ރާއްޖެ އާއި އެމެރިކާއާ ދެމެދު އަސްކަރީ ގުޅުންތައް ވަރުގަދަ ކުރުމަށް އެކުލަވާލި އެއްބަސްވުމުގެ ދަށުން ގުޅުންތައް ފުޅާކުރުމާ ބެހޭ ގޮތުން ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާ ކުރީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު އަބްދުލް ގަފޫރު މޫސާ އަދި އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްގެ އާ އެޖުޓަންޓް ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޓްރެންޓް ގިބްސަން ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބުނީ މަޝްވަރާ ކުރެވުނީ ރާއްޖެ އާއި މޮންޓާނާ ސްޓޭޓްއާ ދެމެދު އެކުލަވާލާފައިވާ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު ކަމަށެވެ.
ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވީ 2022 ވަނަ އަހަރު އެވެ. މިއީ އެމެރިކާގެ ސްޓޭޓްތަކުގެ ނޭޝަނަލް ގާޑުންގެ ތަޖުރިބާގެ އަލީގައި ގައުމުތަކަށް ތަމްރީން ހިންގުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މޮންޓާނާ ސްޓޭޓްގެ ރަސްމީ ވެބްސައިޓެއްގައިވާ ގޮތުން އެ ސްޓޭޓުން ވަނީ ހަތަރު ގައުމަކާ އެކު ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމް ފަށާފަ އެވެ. އެއީ ކިރްގިސްތާން، ތުރުކްމެނިސްތާން، ސްރީލަންކާ އަދި ރާއްޖެ އެވެ.
މިއީ އެމެރިކާގެ މައި ސަރުކާރުން ފަންޑުކުރާ ޕްރޮގްރާމެކެވެ. މީގައި ބައިވެރިވަނީ ޑިޕާޓްމަންޓް އޮފް ސްޓޭޓް އަދި ޑިޕާޓްމަންޓް އޮފް ޑިފެންސް އެވެ.
"އެސްއެސްޕީއިން ސީދާ ގޮތެއްގައި އެމެރިކާގެ މަސްލަހަތު ކުރިއަރުވަނީ ބައިވެރިވާ ގައުމުތަކާ އެކު އަސްކަރީ އަދި ދާހިލީ ފެންވަރެއްގައި ގުޅުންތައް ބާއްވައިގެން،" ވެބްސައިޓުގައި ބުނެފައިވެ އެވެ.
މިދިޔަ އަހަރު ވަނީ އެ ޕްރޮގްރާމްގެ ދަށުން އަސްކަރީ ތަމްރީނުތަކުގެ ފަސްވަނަ އެޑިޝަން ދިވެހި ސިފައިންނަށް ކުރިއަށް ގެންގޮސްފަ އެވެ.
މި ތަމްރީނުތައް މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވޭ. މޮންޓާނާ ސްޓޭޓުގައި 4,000 އަށްވުރެ ގިނަ ސިފައިން ތިބޭ.
އޭގެ ކުރިން 2024 ވަނަ އަހަރު، އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްއާއެކު މަޝްވަރާކުރި އެވެ.
ޑިފެންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އޭރު ދިފާއީ ކަންކަން ބެލެހެއްޓެވި ވަޒީރު ޣައްސާން މައުމޫނެވެ. އަދި, މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އޭރުގެ އެޖުޓަންޓް ޖެނެރަލް ނުވަތަ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި މޭޖާ ޖެނެރަލް ޖޯން ޕީޓާ ރޮނެކް ދަ ސެކަންޑް އެވެ.
އެމެރިކާގެ ނޭޝަނަލް ގާޑްސްއަކީ އެ ގައުމުގެ ކޮންމެ ސްޓޭޓެއްގައި ހިމެނޭ ރިޒާވު ސިފައިންގެ ފޯސްގެ މައްޗަށް އެކުލެވޭ އަސްކަރީ ގޮތްޕެކެވެ. ކޮންމެ ސްޓޭޓެއްގެ ނޭޝަނަލް ގާޑްސްގެ ކޮންޓްރޯލް އޮންނަނީ އެ ސްޓޭޓެއްގެ ސަރުކާރަށާއި މައި ސަރުކާރުގެ އަތްމަތީގަ އެވެ.
ންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެޖުޓަންޓް ޖެނެރަލް ނުވަތަ ކޮމާންޑަރެއްގެ ގޮތުގައި ހުންނެެވި މޭޖާ ޖެނެރަލް ޖޯން ޕީޓާ ރޮނެކް ދަ ސެކަންޑް
އެމެރިކާގެ ސަރުކާރުން ރައީސް ނުވަތަ ޑިފެންސް ސެކްރެޓަރީ ނުވަތަ ކޮންގްރެސްއިން ހަނގުރާމައިގެ ހާލަތު އިއުލާނު ކުރުން ނުވަތަ ކާރިސާގެ ވަގުތުތަކުގައި ފެޑެރަލް ސަރުކާރަށް ނޭޝަނަލް ގާޑްސްގެ ސިފައިންގެ އެހީތެރިކަން ދޭން ޖެހެ އެވެ. އަދި, ސްޓޭޓެއްގެ ގަވަރުނަރަކު ކުއްލި ހާލަތު އިއުލާނު ކުރުމުން ވެސް ހިދުމަތަށް ނުކުންނަން ޖެހެ އެވެ.
ނޭޝަނަލް ގާޑްސްގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ އާންމު ވަޒީފާ އަދާކުރާ މީހުންނެވެ. މި ރިޒާވް ސިފައިންގެ ފޯސްގައި މިވަގުތު 443,543 ސިފައިން އެބަތިއްބެވެ. އޭގެ ތެރެއިން މޮންޓާނާ ސްޓޭޓުގައި 4,000 އަށްވުރެ ގިނަ ސިފައިން ތިބެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމަށް ފަހު އެމެރިކާ އާއެކު އޮންނަ ގުޅުން ދަނީ އިތުރަށް ބަދަހިކުރަމުންނެވެ. އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ދޭތެރެދޭތެރެއިން ރާއްޖެއަށް ދަތުރުކުރެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯ ވެސް މިދިޔަ މާޗު މަހު ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވި އެވެ. އޭނާއަކީ ސައުތު އަދި ސެންޓްރަލް އޭޝިއާއަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބެވެ.
ރާއްޖެ އާއި އެމެރިކާގެ އަސްކަރީ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ