އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ހާލަތު އިތުރަށް ދިގުލައިދާތީއާ އެކު، ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކޯޗު، މަހްދީ ހޯޝްމަރަމް، އާއިލާ ކައިރީގައި ހުންނަން ބޭނުންވާތީ އެނބުރި ގައުމަށް ދާގޮތަށް ނިންމައިފި އެވެ.
ފާއިތުވި އަހަރަކަށް ވުރެން ގިނަ ދުވަހު، ރާއްޖޭގެ ގައުމި ޓީޓީ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ކޯޗު މަހުދީގެ އެއްބަސްވުން ވެސް އޮތީ ހަމަވެފައި ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ވަނީ "އަދަދު ސްޕޯޓްސް" އަށް ބުނެފަ އެވެ.
ޓީޓީއޭއެމް އިން ބުނީ، ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތަކުގެ ތެރެއިން، ކޯޗު މަހުދީގެ ފަރާތުން އެދިފައިވަނީ، ހަނގުރާމައިގެ މި ހާލަތުގެ ތެރޭގައި، އޭނާ އެދެނީ އެނބުރި ގައުމަށް ދިއުމަށް ކަމަށެވެ. އެހެންކަމަށް ވުމާ އެކު، ކޯޗުގެ އެދުމާ އެއް ގޮތަށް ކަަންތައް ނިންމުމުގެ ގޮތުން، ކޯޗަށް އެ ފުރުސަތު ތަނަވަސްކޮށްދިނީ ކަމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
މަހުދީގެ ކޯޗުކަމުގައި، ރާއްޖޭގެ ގައުމީ ސީނިއާ އާއި ޖޫނިއާ ޓީމުތަކުގެ ކުޅުންތެރިން ވަނީ ބޮޑެތި ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.
އެ ގޮތުން ފާއިތުވި އަހަރު ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ލޯ މެޑަލް ހޯދިއިރު، މިދިޔަ އަހަރު ނޭޕާލްގައި އޮތް ދެކުނު އޭޝިއާ މުބާރާތާއި މި އަހަރު އިންޑިއާގައި ކުރިއަށްދިިޔަ ދެކުނު އޭޝިއާ މުބާރާތުން ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި، އެކި އިވެންޓްތަކުން ރަން މެޑަލާއި ރިހި މެޑަލް އަދި ލޯ މެޑަލް ވެސް ހާސިލްކޮށްފައިވެ އެވެ.
ޓީޓީ އެސޯސިއޭޝަނުން ފާއިތުވި އަހަރެއްހާ ދުވަސް ތެރޭ ރާއްޖޭގެ ޓޭބަލް ޓެނިސް ކުރިއަރުވަން ކުރި ގިނަ މަސައްކަތްތަކުގައި ކޯޗު މަހުދީ ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ. އެ ގޮތުން، ރާއްޖޭގެ ކުޅުންތެރިން ޓްރެއިން ކުރުމަށްޓަކައިި، ހާއްސަ ޕްރޮގްރާމްތަކެއްގެ ތެރެއިން ޓީމު ތަމްރީންތައް ކުރިއަށްގެންދިއުމާއި، އިންޑިވިޖުއަލީ ކުޅުންތެރިން ޓްރެއިނިން ރާވައިގެން ޕްލޭނެއްގެ ދަށުން ކަންކަން ގެންދިއުން ވެސް ހިމެނެ އެވެ.
ހަނގުރާމައިގެ ހާލަތުގައި އާއިލާ ކައިރީގައި ހުންނަން ގައުމީ ޓީޓީ ކޯޗު އެނބުރި އިރާނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ