އައިޝްވާރިޔާގެ ސަޕޯޓަރުންގެ ދިގު އިންތިޒާރަށް ނިމުމެއް
ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާ އެންމެ ބޮޑު ފިލްމު ފެސްޓިވަލް 'ކާންސް ފިލްމު ފެސްޓިވަލް'އިން ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއި ބައްޗަން ފެންނާނެ ކަމަށް ގިނަ ބަޔަކު ކުރަމުންދިޔަ އިންތިޒާރަށް ބަތަލާ ނިމުން ގެނެސްފިއެވެ. މި މަހުގެ 12 ވަނަ ދުވަހު ފެސްޓިވަލް ފެށުނުއިރު، 24 ވަނަ ފަހަރަށް މި ހަފުލާގައި ބައިވެރިވާ ކުރީގެ ރީތީގެ ރާނީ ނުފެނުމުން ގިނަ ބަޔަކު ތިބީ ކަންބޮޑުވެފައެވެ. މިއަދު ނިންމާލާ 79 ވަނަ ކާންސް ފިލްމު ފެސްޓިވަލްއިން މިހާތަނަށް ދުނިޔޭގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް އެކި ކަހަލަ ސްޓައިލްތަކުގައި ދައްކައިލިއިރު އިންޑިއާގެ ބަތަލާ އައިޝްވާރިޔާއަކީ މި ފެސްޓިވަލްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާ އެންމެ މަޝްހޫރު އެއް ސެލެބްރިޓީއެވެ. އައިޝްވާރިޔާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓްގައި--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ އައިޝްވާރިޔާ މި އަހަރުގެ ފެސްޓިވަލްއިން ނުފެންނާނެ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވަނިކޮށް ބަތަލާ ރެޑް ކާޕެޓްގައި ދައްކައިލީ މަގުބޫލު ފެޝަން ޑިޒައިނަރު އަމިތު އަގަރްވާލްގެ ހެދުމެއްގައެވެ. މިއީ އަމިތު ކާންސްއަށް ފަރުމާކޮށްދިން ފުރަތަމަ ހެދުމެވެ. 'މާމެއިޑް' ފިނިޝްއެއް އެކުލެވޭ ނޫކުލައިގެ ހިތްގައިމު ހެދުމެއްގައި އައިޝްވާރިޔާ ރެޑް ކާޕެޓުން ދައްކައިލިއިރު، ބަތަލާގެ ރީތިކަން އިތުރުކޮށްދިނީ ހެދުމާ ގުޅޭ ފަށުވި ދޯޕައްޓާއަކުންނެވެ. މި ހެދުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އަމިތު ބުނެފައިވަނީ، "ލޫމިނާރާ"ގެ ނަމުން ނަންދެވިފައިވާ މި ފަރުމާއަކީ ހަރަކާތްތެރިވަމުންދާ އަލީގެ ކޮންސެޕްޓަށް ތައްޔާރުކޮށްފައިވާ ހެދުމެއް ކަމަށެވެ. މިއީ ހަމައެކަނި އަލިކަމެއްގެ ގޮތުގައި ނޫން ނަމަވެސް، ހަކަތައާއި، ހަރަކާތާއި، އަދި ބާރު ރަމްޒުކޮށްދޭ ގޮތަށް އަތްތެރި މަސައްކަތުން ފަރުމާކޮށްފައިވާ އާދަޔާ ހިލާފު ހެދުމެއް ކަމަށް އަމިތު ވަނީ ބުނެފައެވެ. އައިޝްވާރިޔާ ދަރިފުޅު އަރާދިއާ ބައްޗަންއާ އެކު މި އަހަރުގެ ކާންސް ފެސްޓިވަލްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް އަމިތު އިތުރަށް ބުނި ގޮތުގައި، އައިޝްވާރިޔާއަކީ އަބަދު ވެސް އަމިއްލަވަންތަ ގޮތެއް ގެންގުޅޭ ތަރިއެކެވެ. "ލޫމިނާރާ"އަކީ ހަމައެކަނި ހެދުމެއްގެ ބަދަލުގައި، އޭނާގެ ވަށައިގެންވާ ހަކަތައިގެ މައިދާނެއްގެ ގޮތުގައި ސިފަކުރެވޭނެ އެއްޗެކެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ބަތަލާ ފާއިތުވި 10 ވަރަކަށް އަހަރު ދައްކައިދިން ވިދުން ރަމްޒުކޮށްދޭ ފަރުމާއެކެވެ. މީގެ އިތުރުން, ކާންސް ފިލްމު ފެސްޓިވަލްގެ ތެރެއިން، ލޮރިއަލް ޕެރިސްއިން އަހަރަކު އެއް ފަހަރު ބާއްވާ "ލައިޓްސް އޮން ވުމަންސް ވޯތު" އެވޯޑް ހަފުލާގައި އައިޝްވާރިޔާ ބައިވެރިވީ އޭނާގެ ދަރިފުޅު އާރާދިއާ ބައްޗަންއާ އެކުގައެވެ. އެހެންކަމުން ފެސްޓިވަލްގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ބޭއްވި މި ކުލަގަދަ ހަފުލާގައި އައިޝްވާރިޔާއާ އެކު އާރާދިއާ ރެޑް ކާޕެޓަށް ނުކުތް މަންޒަރު ފެނި، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން އެ ކަމަށް ވަނީ ވަގުތުން ހުއްޓިފައެވެ. މީގެ ކުރިން ވެސް އަރާދިއާ ވަނީ ކާންސްގައި މަންމަ އައިޝްވާރިޔާއާ އެކު ބައިވެރިވެފައި ނަމަވެސް މިއީ ރަސްމީކޮށް މި ފެސްޓިވަލްގެ ބައިވެރިއެއްގެ ގޮތުގައި ދަރިފުޅު ދައްކާލި ފުރަތަމަ އަހަރެވެ. އައިޝްވާރިޔާއާއި އިންޑިއާގެ އެކްޓަރު ޝާހްރުކް ޚާން ފުރަތަމަ ފަހަރަށް ކާންސް ފެސްޓިވަލްގައި ބައިވެރިވީ ދެ ތަރިން އެކީގައި 2002 ވަނަ އަހަރު ކުޅުނު ފިލްމު "ދޭވްދާސް" ދައްކާލުމަށެވެ. ދެހާސްތިން ވަނަ އަހަރުން ފެށިގެން އައިޝްވާރިޔާއަކީ ދުނިޔޭގެ މަޝްހޫރު 'ލޮރިއަލް ޕެރިސް'ގެ ގްލޯބަލް އެމްބަސެޑަރެވެ. ވޭތުވެދިޔަ އަހަރުތަކުގައި އައިޝްވާރިޔާ ވަނީ ކާންސްގެ ރެޑް ކާޕެޓުގައި ހަނދާނުން ފޮހެލަން ދަތި އެތައް ފެނިލުމެއް ދައްކާލާފައެވެ. މީގެ ތެރޭގައި 2007 ވަނަ އަހަރު ފިރިމީހާ، އެކްޓަރު އަބީޝެކް ބައްޗަންއާ އެކު ފެނިގެންދިޔަ ދިއުމާއި، 2014 ވަނަ އަހަރުގެ ފެނިލުން ހިމެނެއެވެ. ކައިވެންޏަށް ފަހު ފިލްމީ ދާއިރާއިން ވަރަށް މަދުން ފެންނަ ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2023 ވަނަ އަހަރު ޑައިރެކްޓަރު މަނީ ރަތުނަމް ގެނެސްދިން ފިލްމު "ޕޮނިޔިން ސެލްވަން: 2"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ