.
"ދެ ނޫސްވެރިން ގޯސްކޮށް ޖަލަށްލުމާއި، މިނިވަން ނޫސް އިދާރާތަކަށް ފުލުހުން ފޮނުވައި ފާސްކުރުމަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ބިރުވެރި މެސެޖެއް ދޭ ކަމެއް. ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ފަހަތަށް އަޅަމުންދާ ނުރައްކާތެރި ފިޔަވަޅުތައް ބަދަލުކުރަންޖެހޭ،" އެ ޖަމިއްޔާގެ އޭޝިއާ ޑިރެކްޓަރު އެލައިން ޕިއަސަން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން މުއިއްޒުއާ ސުވާލުކުރީ ރައީސް އޮފީހުގެ މުވައްޒަފަކަށް ނުގަޑިތަކެއްގައި ސިގްނަލް އެޕްލިކޭޝަން މެދުވެރިކޮށް ގުޅާފައިވޭތޯ ބެލުމަށެވެ. އެ ސުވާލު ކުރަމުން ދަނިކޮށް ކްރިމިނަލް ކޯޓުގެ ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް ސީދާ މުއިއްޒު ވަނީ "ހުކުމް ކުރައްވާފަ" އެވެ.
ޝަހުޒާން ސުވާލު ކުރަމުން ދަނިކޮށް މައިކު ކަނޑާލައި ސެކިއުރިޓީ ހިމެނޭހެން ގިނަ އެ އޮފީހުގެ އަދަދެއްގެ މުވައްޒަފުންތަކެއް އައިސް އޭނާ ޕްރެސަް ކޮންފަރެންސުން ބޭރުކޮށްލި އެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަނީ ކަމަށެވެ.
އެ ސުވާލު ކުރި މައްސަލާގައި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއް ޝަހުޒާންގެ މައްޗަށް ހަމަ އެ ދުވަހު ބަލަން ފެށި އެވެ. އަދި ކްރިމިނަލް ކޯޓުގެ ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި މައްސަލައެއް ބަލަން ފެށި އެވެ. އެއީ ކްރިމިނަލް ކޯޓުން ގެގް އޯޑަރު ނެރެފައިވާ ކަމަށް ބަޔާންކޮށް ލީވާން ލިޔުނު ހަބަރަކާ ގުޅޭ މައްސަލައެކެވެ.
އެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހާއި އަދަދު ނޫހުގެ ނޫސްވެރިންނަށް ބައިވެރިނުވެވޭނެ ކަމަށް ވެސް އެ ދުވަހު ރައީސް އޮފީހުން އެންގި އެވެ.
ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެމްއެންޑީއެފް ސެކިއުރިޓީން ނޫސްވެރިއެއްގެ ފޯނު ވެސް ޗެކު ކުރި އެވެ. ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރުގެ ފޯނު އަތުލައި ޗެކުރީ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ވީޑިއޯކުރި ކަމަށް ތުހުމަތުކޮށެވެ.
ޖެހިގެން އައި ދުވަހު ލީވާން އާއި ޝަހުޒާންގެ މައްޗަށް އަވަސް ޝަރީއަތެއް ހިންގައި އެ ދެ މީހުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. ދެ ނޫސްވެރިން ވެސް ތަކުރާރުކޮށް ވަކީލަކު އައްޔަނުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދުމުން ވެސް މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމެވީ އެންމެ ދެ ގަޑިއިރު ދިނުމަށެވެ.
ހަބަރެއް ލިޔެގެން ލީވާންގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވިއިރު މުއިއްޒުއާ ސުވާލުކޮށްގެން ކުށްވެރިވި ޝަހުޒާންގެ މައްޗަށް އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ މީހުން ހުކުމް ތަންފީޒުކުރަމުން ދަނީ މާފުށީ ޖަލުގަ އެވެ. އޭގެ އިތުރުން ދެ ނޫސްވެރިން ވެސް ވަނީ 26،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.
މާފުށީ ޖަލަށްލި ފަހުން ވިދިވިދިގެން ހަތަރު ދުވަސް ވަންދެން އެ މީހުން ތިބެން ޖެހުނީ އެއް އަންނައުނެއްގަ އެވެ.
ގައިދީންނަށް ލިބިދޭ ހައްގެއް ކަމުގައިވާ ވިޔަފާރިކުރުމުގެ ފުރުސަތު ވެސް އެ ދެ ނޫސްވެރިންނަށް ވަނީ ހަނިކޮށްފަ އެވެ. ހުކުމް ކުރި ދުވަހުގެ އަނެއް ދުވަހު، އެ މީހުންގެ އެކައުންޓަށް ދެހާސް ރުފިޔާ ޖަމާކޮށްފައިވީ ނަމަވެސް، އެ ފައިސާ ބޭނުންކޮށްގެން ޒަރޫރީ ތަކެތި ގަތުމުގެ ފުރުސަތު ލީވާން އާއި ޝަހުޒާނަށް ދީފައި ނުވެ އެވެ.
އެކަހެރިކޮށްފައި ވަނީ ބޮޑެތި މަރުތަކުގެ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ބަންދުކޮށްފައިވާ ޔުނިޓެއްގަ އެވެ. މާފުށީ ޖަލު ޔުނިޓުގައި ދެ މީހުން އެއް ގޮޅިއެއްގައި ތިބި ނަމަވެސް މެއި 15، ގައި ލީވާން ޔުނިޓް 10 އަށް ގެންގޮސް ވަކި ގޮޅިއެއްގައި އެކަހެރި ކުރި އެވެ.
އެ ޔުނިޓަކީ ސާފުތަރިހުކަން ކުޑަ ހާލަތު ދަށް ޔުނިޓެކެވެ. ލީވާންގެ ހަމުގެ މައްސަލައެއް ހުންނާތީ އޭނާ ބޭނުންކުރަން ޖެހެނީ ވަކި ހާއްސަ ލޯޝަނެކެވެ. އެކަމަކު އެ ލޯޝަން ލިބޭނެ ގޮތް ނުހަދާ، ސިއްހީ ފަރުވާއަށް ވެސް ދަނީ ހުރަސް އަޅަމުންނެވެ.
ނޫސްވެރިން ޖަލުން މިނިވަންކޮށް ދައުވާތައް އަނބުރާ ގެންދަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ