ބަތަލާ ޝްރައްދާއަށް އާމިރު ޚާންއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ

އުމުރުގެ ގޮތުން ބޮޑު ފަރަގެއް ހުރި އެކްޓަރު އާމިރު ޚާންއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ބޮލީވުޑްގެ ޒުވާން ބަތަލާ ޝްރައްދާ ކަޕޫރަށް ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ އެކި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޕޭމަަންޓް ފްލެޓްފޯމް، ބާރަތުޕޭގެ ސީއީއޯ/އެމްޑީ، އަޝްނީރު ގްރޯވާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ޝްރައްދާ ފެންނާނީ އާމިރު ޚާންގެ އަނބިމީހާގެ ރޯލްއިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ބައޮގްރަފިކަލް ޑްރާމާ ލިޔެ، ޑައިރެކްޓް ކުރާނީ އޭގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ރާހުލް މޯދީއެވެ. ރާހުލް މޯދީ އަކީ ބަތަލާ ޝްރައްދާގެ ހަގީގީ ދިރިއުޅުމުގެ ލޯބިވެރިޔާއެވެ. އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަޝްނީރު ގްރޯވާ އޭނާގެ އަންހެނުންނާ އެކު--ފޮޓޯ/އިންސްޓަގްރާމް ރާހުލްގެ ފިލްމެއްގައި މަސައްކަތްކުރާނެ ކަން މީގެކުރިން ވެސް ޝްރައްދާ ވަނީ ސޯޝަލް މީޑިއާގައި ފޭނުންނާ އެކު ކުރިއަށްގެންދިޔަ އޮންލައިން ސެޝަނެއްގައި ހާމަކޮށްފައެވެ. ނަމަވެސް އެ ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް ބަތަލާ ހިއްސާކޮށްފައެއް ނުވެއެވެ. މީގެކުރިން ސްކްރީން ރައިޓަރެއްގެ ގޮތުގައި ބައެއް ފިލްމުތަކުގައި މަސައްކަތްކުރާ ރާހުލް އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ މި ބައޮޕިކްއާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު ފިލްމާ ގުޅޭ މައުލޫމާތުތައް ވަރަށް އަވަހަށް މީޑިއާތަކާ އެކު ހިއްސާކުރާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ފިލްމުގެ ސްކްރިޕްޓް އާމިރަށް ވަރަށް ކަމުގޮސްފައިވާ ކަމަށާއި ފިލްމުގެ މަސައްކަތް މިހާރު އޮތީ ޕްރީ-ޕްރޮޑަކްޝަން ސްޓޭޖްގައި ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ. އާމިރު އިތުރު ބައޮޕިކްއެއްގެ މަސައްކަތް ފަށާނެ ކަމުގެ އިޝާރާތެއް ލިބިފައިވާއިރު އިންޑިއާގެ ސިނަމާގެ ބައްޕަގެ ގޮތުގައި ދެކޭ ދާދާސާހެބް ޕާލްކޭގެ ބައޯޕިކް ހަދަން ނިންމާފައި އޮތީ ވެސް އާމިރާ އެކުއެވެ. މި ބައޮޕިކް ގެނެސްދޭނީ ފިލްމު "3 އިޑިއަޓްސް" އަދި "ޕީކޭ"ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ