މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ކަންކޮޅުގައި އަލިފާނުގެ 12 ހާދިސާ ހިނގައިގެން ފަޔާ އެންޑް ރެސްކިއު އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިދިޔަ ހަފްތާގައި ޖުމްލަ 23 ހާދިސާއަކާ ގުޅިގެން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 12 ހާދިސާއަކީ އަލިފާނުގެ ހާދިސާ ކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) ގެ 2024 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން އަލިފާނުގެ ހާދިސާތައް ހިނގަނީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން އެ އަހަރު ހިނގި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން 77 ޕަސަންޓު ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގަ އެވެ.
މިދިޔަ ހަފްތާ ތެރޭގައި އެމްއެންޑީއެފްއިން ހަތަރު މެޑިކަލް އިވެކުއޭޝަން ހިންގާފައިވެ އެވެ. އޭގެއިތުރުން ކެމިކަލެއް ލީކުވި އެއް ހާދިސާއަށް އެޓެންޑުވިއިރު، ތަފާތު ފަސް ހާދިސާއެއްގައި މީހުން ސަލާމަތްކޮށްފައިވެ އެވެ.
މިދިޔަ ހަފްތާގައި ހިނގި 23 ހާދިސާގެ ތެރެއިން 16 ހާދިސާއަށް އެޓެންޑުވީ އެމްއެންޑީއެފް މާލެ އޭރިޔާ ކޮމާންޑުންނެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެއް ހާދިސާއަށް އެޓެންޑުވިއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑޫން އެޓެންޑުވީ ތިން ހާދިސާއަށެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ތިން ހާދިސާއަށް އެޓެންޑުވެފަ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި 83 އަލިފާނުގެ ހާދިސާއެއް ހިނގައިގެން 2024 ވަނަ އަހަރު ރިޕޯޓުކޮށްފައިވެ އެވެ.
ކާރިސާތައް ގިނަވުމުގެ ސަބަބުން އެފަދަ ކަންކަމަށް ކުރަންޖެހޭ ހޭދަ ވެސް އެތައް ގުނައަކުން ވަނީ މަތިވެފަ އެވެ. މިގޮތުން ކާރިސާތަކަށް 2024 ވަނަ އަހަރު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޭގެ ކުރިން 2023 ވަނަ ހޭދަކުރީ ހަ މިލިއަން ރުފިޔާ އެވެ. އަދި 2022 ވަނަ އަހަރު ހޭދަ ކުރީ އެންމެ ތިން މިލިއަން ރުފިޔާ އެވެ.
މިދިޔަ ހަފްތާގައި އަލިފާނުގެ 12 ހާދިސާ ހިނގި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ