ފީފާ ވޯލްޑް ކަޕްގެ އެވޯޑްތައް ލިބުން މިފަހަރު ގާތީ ކޮށް ކުޅުންތެރިންނަކަށްބާ؟

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިމުގެ މަލަމަތި މިހާރު ފެންނަން ފަށާފައިވާއިރު މިމުބާރާތުގެ ރަން ތަށި ކާމިޔާބު ކުރުމަށް ދެ ޤައުމަކުން މަސައްކަތް ކުރަމުންދާއިރު މިމުބާރާތާއިި ދިމާކޮށް ފީފާއިން ދިނުމަށް ހަމަޖެހިފައިވާ ތަފާތު އެވޯޑްތަކަށް ގިނަ ކުޅުންތެރިންތަކެއް އަންނަނީ ވާދަކުރަމުންނެވެ. މިގޮތުން ވޯލްޑް ކަޕް ނިންމާފައި ފީފާ އިން ދޭ މިއެވޯޑްތަކަށް ވާދަކުރުމަށްޓަކައި އަމިއްލަ ހުނަރާއި ދަނޑުމަތީގައި ޓީމުތަކުން ދައްކާ ކުޅުން ބޮޑު ދައުރެއް އަދާކުރެއެވެ.
ރިޕޯޓް
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ނިމުމާއެކު މުބާރާތް ކާމިޔާބު ކުރާ ޓީމަށް ވޯލްޑް ކަޕްގެ ތަށި ދިނުމުގެއިތުރުން މުހިންމު އެވޯޑް ތަކެއް ފީފާއިން ދިނުމަށް ހަމަޖެހިފައިވާއިރު މިއެވޯޑްތަކަށް ވާދަކުރާ ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލުމަކީ މުހިންމު ކަމެކެވެ. އަދި ވޯލްޑް ކަޕްގައި ވީހާވެސް ދުރަށް ދަތުރު ކުރާ ޓީމުތަކާއި އެޓީމުތަކަށް ކުޅޭ ކުޅުންތެރިންނަށް މިއެވޯޑްތަކަށް ވާދަކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދެއެވެ. ފީފާއިން މިފަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑް ތަކުގެ ތެރޭގައި ގޯލްޑަން ބޯލް، ގޯލްޑަން ބޫޓު، ގޯލްޑަން ގްލޯވް، ޔަންގް ޕްލެޔަރ، ފެއަރ ޕްލޭ ޓީމު އަދި ގޯލް އޮފް ދި ޓޯނަމަންޓް ހިމެނެއެވެ.
ފީފާ ގޯލްޑަން ބޯލް
ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލަށް މިފަހަރު ފާހަގަ ކޮށްލެވޭ ކުޅުންތެރިންތަކެއް އަންނަނީ ވާދަކުރަމުންނެވެ. މީގެތެރެއިންވެސް މިވަގުތު މިލިސްޓުގެ އެންމެ ކުރީގައި އުޅޭކަމަށް ބެލެވިފައިވަނީ 2022 ވަނަ އަހަރުގެ މުބާރާތުގައިވެސް މިއިނާމް ހާސިލްކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މެސީއަކީ މިއެވޯޑް ދެފަހަރު ލިބިފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ. ފައިނަލްގައި އާޖެންޓީނާ އާއި ވާދަކުރާ ސްޕެއިން ޤައުމީ ޓީމުގެ ކެޕްޓަން ރޮޑްރީ އަކީވެސް މިލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. މީގެއިތުރުން މިއީނާމަށް އެންމެ ބޮޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ފަރަންސޭސިވިލާތުގެ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި އޭނާ އާއެކު ފަރަންސޭސި ޓީމަށް ކުޅެމުންދާ މައިކަލް އޮލީސޭ ހިމެނެއެވެ. ހަމައެއާއެކު އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން އާއި ޖުޑް ބެލިންގހަމް، ނޯވޭގެ ފޯވަޑް އާލިންގ ހާލަންޑް އަދި ކާބޯ ވާޑޭގެ ކީޕަރ ވިޒީނިއާގެ ނަންވެސް ބައެއްފަރާތްތަކުުން ފާހަގަ ކުރެއެވެ.
1978 ވަނަ އަހަރު ތައާރަފްކުރި ގޯލްޑަން ބޯލްއަށް ވާދަކުރާ ކުޅުންތެރިން ހޮވަނީ ފީފާގެ ޓެކްނިކަލް ސްޓަޑީ ގްރޫޕަކުންނެވެ. އަދި އެއާއެކު އެކުޅުންތެރިންނަށް ވޯޓް ކުރުމުގެ ފުރުސަތު ވޯލްޑް ކަޕަށް އެކްރެޑިޓް ކުރެވިފައިވާ މީޑިއާތަކުގެ ފަރާތްތަކަށް ދެވިގެންދެއެވެ. ގޯލްޑަން ބޯލްގެ އިތުރުން ދެވަނައަށް ދާ ކުޅުންތެރިޔާއަށް ސިލްވަރ ބޯލް އަދި ތިންވަނައަށްދާ ކުޅުންތެރިޔަކަށް ބްރައުންޒް ބޯލް ދެވިގެންދެއެވެ. އަދި ހަމައެއާއެކު މުބާރާތް ކާމިޔާބު ކުރާ ޓީމުގެ ބަދަލުގައި ރަނަރއަޕް ޓީމުގެ ކުޅުންތެރިންނަށްވެސް ގޯލްޑަން ބޯލް ކޮންމެވެސް ވަރަކަށް މީގެކުރިން ލިބިފައިވެއެވެ. މިގޮތުން 2006 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޒިނެޑީން ޒިދާން، 2014 ވަނަ އަހަރު މެސީ އަދި 2018 ވަނަ އަހަރު ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އަށް ލިބިގެންދިޔަ ދިއުން ހިމެނިގެންދެއެވެ. މިއެވޯޑް މިހާތަނަށް ލިބިފައިވާ ކަމައެކަނި ކީޕަރަކީ 2002 ވަނަ އަހަރު އެވޯޑް ލިބިގެންދިޔަ ޖަރުމަނުވިލާތުގެ އޮލިވަރ ކާންއެވެ.
ފީފާ ގޯލްޑަން ބޫޓު
ފީފާ ގޯލްޑަން ބޫޓަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔަކަށް ދޭ އެވޯޑެކެވެ. އަދި ފީފާގެ ތާރީހްގައި މިފަހަރުގެ މުބާރާތް ވެގެންދިޔައީ މިއެވޯޑަށް އެންމެ ވާދަވެރިކަން ބޮޑުކޮށްދާ ފަހަރު ކަމުގައެވެ. މިގޮތުން މިމުބާރާތުގެ ކްއާޓަރ ފައިނަލް މެޗްތައް ނިމުމާއި ހަމައަށް 7 ކުޅުންތެރިޔަކު އެވޯޑަށް ދިޔައީ ވާދަކުރަމުންނެވެ. ގޯލްޑަން ބޫޓަށް ބަލާލާއިރުވެސް މިފަހަރު އެންމެ ކުރީގައި މިވަގުތު އޮތީ އާޖެންޓީނާގެ ކެޕްޓަން މެސީއެވެ. އޭނާވަނީ މިހާތަނަށް 8 ލަނޑު ޖަހާ ހަތަރު އެސިސްޓް ކޮށްފައެވެ. މިއީ މިހާތަނަށް މެސީއަށް ނުލިބޭ ހަމައެކަނި އެވޯޑްކަމުގައި ބުނެވިދާނެއެވެ. މިލިސްޓުގެ ދެވަނައިގައި އުޅެނީ 2022 ވަނަ އަހަރު 8 ލަނޑު ޖަހައިގެން މިއެވޯޑް ހާސިލް ކުރި ފަރަންސޭސި ކެޕްޓަން އެމްބާޕޭއެވެ. އޭނާ މިފަަހަރު މިހާތަނަށް 8 ލަނޑު ޖަހާފައިވާއިރު މެސީގެ ފަހަތުން ދެވަނައަށް ދަނީ އެއް އެސިސްޓްގެ ތަފާތުންނެވެ. މީގެއިތުރުން ލަނޑު ލިސްޓުގެ ތިންވަނައިގާ ނޮވޭގެ ހާލަންޑް 7 ލަނޑާއެކު އޮތް ނަމަވެސް އޭނާއަށް މިހާރު ވަނީ މިއެވޯޑަށް ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ގޮސްފައެވެ. ދެން މިއެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭަގައި ހިމެނެނީ 6 ލަނޑު ޖަހާ އެއް އެސިސްޓް ކޮށްފައި އިންގަލަންޑްގެ ދެ ކުޅުންތެރިންކަމަށްވާ ބެލިންގހަމާއި ކޭން، 5 ލަނޑާއި 2 އެސިސްޓް ކޮށްފައިވާ ފަރަންސޭސި ޓީމުގެ އުސްމާން ޑެންބެލޭ އަދި 5 ލަނޑާއި އެއް އެސިސްޓާއެކު އުޅޭ ސްޕެއިންގެ ފޯވަޑް މިކޭލް އޮޔަރްޒަބާލްއެވެ.
މީގެ ތެރެއިން އެންމެ ފުރުސަތު ބޮޑުކަމަށް އެންމެ ގިނަ ބަޔަކު ގަބޫލް ކުރަނީ ފައިނަލްގައި އެއް ކޮޅުން ވާދަކުރާ މެސީ އާއި ތިންވަނަ ހޮވާ މެޗުގައި ވާދަކުރާ އެމްބާޕޭ އަށެވެ. ނަމަވެސް ބެލިންގހަމާއި ކޭންވެސް ތިންވަނަ ހޮވާ މެޗުގައި ވާދަކުރާތި އެދެކުޅުންތެރިންވެސް ގިނަ ލަނޑު ތަކެއް ޖަހައިގެން މިއެވޯޑް ހާސިލް ކުރުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ. އަދި ހަމައެއާއެކު އޮޔަރުޒަބާލް 5 ލަނޑުގައި އޮތް ނަމަވެސް އޭނާއަށްވެސް ފުރސަތު ނެތްކަމަށް ބުނުން ވެގެންދާނީ 2022 ވަނަ އަހަރުގެ ފައިނަލް މެޗު މަތިން ހަނދާން ނެތުން ކަމަށެވެ. އެފަހަރު އެމްބާޕޭވެސް ފަހުވަގުތު ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލީ އާޖެންޓީނާ ކޮޅަށް ފައިނަލް މެޗުގައި ޖެހި ތިން ލަނޑާއެކުއެވެ.
ގޯލްޑަން ގްލޯވް
ފީފާ ގޯލްޑަން ގްލޯވް އެވޯޑަކީ އެފަހަރެއްގެ މުބާރާތެއްގައި އެންމެ މޮޅު ކީޕަރަށް ފީފާއިން ދޭ އިނާމެވެ. މިގޮތުން އެވޯޑް ދިނުމުގައި ފީފާއިން ބަލަނީ އެކުޅުންތެރިއެއްގެ ފަރާތުން ޓީމަށް އެންމެ ބޮޑު ފައިދާއެއް ކުރުމުގެ އިތުރުން މެޗުތަކުގައި ކޮށްފައިވާ ސޭވް ތަކާއި ކްލީން ޝީޓްތަކުގެ މައްޗަށެވެ.
އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕްގެ 5 މުބާރާތުގެ ތެރެއިން 4 މުބާރާތުގައި މިއެވޯޑް ލިބިފައިވަނީ މުބާރާތް ކާމިޔާބު ކުރި ޓީމުގެ ކީޕަރަށެވެ. މިގޮތުން މި އެވޯޑް އެންމެ ފަހުން ހާސިލް ކޮށްފައިވަނީ އާޖެންޓީނާގެ ކީޕަރ އެމިލިއާނޯ މާޓިނޭޒްއެވެ. ފައިނަލް މެޗަށް ކުރިމަތިލާއިރު ސްޕެއިންގެ ކީޕަރ އުނައި ސިމޯންވަނީ ކްއާޓަރ ފައިނަލް މެޗާއި ހަމައަށް ކުޅުނު 5 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓަލައިފައެވެ. ނަމަވެސް ސަލާމަތްކޮށްފައިވާ ހަމަލާތަކަށް ބަޅާއިރު ސިމޯން އާއި މާޓިނޭޒްވެސް އުޅެނީ ތަންކޮޅެއް ފަހަތުގައެވެ. މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކީޕަރުންގެ ތެރޭގައި ޕެރަގުއާއީގެ އޯލާންޑޯ ގިލް، ކުރެސާއޯގެ އެލޯއި ރޫމް، ކާބޯ ވާޑޭގެ ވޮޒީނިއާ، ސްވިޓްޒަލަންޑްގެ ގްރެގޯ ކޯބެލް، ޕޯޗުގަލްގެ ޑިއެގޯ ކޯސްޓާ، މޮރޮކޯގެ ޔަސީން ބޯނޯ އަދި މިޞްރުގެ މޮސްތަފާ ޝޮބެއިރު ހިމެނިގެންދެއެވެ.
ޔަންގް ޕްލެޔަރ
2006 އަހަރު ޖަރުމަނުވިލާތުގައި ބޭއްވި ވޯލްޑް ކަޕްގައި އަލަށް ހޮވަން ފެށި ޔަން ޕްލެޔަރ އެވޯޑަކީ އެފަހަރެއްގެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކާ 21 އަހަރުން ދަށުގެ ކުޅުންތެރިޔާއަށް ދޭ އެވޯޑެކެވެ. 2022 ވަނަ އަހަރު މިއެވޯޑް ހޯދާފައިވަނީ އާޖެންޓީނާގެ މެދުތެރެއިން މިހާރު ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ އެންޒޯ ފެނާންޑޭޒްއެވެ.
މިފަހަރު މިއެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނެކަމަށް ބެލެވިފައިވަނީ މީގެ 6 ދުވަސް ކުރިން 19 ވަނަ އުފަންދުވަސް ފާހަގަކުރި ސްޕެއިންގެ ކުރިއަށް ކުޅޭ ހުނަރުން ފުރިފައިވާ ލެމީން ޔަމާލް އާއި އެޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރަމުންދާ އުމުރުން 19 އަހަރުގެ ޕައު ކުބާސީއެވެ.
މިއެވޯޑަށް ވާދަކުރާ އެހެން ކުޅުންތެރިންގެ ތެރޭގައި މިފަހަރުގެ މުބާރާތުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ ކަމަށްވާ މެކްސިކޯގެ އުމުރުން 17 އަހަރުގެ ޖިލްބާޓޯ މޯރާގެ ނަންވެސް ފާހަގަވެގެންދެއެވެ. މޯރާ ވެގެންގޮސްފައިވަނީ 1958 ވަނަ އަހަރު ޕެލޭއަށްފަހު މިހާތަނަށް މިމުބާރާތުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މީގެއިތުރުން މޮރޮކޯގެ މެދުތެރެއިން މޮޅުކުޅުމެއް މިފަހަރު ދެއްކި އުމުރުން 18 އަހަރުގެ އައްޔޫބް ބޮއާދީ ފާހަގަ ކޮށްލެވެއެވެ. އޭނާ ވަނީ މިމުބާރާތައް އައުމުގެ ކުރިން ފްރެންޗް ލީގު އާންގައި 50 މެޗު ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށްވެ ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފައެވެ. މިލިސްޓުގައި ފަރަންސޭސި ޓީމުގެ ޑިސާރޭ ޑޫއޭ އަދި އިންގްލަންޑްގެ ނީކޯ އޯ ރައިލީގެނަންވެސް އަންނަނީ ފާހަގަ ކުރެވެމުންނެވެ.
ފީފާ ފެއަރ ޕްލޭ
1970 ވަނަ އަހަރު ތައާރަފް ކުރެވިގެންދިޔަ ފީފާ ފެއަރ ޕްލޭ އެވޯޑަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދަނީ ގްރޫޕް މަރުހަލާ ފަހަނައަޅާ ނޮކް އައުޓް ބުރަށް ފަތުރު ކުރާ ޓީމުތަކަށެވެ. މިގޮތުން މިފަހަރު ރައުންޑް އޮފް 32ގެ ބުރުން ޖާގަހޯދި ހުރިޙާ ޓީމަކަށް މި އެވޯޑަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
މިއެވޯޑް އެންމެ ގިނައިން ހާސިލް ކޮށްފައިވަނީ 4 ފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލްއެވެ. އޭގެ ފަހަތުން އިންގްލަންޑާއި ސްޕެއިން ވަނީ މިއެވޯޑް ތިން ފަހަރު ކާމިޔާބު ކޮށްފައެވެ. 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ އިންގްލަންޑެވެ. މިފަހަރުގެ މުބާރާތުގައިވެސް އަނެއްކާ ޔޫރަޕްގެ ޓީމަކަށް މި އެވޯޑް ލިބިގެން ހިނގައިދާނެކަމަށްވަނީ ބެލެވިފައެވެ. މިގޮތުން މިއެވޯޑަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި ސްޕެއިން، ފަރަންސޭސިވިލާތް އަދި ނޯވޭ ހިމެނެއެވެ.
ގޯލް އޮފް ދި ޓޯނަމަންޓް
ފީފާ އިން ހޮވާ ވޯލްޑް ކަޕްގެ ގޯލް އޮފް ދި ޓޯނަމަންޓް އެވޯޑް ލިބޭ ކުުޅުންތެރިންއެއް ހޮވަނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މިގޮތުން މިފަހަރުގެ މުބާރާތުގައި ކޮންމެ މަރުހަލާއަކަށް ވަކިން ފީފާއިން ހޮވާފައިވާ ލަނޑު ތަކަކަށް ފީފާ ވެބްސައިޓް މެދުވެރިކޮށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލެވިގެން ގޮސްފައިވެއެވެ. މިގޮތުން ގްރޫޕް ސްޓޭޖް، ރައުންޑް އޮފް 32، ރައުންޑް އޮފް 16 އަދި ކްއާޓަރ ފައިނަލާއި ސެމީ ފައިނަލް މެޗުތައް އެއް ކޮށް ހުޅުވާލެވިގެންދެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ލަނޑަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނީ ކޮންމެ މަރުހަލާއަކުން އެއްވަނަ ހޯދި ލަނޑު ތަކާއި ފީފާއިން ހޮވާލާ އިތުރު ލަނޑު ތަކެއްގެ ތެރެއިން އާންމުންގެ މެދުގައި ނަގާ އިތުރު ވޯޓަކުންނެވެ. މިގޮތުން މިވޯޓަށް ހުޅުވާލާނީ ފައިނަލް މެޗު ނިމުމާއެކުއެވެ. އެހެން ކަމުން މިމުބާރާތުގެ އެންމެ މޮޅު ލަނޑު ހޮވުމުގައި ތިއިން ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެފުރުސަތު އެބައޮތެވެ.
މިހާރު ލިބިފައިވާ ވޯޓް ތަކަށް ބަލާއިރު ގްރޫޕް ސްޓޭޖްގެ އެންމެ މޮޅު ގޯލަކަށް ހޮވިފައިވަނީ ޑީއާރު ކޮންގޯ އާއި ދެކޮޅަށް އުޒްބެކިސްތާންގެ އެލްޑޯ ޝޮމުރޮޑޯވް ކާމިޔާބު ކޮށްދިން ލަނޑެވެ. ރައުންޑް އޮފް 32 ގައި އާންމުންގެ ވޯޓު ލިބިގެންދިޔައީ އާޖެންޓީނާ ކޮޅަށް ކާބޯ ވާޑޭގެ ސިޑްނީ ލޯޕޭޒް ކަބްރާލް ޖަހައިދިން ލަނޑެވެ. އަދި ރައުންޑް އޮފް 16 ގައި އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ ނޯވޭގެ އާލިންގ ހާލަންޑް، ބްރެޒިލް ކޮޅަށް ކާމިޔާބު ކުރި ދެވަނަ ލަނޑެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން ވޯޓަށް ހުޅުވާލީ މޮރޮކޯ ކޮޅަށް އެމްބާޕޭ ކާމިޔާބު ކުރި ލަނޑާއި އިންގްލަންޑް ކޮޅަށް ނޯވޭގެ އެންޑްރެއާސް ޝިއެލްޑެރަޕް ކާމިޔާބު ކުރި ލަނޑާއި ނޯވޭ ކޮޅަށް ބެލިންގހަމް ކާމިޔާބު ކުރި ފުރަތަމަ ލަނޑާއި ސްވިޓްޒަލަންޑް ކޮޅަށް އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް ކާމިޔާބު ކޮށްދިން ލަނޑެވެ. އަދި ސެމީ ފައިނަލް ދެމެޗުން ވޯޓަށް ހުޅުވާލީ ފަރަންސޭސީން ކޮޅަށް ސްޕެއިންގެ ޕެޑްރޯ ޕޯރޯ ޖެހި ލަނޑުގެ އިތުރުން އިންގްލަންޑް ކޮޅަށް އެންޒޯ ފެނާންޑޭޒް ކާމިޔާބު ކުރި ލަނޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ