ބެލުންތެރިން ދިގު އިންތިޒާރެއްކުރާ ސޫރަޖްގެ ފިލްމު އަންނަ ނޮވެމްބަރު މަހު

ވަރަށް ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު "ޔޭ ޕްރޭމް މޯލް ލިއާ" ބެލުންތެރިންނަށް ގެނެސްދޭ ތާރީހު އިއުލާނުކޮށްފިއެވެ. އާއިލީ ލޯތްބަށް ބިނާކޮށް ފިލްމުތައް އުފައްދަން މަޝްހޫރު ސޫރަޖްގެ "ޔޭ ޕްރޭމް މޯލް ލިއާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 27ގައެވެ. މި އަހަރު ރިލީޒްކުރާ ބޮލީވުޑް ފިލްމުތަކުގެތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމުގެ ލީޑް ތަރިންނަކީ އަޔޫޝްމަން ކުރާނާ އަދި ޝަރުވަރީ ވާގްއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފިލްމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ބަތަލާ ޝަރުވަރީ ވާގް ބުނެފައި ވަނީ ޑައިރެކްޓަރު ސޫރަޖްގެ ފިލްމެއްގައި މަސައްކަތް ކުރުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް ކަމަށެވެ. އަޔުޝްމާން އާއި ޝަރުވަރީގެ އިތުރުން މި ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ، އަނޫޕަމް ކޭރް، ޝާދު ރާންދްވާ، ސޯމިއާ ޓަންޑަން، ސުޕްރިއާ ޕަތަކް، ސްވަނަންދު ކިރްކިރޭ އަދި ސީމާ ޕަހްވާ ފަދަ ފަންނާނުން ހިމެނެއެވެ. ފިލްމު "ޔޭ ޕްރޭމް މޯލް ލިއާ"ގެ ޑައިރެކްޓަރު ސޫރަޖް އަދި ފިލްމުގެ ލީޑް ތަރިން ކަމަށްވާ އަޔުޝްމާން ކުރާނާ އާއި ޝަރުވަރީ ވާގް--ފޮޓޯ/ބޮލީވުޑްހަންގާމާ ސޫރަޖް މިހާތަނަށް ބެލުންތެރިންނަށް ގެނެސްދީފައިވާ ރީތި ފިލްމުތަކުގެތެރޭ، "މޭނޭ ޕިޔާރު ކިއާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" އަދި "ވިވާ" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2022ވަނަ އަހަރު ރިލީޒްކުރި ފިލްމު "އޫޗާއީ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ