ދެން އަޅުގަނޑު ޖަލަކަށް ނުލެވޭނެ: ޔާމީން

ރާއްޖޭގައި ދެން އުފެދޭނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ވެރިކަމެއް ކަމަށާއި، ރައީސް މުހައްމަދު މުއިއްޒު ބޭނުން ވިޔަސް އެމަނިކުފާނު ދެން ޖަލަށް ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލަށް ލައިގެން ވެރިކަން ދަމަހައްޓަން ސަރުކާރުގެ ތެރެއިން ބަޔަކު ރާވަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި މުއިއްޒުގެ މަގުބޫލުކަން ދަށްވަމުންދާތީ، ކައިރީގައި ތިބި އައުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން މިކަހަލަ ވާހަކަތައް ފަތުރަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
"މުއިއްޒުގެ މަގުބޫލުކަން ދަށްވަމުންދާތީ ކައިރީގައި އުޅޭ އައުވާނުންނަށް ހިތްވަރު ދިނުމަށްޓަކައި އެބަ ބުނޭ ރައީސް ޔާމީންއަކަށް ރައީސް ކަމަކަށް ކުރިމައްޗެއް ނުލެވޭނެއޭ. ތިމަންނަ ޖަލު ހުކުމެއް ނަމަވެސް ގެންނާނަމޭ. އެއީކީ ވާނެ ކަމެއް ނޫން އިނގޭތޯ. މިފަދަ ވާހަކަ ދައްކަނީ ކައިރީގައި އުޅޭ ކުދިންކޮޅު ހިތްހަމަ ޖައްސަން،" އެމަނިކުފާނު ވިދާޅުވި އެވެ. 
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނާ ދެކޮޅަށް ހިންގާ ސިޔާސީ ދައުވާތަކުން ސަލާމަތްވެ، ކޯޓުތަކުން އިންސާފު ލިބޭނެ އެވެ. އެހެންކަމުން ބަޔަކު ރޭވި ނަމަވެސް އެމަނިކުފާނު ދެން ޖަލަށް ނުލެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރު ކުރައްވާފަ އެވެ.
މި ޖަލްސާގައިޔާމީންގެ އިސް ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަތައް މަތީ މަރުހަލާގެ ކޯޓުތަކުން ބަލައިގަނެ އިސްތިއުނާފު ކުރީ ދަށު ކޯޓުގައި މިހާރު ހުރި އެހެން މައްސަލަތައް ވެސް ސާބިތު ނުވާނެތީ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ޔާމީން މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތީގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ޖުލައި 1 ގައި ހުކުމްކުރި އެވެ. 
އެގޮތަށް ނިމިގެން ދިޔުމުން، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެއާ ގުޅުންހުރި މައްސަލަތައް ކުރިއަށް ނުގެންދާނެ ކަމަށާއި  މިހާރު ދަށު ކޯޓުތަކުގައި އޮތް ރައީސް ޔާމީންގެ ދެ މައްސަލައިގެ ތެރެއިން އެއްވެސް މައްސަލައެއް އެމަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ