ނުސާފު ވައި އަންނާތީ ކެނެޑާއިން އާ ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ކެނެޑާގެ ޖަންގަލިތަކުގައި ރޯވެފައިވާ އެތައް ސަތޭކަ އަލިފާންގަނޑެއްގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރު އެމެރިކާގެ އުތުރުގެ ބޮޑު ބަޔަކަށް ކުރަމުންދާތީ، ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން އާ ޓެރިފްތަކެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. މި އިންޒާރު ދެއްވާފައިވަނީ ކެނެޑާގެ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ. އެމެރިކާގެ ރައްޔިތުންގެ ސިއްހަތަށް ނުރައްކާވަމުންދާ ކަމަށް ބުނެ، ޓްރަމްޕް ވަނީ ކެނެޑާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި މައްސަލައިގައި އެމެރިކާގެ މެންބަރުން ޝަކުވާކުރައްވަމުން ގެންދަވާތީ، ކެނެޑާގެ އޮންޓޭރިއޯގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ޑަގް ފޯޑް ވަނީ ޝަކުވާކުރުމުގެ ބަދަލުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ. ފޯޑް ވިދާޅުވި ގޮތުގައި މިއީ ގުދުރަތީ ކާރިސާއެއް ކަމަށާއި، ދެ ގައުމު ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. ނަމަވެސް މިކަމަށް ރައްދުދެއްވައި ޓްރަމްޕް ވިދާޅުވީ ކެނެޑާއިން ގަސްދުގައި އިހުމާލުވަމުންދާ ކަމަށެވެ. "ސިއްހަތަށް ނުރަނގަޅު، ތަޣައްޔަރުވެފައިވާ، އަދި ނުސާފު ވައި އެމެރިކާއަށް ވަންނަމުން އެބަދޭ. އެއީ ގަސްދުގައި އިހުމާލުވުން،" ޓްރަމްޕް ވިދާޅުވިއެވެ. ކެނެޑާގެ ވައިލްޑްލޭންޑް ފަޔާ އިންފޮމޭޝަން ސިސްޓަމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ގައުމުގައި ގާތްގަނޑަކަށް 955 އަލިފާންގަނޑު ދަނީ އަނދަމުންނެވެ. މީގެ ތެރެއިން ގިނަ އަލިފާންގަނޑުތައް ހުރީ ކޮންޓްރޯލުން ބޭރުގައެވެ. މިހާތަނަށް ކެނެޑާގެ ގާތްގަނޑަކަށް ތިން މިލިއަން ހެކްޓަރުގެ ބިން ވަނީ ވަލު އަލިފާނުގެ ސަބަބުން އަނދައި ހަލާކުވެފައެވެ. މޫސުން ގޯސްވުމާއި ވައިގަދަވުމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. މިނިސޯޓާގެ ސިޓީއެއް ކަމަށްވާ މިނިއަޕޮލިސް އަށްވެސް ދުމުގެ އަސަރުކޮށްފައި. ފޮޓޯ/ގެޓީ މި އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރު އެމެރިކާގެ މިނިސޯޓާ އާއި މިޝިގަން އިން ފެށިގެން ޕެންސިލްވޭނިއާ، އޮހައިއޯ އަދި ނިއުޔޯކާ ހަމައަށް ވަނީ ފޯރާފައެވެ. ޚާއްސަކޮށް މިނިސޯޓާގެ މިނިއަޕޮލިސް ފަދަ ސިޓީތަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ސަރަހައްދުތަކުގައި ވައިގެ ސާފުމިން ވަރަށް ބޮޑަށް ދަށްވެ، އާންމުންގެ ސިއްހަތަށް ނުރައްކާވެދާނެތީ ކަމާބެހޭ ފަރާތްތަކުން ވަނީ ސަމާލުވުމަށް އަންގާފައެވެ. ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭއަށް ގުޅުއްވައި، އެ ގައުމުން ގަސްދުގައި އިހުމާލުވި މައްސަލައިގައި ބަޔާނެއް ދެއްވުމަށް ޑިމާންޑް ކުރައްވާނެ ކަމަށެވެ. ކެނެޑާއިން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވާއިރު، މި މައްސަލައިގައި އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުވެސް ވަނީ ހޫނުވެފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން އެމެރިކާއަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުންވަމުންދެއެވެ. ޓެރިފް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވި މައްސަލައާ ގުޅިގެން އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ އޭނާއަށް ފާޑުކިޔާފައެވެ. ޚާއްސަކޮށް، ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަކަށް ހެދުމަށް މީގެ ކުރިން ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އިޝާރާތްކުރައްވައި، އެ މެންބަރުން ވަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. ރިޕަބްލިކަން ޕާޓީގެ ބައެއް އިސް ފަރާތްތަކުން ދެކޭ ގޮތުގައި ޓްރަމްޕްގެ މި އަމަލުތަކުގެ ސަބަބުން އެމެރިކާގެ އެންމެ ގާތް އެއް އެކުވެރިޔާއާ އޮންނަ ގުޅުން އިތުރަށް ހީނަރުވެގެންދާނެއެވެ. މި ދަނޑިވަޅުގައި، އޮންޓޭރިއޯ އާއި މިޝިގަން ގުޅުވައިދޭ ކެނެޑާގެ ފައިސާއިން ހިންގާ ބޮޑު މަޝްރޫއެއް ކަމަށްވާ 'ގޯޑީ ހޯ އިންޓަނޭޝަނަލް ބްރިޖް' ހުޅުވުން ލަސްކުރުމަށްވެސް އެމެރިކާގެ ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް މުރާސިލުން ފާހަގަކުރެއެވެ. މި ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި މުދާ އުފުލުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށް ބެލެވެއެވެ. ޓްރަމްޕްގެ ވާހަކަފުޅުތަކަށް ރައްދުދެއްވައި، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭގެ ސަރުކާރުގެ ފަރާތުން އިމަޖެންސީ މެނޭޖްމަންޓް ކެބިނެޓް މިނިސްޓަރު އެލިއަނާ އޮލްޝެވްސްކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 1982 ވަނަ އަހަރު ގާއިމުކުރި އަލިފާން ނިއްވުމުގެ އެއްބަސްވުމަކާއި 2025 ވަނަ އަހަރުގެ ޖީ7 ސަމިޓުން އުފެދުނު އެހީތެރިކަމުގެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ގުޅުން މެދުނުކެނޑި އޮތް ކަމަށެވެ. އަދި މިފަދަ ކާރިސާތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ދިގު ތާރީޚެއް ދެ ގައުމުން ހިއްސާކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކެނެޑާއިން ވަނީ ޖަންގަލިތަކުގައި އަލިފާން ރޯވުން ހުއްޓުވުމަށް މަސައްކަތްކޮށް، އެ ތަންތަން ދެމެހެއްޓުމަށާއި އަލިފާން ރޯވުން ކޮންޓްރޯލް ކުރުމަށް ގާތްގަނޑަކަށް 8.5 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައި ކަމަށްވެސް އޮލްޝެވްސްކީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ކެނެޑާއިން މިކަމަށް އިހުމާލުނުވާ ކަމަށާއި، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއާއި ކެނެޑާގެ ގުޅުން އެތައް ފަހަރަކު ގޯސްވެފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ ވިޔަފާރީގެ މައްސަލަތަކެވެ. މިދިޔަ އަހަރުވެސް ޓްރަމްޕް ވަނީ ކެނެޑާގެ މުދަލުން ޓެރިފް ނަގާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އަލިފާނުގެ ހާދިސާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެފައިވާއިރު، ދެ ގައުމުން މިހާތަނަށްވެސް އާ ވިޔަފާރީގެ އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ