މިނިސްޓަރު ދެއްވި ތާރީހު ފަހަނައަޅައި ދިޔައިރުވެސް އެޗްޕީއޭގެ މުވައްޒަފުން ދާއިމީ އޮފީހަށް ބަދަލެއް ނުކުރެވުނު

އާންމުންނާ ގުޅޭ ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ދާއިމީ އޮފީހަށް އެ މުވައްޒަފުން ބަދަލުކުރާނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ދެއްވި ތާރީހު ފަހަނައަޅައި ދިޔައިރުވެސް، އެ މުވައްޒަފުން ދާއިމީ އޮފީހަށް ބަދަލެއް ނުކުރެވުނެވެ.  
މި މަހު 8، ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ގީލާ ވިދާޅުވީ އެޗްޕީއޭގެ މުވައްޒަފުން މި މަހުގެ 15، ގައި ހުޅުމާލޭގައި ކަނޑައަޅާފައިވާ ވަކި ތަނަކަށް ބަދަލުކޮށް، އެކުގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ. 
"އަޅުގަނޑުމެން އުންމީދު މިކުރަނީ މި މަހުގެ 15، ހާ ހިސާބުގައި ހުޅުމާލޭގައި ވަކި ހަމަ ތަނެއްގައި އެ މުވައްޒަފުން ބަދަލުކުރެވި، އެ މުވައްޒަފުން އެއް ތަނެއްގައި ތިބެގެން މަސައްކަތް ކުރެވެމުންދާނެ ކަމަށް،" މި މަހު 8، ގައި ގީލާ ވިދާޅުވި އެވެ. 
ނަމަވެސް އަދަދު އަށް އެނގިފައިވާ ގޮތުގައި އެޗްޕީއޭގެ މުވައްޒަފުން އަދިވެސް މަސައްކަތް ކުރަމުންދަނީ މާލޭގައި ހުންނަ ރޯޝަނީ ބިލްޑިންގެ އެކި ފްލޯތަކުގަ އެވެ. 
އެޗްޕީއޭގެ އައު އޮފީސް ހަދަމުންދާ ކަމަށް މައުލޫމާތު ލިބެނީ ހުޅުމާލެ ފޭސް 1 ގައި މީގެ ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްގީކުރަން ހެދި އިމާރާތުގަ އެވެ. ނަމަވެސް އެތަނަށް މުވައްޒަފުން ބަދަލުނުކޮށް ދިގުލައިގެންދަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. 
އެޗްޕީއޭގެ މުވައްޒަފުން ކުރިން މަސައްކަތްކުރަމުންދިޔައީ ހުޅުމާލެ އޮރެންޖު ހިޔާގަ އެވެ. އެތަނުން އެ މުވައްޒަފުން ނެރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގަ އެވެ. އޭގެ ފަހުން މިހާތު ނުވަ މަހެއްހާ ދުވަސްވެފައިވާއިރު އެ މުވައްޒަފުން މަސައްކަތް ކުރަނީ އެކި ތަންތަނުގަ އެވެ. 
މިކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ 100 އެއްހާ މުވައްޒަފުން އުޅޭ އެޗްޕީއޭގެ ދާއިމީ އޮފީހެއް ނެތުމުގެ ސަބަބުން އެތަނުން ފޯރުކޮށްދޭ ވޯކް ޕާމިޓް މެޑިކަލް އަދި ވެކްސިންއާ ގުޅޭ ހިދުމަތްތައް ލިބެނީ ކޮންތަނަކުންކަން ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ. 
އޭނާ ބުނީ އެޗްޕީއޭގެ ހިދުމަތްތައް ހެލްތު މިނިސްޓްރީން މިވަގުތު ލިބޭނެ ކަމަށް ބުނި ނަމަވެސް، ހެލްތު މިނިސްޓްރީގައި އެޗްޕީއޭއަށް ހާއްސަކޮށްފައި ވަކި ފްލޯއެއް ވެސް ކަނޑައަޅާފައިނުވާ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރި އެވެ. 
މީގެއިތުރުން އިތުރު މީހާކު އަދަދު އަށް ބުނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ފެތުރެމުންދާ މި ދަނޑިވަޅުގައި މުވައްޒަފުންނަށް ދާއިމީ އޮފީހެއް ނުލިބުމުން ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ބަލި ފެތުރުން ކޮންތްރޯލްކުރުމުގެ ކަންކަން ރަނގަޅަށް މެނޭޖު ނުކުރެވޭ ކަމުގެ ޝަކުވާ ވެސް ވަނީ އިތުރުވެފަ އެވެ. 
އޮރެންޖު ހިޔާއިން އެޗްޕީއޭގެ މުވައްޒަފުން ނުކުންނަން ޖެހުނީ އެތަނުގައި ފަންގަސް ޖަހައި ދެ މުވައްޒަފަކަށް އޭގެ އަސަރުކުރުމުގެ ސަބަބުންނެވެ. މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނުގެ ދަށުން މުވައްޒަފުން ނުރައްކަލަށް  ހުށަހެޅޭ ތަންތަނުގައި އެ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމަކީ މަނާ ކަމެކެވެ. 
އާންމު ސިއްހަތާ ގުޅުންހުރި ގިނަ މަސައްކަތްތައް ކުރާ އެޗްޕީއޭއަކީ ރާއްޖޭގައި ހުލުއިކަމާއެކު ފެތުރޭ ބަލިތަކާ ގުޅުންހުރި އެންމެހާ ކަންކަން ކުރަުން އަންނަ އޮފީސް ކަމަށްވާއިރު، އެތަނުގެ ވެބްސައިޓު އެެތައް މަހެއްވަންދެން ޑައުންވެފައި ހުރުމަށްފަހު އަޕްކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ވެބްސައިޓު އަޕްޑޭޓެއް ނުކުރާއިރު، ގިނަ މައުލޫމާތު ނެތްކަންވެސް ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ