އެމެރިކާއިން ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފި

ސުލްހައިގެ މަޝްވަރާތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން، އީރާނާ އެކު އޮތް ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން މުއްދަތެއް ނެތް ގޮތަށް އިތުރުކުރަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާނު ކުރައްވައިފި އެވެ.
ނަމަވެސް، އީރާނުން ނުވަތަ އިޒްރޭލުން މި ނިންމުން ގަބޫލުކުރާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން މިގޮތަށް ނިންމީ ޕާކިސްތާނުގެ މެދުވެރިންގެ އެދުމުގެ މަތިން ކަމަށެވެ. އީރާނުގެ ވެރިންނާއި މަންދޫބުންނަށް އެއްބަސްވެވޭ ފަދަ ހުށަހެޅުމަކަށް އާދެވެންދެން ނުވަތަ މަޝްވަރާތައް ވަކި ގޮތަކަށް ނިމެންދެން، އެ ގައުމަށް ހަމަލާ ނުދީ މަޑުކޮށްލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު ރޭ ހަމަވާން ގާތްވެފައި ވަނިކޮށް އިތުރުކުރި ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ކަނޑުމަގުން ބޯޓުފަހަރަށް ހުރަސްއެޅުން ދެމިއޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އީރާނުން މި ހިސާރު ސިފަކުރަނީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގަ އެވެ.
އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން މިފަދަ މުއްދަތު އިތުރުކުރުމަކަށް އެދިފައެއް ނުވެ އެވެ. އަދި އެ ގައުމުން ވަނީ މިއީ އެމެރިކާގެ މަކަރުވެރި ރޭވުމެއް ކަމަށް ބެލެވޭ ކަމަށް ބުނެ ޝައްކު އުފައްދާފަ އެވެ.
މި ކުރިއެރުންތައް ފެންމަތިވެފައިވަނީ، މުޅި ސަރަހައްދުން 5,000އަށް ވުރެ ގިނަ އާންމުން މަރުވެ، އެތައް ލައްކަ ބަޔަކު ރެފިއުޖީންނަށް ވެފައިވާ މި ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ސުލްހައިގެ މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ފާއިތުވި ހަފުތާތަކުގައި ޓްރަމްޕްގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ކުރިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިން ނަމަވެސް، މިހާރު އޭނާ ހުންނެވީ އަސްކަރީ ފިޔަވަޅު އެޅުމާ ދުރުގަ އެވެ.
"އީރާނުގެ ސަރުކާރު އޮތީ ވަރަށް ބޮޑަށް ބައިބައިވެފައި،" ޓްރަމްޕް ރޭ ވިދާޅުވި އެވެ.
މަޝްވަރާތަކުގެ ކުރިމަގު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ކުރިން ކުރެވުނު މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުކުމެފައި ނުވާއިރު، އީރާނުގެ ނިއުކްލިއާ މަޝްރޫ އާއި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ފަދަ މުހިންމު މައްސަލަތަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ. އީރާނުން ބުނަމުންދަނީ މަޝްވަރާ ކުރާނީ އެމެރިކާއިން ކުރާ ފިއްތުންތަކާއި ބިރުދެއްކުންތައް ހުއްޓާލައި އަމާންދިނުމަށް ކުރާ ޝަރުތުތަކުން އެމެރިކާ ދުރުވުމުން ކަމަށެވެ.
މިދިޔަ 28 ފެބްރުއަރީގައި ފެށުނު މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. ހާއްސަކޮށް ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ