އިޤުރާރުވީމޭ ލޯބިން - 25
"އަހަރެން ބަނޑުބޮޑޭ ރިހާމް.... މީ ރިހާމްގެ ދަރިއެކޭ... އަހަރެން ހޮސްޕިޓަލަށް ދިޔަ ސަބަބަކީވެސް މިއީ.." ރިހާމްގެ އަޑު މަޑުވެގެން ދިޔުމާއެކު އައިރާ ކުރިއަށް ޖެހިލާފައި، ރިހާމްގެ އަތް ނަގާފައި އޭނަގެ ބަނޑުގައި ޖައްސައިލިއެވެ. "އައި... އައިރާ...." ރިހާމްގެ އަޑުވަނީ އިންތިހާއަށް މަޑުވެފައެވެ. އޭރު ވެސް އޭނަގެ އަތްވަނީ އައިރާގެ ބަނޑުގައި ޖައްސާލެވިފައެވެ. ރިހާމްގެ މޫނަށް ބަލަމުން ދިޔަ އައިރާ ދިޔައީ ރިހާމްގެ މޫނުމަތީން އުފާވެރިކަން ހޯދަމުންނެވެ. އޭނަ ތަޞައްވަރުކުރި ފަދަ އެއްވެސް ކުލަވަރެއް ފެނޭތޯ ދިރާސާކުރަމުންނެވެ. އެހެންނަމަވެސް، އޭނަގެ ހިތުގެ ހިނގުން މަޑުޖެހިލީ ރިހާމްގެ މޫނުމަތީން ފެނުނު ހުސްކަމެއްގެ ސަބަބުންނެވެ. އޭނަ އުންމީދުކުރި ފަދަ އެއްވެސް އަސަރެއް ރިހާމްގެ މޫނުމައްޗަކުން އޭނައަކަށް ނުފެނުނެވެ. "ރިހާމް... ކޮންމެވެސް އެއްޗެއް ބުނެބަ... ރިހާމް އުފަލެއް ނުވޭތަ؟ އަހަރެމެންގެ ދަރިފުޅަށްޓަކާ އުފަލެއް ނުވޭތަ؟" އައިރާއަށް ބުނެވުނެވެ. އޭނަގެ ހިތުގައި ނުގޮތަކަށް ވިންދެއް ޖަހައިލައިފިއެވެ. "އައިރާ... ބަނޑުބޮޑޭ...." ރިހާމްގެ ދޫ ހަރަކާތްކުރީ އުނދަގުލުންނެވެ. ހީވީ އެ ހަޤީޤަތް ޤަބޫލުކުރަން އުނދަގޫވީހެންނެވެ. "އާނ... ރިހާމް..." އެކަން ޔަޤީންކޮށްދޭން ބޭނުންވެފައިވާ ޙާލު އައިރާ ބޯ ޖަހައިލިއިރު، އޭނަ އަދިވެސް ދިޔައީ ރިހާމްގެ މޫނަށް ބަލަމުންނެވެ. އެހެންނަމަވެސް އެމޫނުމަތީން ފެންނަމުން ދިޔަ ހުސްކަމުގެ ސަބަބުން ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ރިހާމްގެ އަތް އޭނަގެ ބަނޑުގައި ޖައްސާލައިގެން ހުރި އައިރާއަށް އެ އަތަށް ބަލައިލެވުނީ މަޑުމަޑުން ރިހާމްގެ އޭނަގެ އަތް، އައިރާގެ އަތުން މިނިވަންކުރަން މަސައްކަތްކުރަން ފެށުމުންނެވެ. ރިހާމް އެ އަތް ތިރިކޮށްލުމާއެކު، އައިރާއަށް ރިހާމްއަށް ގޮވައިލެވުނެވެ. "ރި... ރިހާމް... ކިހިނެއްވީ؟" އައިރާއަށް ހިންދިރުވައިލެވުނެވެ. އޭނައަށް ރިހާމްގެ އަތުގައި ހިފައްޓައިލެވުނެވެ. "އަހަރެން... އަހަރެން ވަގުތު ކޮޅެއް ބޭނުން..." ރިހާމްގެ ދުލުން ނުކުތް ލަފުޒުތަކާއެކު، އައިރާގެ ހިތުގައިހީވީ މީހަކު ބާރަކަށް ވިކައިގެން ހެންނެވެ. އޭނަ އުންމީދުކުރި ފަދަ އެއްވެސް އަސަރެއް އެމޫނުމައްޗަކުން ނުފެނުނެވެ. ތަކުރާރުކޮށް އައިރާއަށް ރިހާމްގެ ނަމުން ގޮވައިލެވުނެވެ. އެހެންނަމަވެސް، އެކަމުން ފަރަޤެއް ނުވާފަދައަކުން ރިހާމް ފަސްއެނބުރި އައިރާއަށް ފުރަގަސްދިނެވެ. އޭނަ ވަނީ ހިމޭންވެފައެވެ. އާއެކެވެ. އޭނަގެ ހިތުގައި އައިރާއާ މެދު ކުރިން އުފެދިފައިވާ އިޙްސާސްތަކެއް މިހާރަކު ނެތެވެ. އެ ޚަބަރުން އުފާނުވި ސަބަބަކީވެސް އެއީ ކަންނޭނގެއެވެ. އޭނަގެ ދަރިއަކު އައިރާގެ ބަނޑުގައި އުފެދެމުންދިޔަކަން އެނގުމުން ވީ ފާޑެއްގެ އުނދަގުލެކެވެ. "ރިހާމް..." ރިހާމްގެ އަމަލުތަކުން ހިތަށް ލިބިފައިވާ ތަކުލީފުތަކާ ހެދި އައިރާގެ އަޑުގައިވެސް ވަނީ ވޭނެކެވެ. އެއީ އަނތްބަކަށް އެމީހެއްގެ ފިރިމީހާއަށް ދެވޭނެ އެންމެ އުފާވެރި ޚަބަރެވެ. ދަރިއަކު ލިބުމަކީ ދެމަފިރިއެއްގެ ދިރިއުޅުން ފުރިހަމަވަމުންދާ ކަމުގެ ހެއްކެކެވެ. އެއީ ދިރިއުޅުމުގެ އައު ބާބެކެވެ. އުފާވެރިކަމާއި ދެމަފިރިންގެ ދެމެދުގައިވާ ލޯބި އިތުރު ވާނެ ފާލަމެކެވެ. ގުޅުން ވަރުގަދަވެ އިތުރަށް ބަދަހިވަމުން ދާނެކަމެކެވެ. ކޮންމެ ދެމަފިރިއަކުވެސް އެންމެ އުންމީދުކުރާނީވެސް އެކަމަށެވެ. އެހެންނަމަވެސް، ރިހާމްގެ ފުށުން އެ އުފާވެރިކަމެއް ނުފެނުނެވެ. އެހެނެއްކަމަކު ހިތްހަމަނުޖެހުމެއް ވެސް އެމޫނުމައްޗަކު ނުވެއެވެ. އައިރާއަށް އެންމެ އުނދަގޫވީ އެހެންވެގެންނެވެ. އެ ހުސްކަން މާނަކުރާނެ ގޮތެއް އޭނައަށް ނޭނގޭތީއެވެ. އިވުނު ޚަބަރުން ރިހާމްގެ ސިކުނޑިއަށް ހީވަނީ ވަރުގަދަ ލޮޅުމެއް ލިބިފައިވާހެންނެވެ. "އަ... އަހަރެން ވަގުތު ކޮޅެއް ބޭނުން..." ރިހާމްގެ ދުލުން އަނެއްކާވެސް އެ ބަސްތައް ތަކުރާރުވުމާއެކު، އެ ލަފުޒުތައް ވިހަ ތީރުތަކެއްފަދައިން ގޮސް ހެރުނީ އައިރާގެ ހިތަށެވެ. އައިރާއަށް ބަލައިލުމެއްވެސް ނެތި ރިހާމް ދޮރާ ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ. އެއާއެކު ރިހާމްއަށް ގޮވަމުން އައިރާވެސް ހިނގައިގަތެވެ. އެހެންނަމަވެސް ދޮރާ ހިސާބުން ރިހާމް މަޑުޖެހިލިއެވެ. އެއާއެކު އައިރާގެ ފިޔަވަޅުތައްވެސް ހުއްޓިއްޖެއެވެ. ރިހާމް އެއްޗެއް ބުނަން އުޅެނީހެން ހީވި ނަމަވެސް އެއީ އައިރާއަށް ކުރެވުނު ކުށްހީއެއްކަން އިޙްސާސްވީ ކުއްލިއަކަށް ދޮރު ހުޅުވާލާފައި ރިހާމް ނުކުތުމުންނެވެ. އެ މަންޒަރު ބަލަން އައިރާއަށް ހުރެވުނުއިރު އޭނަގެ ދެލޮލުން ކަރުނަތައް ތިރިއަށް ރޮނގުދެމިގެން ހިނގައްޖެއެވެ. ދޮރު ޖެހުމާއެކު ރިހާމްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އެއީ އުދާސްކަމުގެ ނޭވާއެކެވެ. އެތެރެ ހަށީގައި އުފެދުނު ތޫފާން މައިތިރިކުރަން އޭނަ މަސައްކަތްކުރަމުން ދިޔަ ފަދައެވެ. އައިރާ އޭނަގެ ދަރިއަކަށް ބަލިވެ އިނުމުންވެސް އުފަލެއް ނުވިއެވެ. ނުތަނަވަސްކަން ލިބުން ނޫންކަމެއް ނުވިއެވެ. އެހިތުގައި އުފަންވެގެން އައި މަސްހުނި އިޙްސާސްތަކުގެ ސަބަބުން، ރިހާމްއަށް ކުރާނެ ކަމެއް ނޭނގުނީއެވެ. އޭނަ ވިސްނާލަން ބޭނުންވަނީއެވެ. އޭނަ ދަރިއަކު ހޯދުމަށް އަދި ތައްޔާރު ނޫނީ ހެއްޔެވެ؟ އުފާނުވި ސަބަބަކީ އެއީ ހެއްޔެވެ؟ ރިހާމްއަށް އަނެއްކާވެސް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނައަށް އެއްފަރާތު ފާރުގައި ބުރަކަށި ޖައްސާލައިގެން އިރުކޮޅަކު ހުރެވުނެވެ. މީހާ ހަމައަކަށް އެޅިލުމުން ގޮސް ލިފްޓްގެ ބަޓަނަށް އޭނަ ފިތައިލިއެވެ. ލިފްޓު އައުމާއެކު ތިރިއަށް ދިޔައެވެ. ކާރާ ހިސާބަށް ދެވުނުތަނާ ލޯޔަރު އަރުހަމް ގުޅައިފިއެވެ. މަސައްކަތުގެ މުހިންމުކަން އޭނަ ހަނދާންކޮށްލަދިނެވެ. ކުންފުންޏަށް އިތުރު މުވައްޒަފުން ނެގުމަށްޓަކާ ކުރަން ޖެހޭ ތައްޔާރީތަކުގެ އިތުރުން މިހާރު ހަވާލުވެފައިވާ ޕްރޮޖެކްޓްތަކުގެ ބައެއްކަންތައްތައް ފައިނަލައިޒް ކުރަން ޖެހޭކަމުގައި އަރުހަމް ބުނެލިއެވެ. ޚުދު ރިހާމްއަށްވެސް އެކަމުގެ މުހިންމުކަން އިޙްސާސްކުރެވެއެވެ. އެހެންނަމަވެސް، މިވަގުތު އޭނަގެ ސިކުނޑި މަސައްކަތް ނުކުރާނެކަން އެނގޭތީ އެކަމަށް ރިހާމް އުޒުރުވެރިވިއެވެ. އޭނަ ވިސްނަން ޖެހޭ ކަންތައްތައް ގިނަކަމާއެކު، ވަގުތު ކޮޅެއް ރިހާމް ބޭނުންވީއެވެ. އަރުހަމް ތަކުރާރުކޮށް މަސައްކަތުގެ މުހިންމުކަން ހަނދާންކޮށްލަދިނަސް، ރިހާމް އޭނަގެ ނިންމުން ބަދަލެއް ނުކުރިއެވެ. "އަރުހަމް ދެން ތި ކަންތައްތައް ބަލައިލާ. މާދަން ދެން ވާހަކަ ދައްކާނީ..." ރިހާމް ބުނެލިއެވެ. "އެކަމަކު ސާރ...." އަރުހަމްގެ ވާހަކަ ރިހާމް މެދުކަނޑާލިއެވެ. "ކުރެވޭ ވަރަކަށް ކޮށްފަ ބަހައްޓާ. ބުނެފިން ދޯ މިރެއަކު ދެން އަހަންނަކަށް ނުވާނެޔޭ. ކިހާ ދެރަކަމެއް އަރުހަމް! ކުންފުނީގެ ވެރިއަކީ އަރުހަމްތަ؟." އެންމެފަހުން ރިހާމްގެ ގާތަށް ރުޅި އަތުވެއްޖެއެވެ. އަރުހަމް މައިތިރިވީ އެހާ ހިސާބުންނެވެ. އޭނަ ވެސް ގޮތް ދޫކޮށްފައި ފޯނު ބާއްވައިފިއެވެ. ރިހާމް ކާރަށް އަރާ ދުއްވައިލުމަށްފަހު، ދިޔައީ ހުޅުމާލޭ ބީޗު ސަރަހައްދަށެވެ. އެއްފަރާތުގައި ކާރު ޕާކުކޮށްލާފައި ކާރުން ނުކުމެލިއެވެ. އޭނަ ބޭނުންވަނީ ތާޒާ ވައިކޮޅެކެވެ. ރިހާމް ކާރުގައި ލެނގިލައިގެން އެތަކެއް އިރަކު ހުއްޓެވެ. ކަނޑުގެ ލޮނާއެކުވެގެން އަންނަމުން ދިޔަ ތާޒާ ވައިރޯޅިތައް އޭނަގެ ގައިގައި ބީހެމުން ދިޔަނަމަވެސް، އެ ހިތްގައިމު ރޯޅިތަކަކުންވެސް އޭނައަކަށް އަރާމެއް އިޙްސާސެއް ނުވިއެވެ. ސާފު އުޑުމަތީގައި ވިދާ ބަބުޅަމުން ދިޔަ ތަރިތަކާ، ހަނދުގެ ޝާއްބަކަމުގެ ފުރިހަކަމުންވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ވަށައިގެންވީ މާހައުލަށް ބަލަން އެތަކެއް އިރަކު ރިހާމްއަށް ހުރެވުނެވެ. އޭނަ ދަރިއަކު ބޭނުންނުވަނީ ހެއްޔެވެ؟ އުފާނުވީ އެހެންވެހެއްޔެވެ؟ ނޫނީ އޭނަ އުފާނުވި ސަބަބަކީ އެއީ އައިރާގެ ފުށުން އޭނައަށް ލިބެން އުޅޭ ދަރިއަކަށް ވާތީހެއްޔެވެ؟ ރިހާމްއަށް އަމިއްލަ ހިތާ ސުވާލުކުރެވެމުން ދިޔައެވެ. ރިހާމްއަށް ގެއަށް ދިޔައީ ބާރަ ޖަހާ ބޮޑުވީފަހުންނެވެ. އޭރުވެސް ދާނިޔާ އޭނަގެ އިންތިޒާރުގައި އިނެވެ. އޭނަ އިނީ ސައިޑް ޓޭބަލް މަތީގައި ހުރި ލޭމްޕު ދިއްލާލައިގެން ފޮތެއް ކިޔާށެވެ. ރިހާމް ފެނުމާއެކު ދާނިޔާ ފޮތް ލައްޕައިލަމުން ހިނިތުންވެލިއެވެ. ރިހާމްގެ މޫނުމަތީން އޭނައަށް ފެނުނީ ވަރުބަލިކަމެކެވެ. "ބޭބީ... ކިހިނެއްވީ؟" ދާނިޔާއަށް ސުވާލުކޮށްލެވުނެވެ. "ނުނިދަންތަ؟" އެ ސުވާލަށް ޖަވާބު ދިނުމެއްނެތި ރިހާމްވެސް ދާނިޔާއަށް އަމާޒުކޮށްލީ ސުވާލެކެވެ. އެއަށްފަހު އޭނަ ފަރާތް ފަރާތަށް އަތް ދަމައިލީ ހަށިގަނޑުގައި ހުރި ވާންކަމަށް ލުޔެއް ދޭން ބޭނުންވެފައިވާ ފަދައަކުންނެވެ. ދާނިޔާ ނުނިދާ އިނުމުން ދާނިޔާ އޭނަ ދެކެވާ ލޯބި ރިހާމްއަށް އަންދާޒާކޮށްލެވިއްޖެއެވެ. އެހިނދު އޭނަގެ ހިތް ބުނެލީ އެންމެ ވާހަކައެކެވެ. އައިރާގެ ނަން އޭނަގެ ހިތުން މަޑުމަޑުން ފުހެވެމުން ދާކަމެވެ. އައިރާއަށްވުރެ ބޮޑަށް އޭނަގެ ހިތުގައި ފެވިފައިވަނީ ދާނިޔާކަމެވެ. އަނެއްކޮޅުން އައިރާއާ ދާނިޔާއާ އަޅާކިޔާލެވުމާއެކު އޭނަގެ ޙަޔާތުގައި މުހިންމީ ދާނިޔާކަންވެސް ރިހާމްއަށް ޔަޤީންކުރެވިއްޖެއެވެ. އޭނައަށް ވިސްނައިލެވުނެވެ. އައިރާގެ ބަދަލުގައި ދާނިޔާ ބަނޑުބޮޑުވި ނަމަވެސް، އޭނަ އުފާނުވާނީ ހެއްޔެވެ؟ އެހިނދު އޭނަގެ ހިތުން މިފަހަރު ޖަވާބު ދީފިއެވެ. ދާނިޔާ އެހެން ބުނެފިނަމަ، އޭނަ ކަންތައް ކުރާނީ ހަމަގައިމުވެސް އެގޮތަށް ނޫނެވެ. ދާނިޔާ އައިރާގެ މަޤާމުގައި ހުރި ނަމަ ހަމަ ގައިމުވެސް ކަންތައްތައް ތަފާތުވާނެކަން ފަހުމްވިއެވެ. ސަބަބަކީ އޭނަ އައިރާއަށް ވުރެ ބޮޑަށް ލޯބިވަނީ ދާނިޔާދެކެ ކަމުގައިވާތީއެވެ. "ރިހާމް އަންނަންދެން ވެއިޓް ކޮށްލައިގެން އިނީ. ރިހާމް ކައިރީގައި ނެތްނަމަ ނިދުމަކީ އަހަންނަށް ފަސޭހަކަމެއް ނޫން ވިއްޔަ... އެހާވެސް ބޮޑަށް ލޯބިވޭ!" ދާނިޔާ އޭނަގެ ދުލުކުރީގައި އަތުރައިލި ފަށުވި އިބާރާތްތަކުން ރިހާމްއަށް ވެސް އަސަރުތަކެއް ކުރިއެވެ. ދާނިޔާ މަޑުމަޑުން އޭނާގެ ގައިމަތީގައި އަޅާފައިވާ ކުއިލްޓް ދުރުކޮށްލިއެވެ. އޭނަ ލާފައިވަނީ ކުރު ސޯޓުކޮޅަކާއި އަތްކެނޑި ނައިޓީއެކެވެ. އެނދުން ތެދުވި ދާނިޔާ ލަސްލަހުން ހިނގާލާފައި ގޮސް ރިހާމްގެ ކައިރިއަށް ހުއްޓުނެވެ. އެއަށްފަހު އޭނަ ރިހާމްގެ އުނަގަނޑުގައި އަތް ވަށާލުމާއެކު، ބާރަށް ރިހާމްގެ ގައިގައި ބައްދައިލުމަށްފަހު، ލޯ މަރައިލަމުން ވާހަކަ ދެއްކިއެވެ. "އައި މިސްޑް ޔޫ..." ދާނިޔާ ބުނެލިއެވެ. އޭނަ ރިހާމްގެ އުނަގަނޑުގައި އަޅުވާލާފައި އޮތް އަތަށް ބާރުކޮށްލިއެވެ. ދާނިޔާގެ އަމަލުތަކުން ރިހާމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. "ސޭމް ހިޔަރ ބޭބީ..." ރިހާމްވެސް ބުނެލިއެވެ. "އެބަ އަންނަން އިނގޭ ފެންވަރާލައިގެން..." އެހެން ބުނެލާފައި ޖީންސްގެ ޖީބުގައި އޮތް ވޮލެޓާއި ފޯނު ނަގާފައި އޭނަ، ޑްރެސިންޓޭބަލް މަތީގައި ބޭއްވިއެވެ. އެއަށްފަހު ގޮސް ފާޚާނާއަށް ވަނެވެ. އެ މަންޒަރު ބަލަން ހުރި ދާނިޔާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލިއެވެ. އެތެރެއިން ރިހާމް ފެންވަރާ މާގަނޑު ދޫކޮށްލި އަޑު ކަންފަތުގައި ޖެހުނު ވަގުތު، ޑްރެސިންޓޭބަލް މަތީގައި އޮތް ރިހާމްގެ ފޯނު ދިއްލުނުތަން ދާނިޔާއަށް ފެނިލިއެވެ. އެވަގުތު ރިހާމްއަށް އައިރާ ނޫން މީހަކު ނުގުޅާނެކަމުގައި ދާނިޔާގެ ހަވަނަ ހިއްސު ބުނެލުމާއެކު، އޭނަގެ ދެބުމަ ގާތްވެލައިގެން ދިޔައެވެ. އޭނައާ ރިހާމްއާއެކު ހޭދަކުރާ ވަގުތުތައް އައިރާގެ ފޯނު ކޯލުތަކުން ޚަރާބުވާކަށް އޭނަ އެއްވެސް ފުރުސަތެއް ނުދޭނެއެވެ. ރިހާމް އޭނަގެ މީހަކަށް ހެދުމުގައި އޭނަ ކޮންމެ ފަދަ ދަރަޖައަކަށް ވެސް ދާނެއެވެ. އަދި އޭނަ މަޑުމަޑުން އެ ހުންނަނީ ކޮންމެހެން ކަންތައްތައް ކުރަން ނުކެރޭތީއެއް ނޫނެވެ. އެހެންނަމަވެސް، މާ ބޮޑުކަމަކާ ނުލާ މިހާރުވެސް ރިހާމްގެ ހިތް އޭނައަށް މިލްކު ކުރެވެމުން ދާތީއެވެ. ދާނިޔާ ގޮސް ރިހާމްގެ ފޯނު ނަގާ ބަލައިލިއެވެ. ހީކުރި ގޮތަށް ގުޅަނީ އައިރާއެވެ. ދާނިޔާގެ މޫނުމަތި ވަގުތުން ބަނަވިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައިވ ވެރިވި، ޚިޔާލާއެކު އޭނަ އެއްމިޔަކަށް ހީނލިއެވެ. އެވަގުތު ރިހާމް ވެސް ފާޚާނައިގެ ދޮރު ހުޅުވާލާފައި ނުކުމެއްޖެއެވެ. ދާނިޔާ ނުވާކަމަކަށް ހަދާލާފައި ފޯނު ޑްރެސިންޓޭބަލް މަތީގައި ބަންޑުން ބާއްވަމުން ރިހާމްއާ ދިމާލަށް އެނބުރިލިއެވެ. ހަމައެކަނި ތުވާއްޔެއް އޮޅާލައިގެން ރިހާމްހުރި އިރު އޭނަގެ ފިރިހެންވަންތަ ހަށިގަނޑު ވަނީ ހާމައަށެވެ. އޭރުވެސް އިސްތަށިގަނޑާއި މޭމަތީގައި ފެންތިކިތައް މުތީތަކެއް ފަދައިން ވިދަމުން ދިޔައެވެ. މޫނުމަތިން ކުރިން ފެނުނު ވަރުބަލިކަން ފިލާ ތާޒާކަން ފެންނަމުން ދިޔައެވެ. ދާނިޔާއަށް ކަޅި ޖަހާ ނުލާ ރިހާމްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ރިހާމްގެ ފިރިހެންވަންތަކަމާއި ފުރިހަމަކަން އޭނަގެ ހިތާ ހަމައަށް ވާސިލްވާކަށް ގިނަ އިރެއް ނުނެގިއެވެ. ބޭއިޚްތިޔާރުގައި އޭނައަށް ރިހާމްއާ ދިމާލަށް ފިޔަވަޅު އެޅެން ފެށުނެވެ. ރިހާމްއަކީ ހަމައެކަނި އޭނަގެ މީހެކެވެ. އޭނަގެ ހައްޤެކެވެ. އޭނަގެ އަލަތު އަދި ފަހު ލޯތްބަކީވެސް އެއީއެވެ. ވީއިރު، އެހެން އެއްވެސް މީހަކަށް އެ ދެމެދަށް ވަންނާކަށް ފުރުސަތެއް ނުދެވޭނެއެވެ. ދާދި އަވަހަށް އޭނަ، އައިރާވެސް ރިހާމްގެ ޙަޔާތުން ބޭރުކޮށްލާނެއެވެ. ދާނިޔާގެ މޫނުމަތީން ފެނުނު މަސްތީ އަސަރުތަކުން ރިހާމްގެ ހިތަށްވެސް އެނގުންވެލައިގެން ދިޔައެވެ. އޭނައާއި ދާދިގާތުގައި ހުއްޓުނު ދާނިޔާއާ ކައިރިއަށް ރިހާމްއަށްވެސް ޖެހިލެވުނެވެ. ދާނިޔާ އޭނަގެ ބްލޮންޑް ކުލަ ޖައްސާފައިވާ ރާޅުބާނީ އިސްތަށިގަނޑު ގެންގޮސް ކަނާއަތް ފަރާތު ކޮނޑާ ދިމާލަށް ވައްޓައިލުމާއެކު، އޭނަގެ ދޮން ކަނދުރާ ހާމަވެގެން ދިޔައެވެ. ރިހާމް ޖެހިލުތްކާއެކު ދާނިޔާ ގެނެސް އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ. "އައި ލަވްޔޫ ސޯ މަޗް..." ރިހާމް ދާނިޔާގެ ކަންފަތް ދޮށުގައި ބުނެލުމާއެކު، އޭނަގެ ގައިން ހީބިހި ނަގައިގެން ދިއެވެ. ރިހާމްގެ ލާނެތް ސަމާސާތަކުން ހިތްހަމަޖެހުނު ދާނިޔާއަށް ބަލައިލެވުނީ ޑްރެސިންޓޭބަލް މަތީގައި އޭނަ ބަންޑުން ބޭއްވި ފޯނަށެވެ. އެވަގުތު އޭނަގެ ތުންފަތް މައްޗަށް އަނެއްކާވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. "ރިހާމް... ދެން... ތި ދޫކޮށްބަލަ..." ދާނިޔާ ތަންކޮޅެއް ބާރަށް ބުނެލަމުން އޭނަ ރިހާމްގެ އަތުތެރެއިން ވީއްލިގަނެގެން ގޮސް ޑްރެސިންޓޭބަލް ކައިރީގައި މަޑުކޮށްލިއެވެ. ރިހާމްވެސް އައިސް ދާނިޔާގެ ކައިރީގައި މަޑުކޮށްލިއެވެ. "ބުނެބަލަ. އަހަރެން ދެކެ ލޯބިވޭތަ؟" ދާނިޔާ ސުވާލުކޮށްލަމުން، ރިހާމްގެ ކަނދުރާގައި އަތް އަޅުވާލިއެވެ. "ޝައްކުވަނީތަ؟..." ރިހާމް ސުވާލުކޮށްލިއެވެ. "ދެން ބުނެބަ. ރިހާމްގެ ދުލުން އަހަރެން ދެކެ ލޯބިވެޔޭ ބުނާ އަޑު އެހުމަކީ އަހަންނަށް ލިބޭ ހާދަ ބޮޑު އުފަލެކޭ..." ދާނިޔާ އެހުރިގޮތަށް ބުނެލިއެވެ. އެއާއެކު ރިހާމްގެ ލުއިކޮށް ހީނލިއެވެ. މިވަގުތު އޭނަ ބޭނުންވަނީ ދާނިޔާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އައިރާއާ މެދު ވިސްނާކަށް ބޭނުމެއް ނޫނެވެ. "ކިތަންމެ ވަރަކަށްވެސް ބުނެފާނަން. އާނ.. އައި ލަވް ޔޫ.... އައި ލަވްޔޫ ސޯ މަޗް ބޭބީ...ތިހާ ވަރަށް އަހަރެން ލޯބިވާ އެހެން މީހަކު ނުހުންނާނެ." ރިހާމްގެ އަޑުގައިވި އަސަރުތަކުން ދާނިޔާއަށް ހީނލެވުނެވެ. ދާނިޔާގެ މަޤްސަދު ނޭނގޭ ޙާލު އޭނަވެސް ދާނިޔާ ދެކެ ލޯބިވާ ވާހަކަ ހާމަކުރަމުން ދިޔައެވެ. ***** ފޯނު ކަންފަތުގައި ޖަހައިގެން ހުރި އައިރާއަށް ފޯނު ތިރިކޮށްލެވުނުއިރު، އޭނަގެ އަތް ތުރުތުރު އަޅައެވެ. ހުރި ތަނަށް ތިރިވެވުނީ ކޮޅަށް ހުންނަން ދަތިވުމުންނެވެ. އޭރު ބޮޑުވެފައިވީ ދެލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ތާޒާ ކަރުނަތައް ކޯތާފަތް މަތީން ތިރިއަށް ރޮނގުދެމިގެން ދާން ފަށައިފިއެވެ. މުޅި މީހާގެ ނަފްސުގައި އުފެދުނު ގިލަންވެރިކަމާއެކު، މޭގައި އުފެދުނު ރިހުން ހަށިގަނޑު ހުރިހާ ސެލްތަކަކަށް ދަތުރުކުރަން ފަށައިފިއެވެ. ބަޔާންކުރަން ދަތި ވޭނެއް އޭނައަށް ލިބެމުން ދިޔައެވެ. އޭނަ ރިހާމްއަށް ގުޅީ ފަހަރެއްގައިވެސް އެފަދަ ވާހަކަތަކެއް އަޑު އިވިދާނެކަމަކަށް ނޫނެވެ. އެހެނެއްކަމަކު، އޭނަ ރިހާމްއަށް ގުޅީ މާދަމާ ސްކޭން ކުރަން ދާއިރު ފިރިމީހާ ހުންނަން ބޭނުންވާތީއެވެ. ދަރިފުޅު ފެނުމުން ރިހާމްގެ ހިތް ބަދަލުވެދާނެތީއެވެ. އޭނަގެ ހިތުގައި އެ ދަރިފުޅާ މެދު ކުލުނު އުފެދިދާނެތީއެވެ. އަދި ދަރިފުޅާ މެދު ލޯބި އެ ހިތުގައި އުފެދިދާނެކަމަށް އޭނައަށް ޤަބޫލުކުރެވޭތީ ވެސް މެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނައެކޭ އެއްގޮތަށް އެއީ ރިހާމްގެ ވެސް ދަރިއެކެވެ. އެހެންނަމަވެސް، އެ ފޯނު ކޯލާއެކު، ރިހާމްގެ އުޅުން އިސްލާހުވާނެކަމަށް ކުރެވުނު އުންމީދު ފެނަށް ވެގެން ދިޔަހިނދު އައިރާއަށް ގިސްލެވިއްޖެއެވެ. އަތުގައި އޮތް ފޯނަށް ބަލައިލުމާއެކު، ފޯނު ކަނޑާލިއެވެ. އެއަށްފަހު އޭނައަށް ބިރުވެރި އެއްޗެއް ފެނިގެން އަތް ފޮޅާލާހެން ފޯނުވެސް ޓައިލްސްތަކުމަތީ ބާއްވަމުން ދުރަށް ކޮށްޕާލެވުނެވެ. ބިރުވެރި އެއްޗަކަށް ބަލާހެން ފޯނަށް ބަލަހައްޓައިގެން އިންއިރު، ދެލޮލުން ކަރުނަތައް ހުއްޓުމެއް އޭރުވެސް ފައިބަމުން ދިޔައެވެ. ބަނޑުގައި އަތް ޖައްސައިލުމަށްފަހުވެސް، މިފަހަރު ރުއިން ހުއްޓާލަން އައިރާ މަސައްކަތްނުކުރީ އެއީ ނާދިރު ކަމެއްކަން އެނގޭތީއެވެ. ފިރިމީހާ އެހެން އަންހެނަކާއެކު، ހުރިކަން އެނގި މީހާގެ ހީވަނީ ވޭނާ ތަކުލީފުގެ ތެރޭގައި ރޫޅިގެން ހިނގައިދާނެހެންނެވެ. އަމިއްލަ މީހާއަށް ހިމާޔަތް ދޭން އުޅޭފަދައަކުން ހަށިގަނޑުގައި ދެ އަތް ވަށައިލި އައިރާ ރޮއިރޮއިގޮސް ދެލޯ ރަތްވެ ދުޅަވިއެވެ. އޭނަގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ. ރިހާމް މިހާރަކު އޭނަ ދެކެ ލޯތްބެއް ނުވެއެވެ. އެކަންވެސް އައިރާއަށް ޔަޤީންކުރެވިއްޖެއެވެ. ރިހާމްގެ ދުލުން އޭނަ ދެކެ ލޯބިވާ ވާހަކަ ނުބުނަނީ ރިހާމްގެ ޙަޔާތުގައި އެހެން މީހަކު ހުރީތީއެވެ. އެހެން ނޫންނަމަ އެއްފަހަރުވެސް އޭނަ ދެކެ އަދިވެސް ލޯބިވާކަމުގައި ބުނެލީހެވެ. އެ މީހުންނަށް ދަރިއަކު ލިބެން އުޅޭކަން އެނގުމުން އުފާ ވެސް ވީހެވެ. އޭނައަށް ފަހަތަށް ޖެހިލާފައި ގޮސް އެނދުގެ ފައިލާކޮޅުގައި ލެނގިލެވުނެވެ. ކަކޫ ގެނެސް މެއާ ކައިރިކޮށްލުމާއެކު، ކަކުލުގައި ބޯ އަޅައިލައިގެން އައިރާ އިނެވެ. އޭނައަށް ނިދި ޖެހުނީ ވެސް އެހެން އިންދައެވެ. ދެން ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އިނދެވުނު ގޮތުން ކަރަށްވެސް ފާޑަކަށް ތަދެއް އަރާފައި ހުއްޓެއެވެ. އެއީ ފެނުނު ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ ހިތަށް އެރިނަމަވެސް، ދުރުގައި ޓައިލްސް ތަކުމަތީގައި އޮތް ފޯނު ފެނުމާއެކު، ރޭގައިވީ ހުރިހާކަމެއް އޭނަގެ ސިކުނޑީގެ ތެރޭގައި ދައުރުވާން ފެށިއެވެ. ހަޤީޤަތާ ކުރިމަތިލާން އައިރާއަށް މަޖުބޫރުވިއެވެ. "ކިތަންމެ ވަރަކަށްވެސް ބުނެފާނަން. އާނ.. އައި ލަވް ޔޫ.... އައި ލަވްޔޫ ސޯ މަޗް ބޭބީ...ތިހާ ވަރަށް އަހަރެން ލޯބިވާ އެހެން މީހަކު ނުހުންނާނެ." ރިހާމްގެ ދުލުން އެހެން އަންހެނެއް ދެކެ ލޯބިވާކަމަށް ބުނެލި ޖުމްތައްވެސް އޭނަގެ ކަންފަތުގެ ތޫރީގެ ތެރޭގައި ތަކުރާރުވާން ފެށުމާއެކު، ކަންފަތުގައި ދެއަތްވެސް އަޅައިލެވުނެވެ. އެ އަޑުތައް ކެނޑޭތޯއެވެ. އިރުކޮޅަކު އެގޮތުގައި އޭނައަށް އިނދެވުނެވެ. ހިތްވަރުކޮށްފައި އައިރާ ތެދުވެ ވުޟޫކޮށްގެން ނުކުމެ ފަތިސް ނަމާދުކޮށްލިއެވެ. ހިތަށް ހަމަޖެހުން ލިބިގެން ދިޔައީ ދެނެވެ. ކިތަންމެ ބޮޑު މުސީބާތަކާ ދިމާވިނަމަވެސް، ހެއްދެވި ފަރާތްމަތިން ހަނދުމަކޮށް ދުޢާކުރެވުމުން ހިތަށް ހަމަޖެހުން ލިބޭނެކަން ގައިމެވެ. އެކަލާނގެ އެއްވެސް އިންސާނަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. ހިތްތަކުގެ ބުރަތައް އުފުއްލަވާ ހިތްތަކަށް ހަމަޖެހުން ދެއްވަނީވެސް، މާތް ﷲ އެވެ. އެހެން އެއްވެސް އިންސާނަކަށް، ވުރެ ބޮޑަށް މީހާގެ ޙާލަތު ދެނެވޮޑިގަންނަވަނީވެސް ﷲ ޞުބްޙާނަހޫ ވަޠަޢާލާއެވެ. ކޮންމެ ކަމެއްގައިވެސް އެކަލާނގެއަށް އިތުބާރުކުރުމަކީ މުޢުމިނުންގެ ސިފައެވެ. ލިބުނު ހިތްހަމަޖެހުމާއެކު، އަރާމުކޮށްލުމުގެ ނިޔަތުގައި އެނދުގައި އައިރާ އޮށޯވެލިއެވެ. ނިދާލަން ކިތަންމެ ބޭނުންވިނަމަވެސް، އެކަމެއް ވެސް ނުކުރެވުނެވެ. އަމިއްލަ ފިރިމީހާގެ ބޭފަވާތެރިކަން އެނގުމުން ލޮލަށް ނިދި އަންނާނީވެސް ކިހިނަކުން ހެއްޔެވެ؟ ހެނދުނު އިރު އެރިއިރުވެސް، އޭނަގެ ޙާލަކީ އެއީއެވެ. އެންމެފަހުން ތެދުވެގެން ގޮސް ހެނދުނުގެ ނާސްތާކޮށްލިއެވެ. އަމިއްލަ ނަފްސާމެދު ފަރުވާކުޑަކުރެވުނު ނަމަވެސް، ބަނޑުގައި ހެދިބޮޑުވަމުންދާ ދަރިފުޅާ މެދު އޭނަ އިހުމާލުވެގެން ނުވާނެއެވެ. ކާހިތްނުވެފައި ހުރެވެސް، ހިތްވަރުކޮށްފައި ކޮންމެވެސް ކެވޭތޯ ބެލީ އެހެންވެގެންނެވެ. ސްކޭން އެޕޮއިންޓްމެންޓް ހަމަޖެހިފައިވަނީ ހަވީރު ތިންގަޑި ބަޔަށެވެ. ރީތިވެލައިގެން އައިރާ ނުކުތީ ޑޮކްޓަރު ދީފައި ހުރި ލިޔުންތައްވެސް ހިފައިގެންނެވެ. ހޮސްޕިޓަލަށް އޭނަ ދިޔައީ ޓެކްސީއެއްގައެވެ. ރޭޑިއޮލޮޖީ ޑިޕާރޓްމެންޓަށް ގޮސް ސްކޭން ކުރުމަށްޓަކާ މެމޯ ހައްދާލައިގެން އައިރާ އިށީންއިރުވެސް، އެތަނުގައި އޭރުވެސް މާބަނޑު ދެމީހުން ތިއްބެވެ. އެއިން ކޮންމެ މީހަކާ އެކުގައިވެސް ފިރިމީހާ ހުއްޓެވެ. ނަންބަރު ޖެހުމާއެކު، އެތަނުން އެކަކު އޭނަގެ ފިރިމީހާއާއެކު ގޮސް ސްކޭން ރޫމަށް ވަދެއްޖެއެވެ. އޭނަގެ ކުރިމަތީގައި އިން އަންހެން މީހާގެ އަތުގައި ހިފައްޓާލަމުން އޭނަގެ ފިރިމީހާ އެ އަތަށް ބޮސް ދީފައި ބަނޑުގައި ފިރުމައިލިތަން ފެނުމުން އައިރާއަށް އިސްޖަހައިލެވުނެވެ. އޭނައަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ދަރިއަކާއެކު، ދުނިޔެއަށް ގިނަވެ ބިކަވެއްޖެކަމުގެ އިޙްސާސް އައިރާއަށް ކުރެވިގެން ދިޔައެވެ. ފިރިމީހާގެ ފަރާތުން ކުރެވުނު އުންމީދުތައް ފެނަށްވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް ހިތްވަރުކުރަން އޭނަ ނިންމިއެވެ. އައިރާގެ ނަންބަރު ޖެހުނީ އެންމެ ފަހަށް ނަމަވެސް ނަސީބަކުން މާގިނި އިރު މަޑުކުރާކަށް ނުޖެހުނެވެ. އޭނަ ގޮސް ސްކޭން ރޫމަށް ވަނުމާއެކު، އެތަނުގައި އިން ބޭރު ޑޮކްޓަރު ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، އެނދުގައި އޮށޯވެލަން ބުނެލިއެވެ. އައިރާ އޭނަގެ އަތުގައި އޮތް ފައިލު މޭޒުމަތީގައި ބާއްވަމުން ގޮސް އެނދުގައި އޮށޯވެލިއެވެ. ޑޮކްޓަރު އައިސް، ސްކޭން ޕްރޯބް ޖައްސައިލިއިރުވެސް އައިރާ ދިޔައީ އޭނަގެ އިޙްސާސްތައް ހިންދައިލަން މަސައްކަތްކުރަމުންނެވެ. ޑޮކްޓަރު އައިރާއަށް ސްކޭން މެޝިނުން އޭނަގެ ބަނޑުގައި ހެދު ބޮޑުވަމުން ދިޔަ ދަރިފުޅު ދައްކައިލި ވަގުތު މައިވަންތަ ލޯބިން އެހިތް ފުރިގެން ދިޔައެވެ. އެތަކެއް ޖަޒުބާތުތަކެއް އެއްވެ އެންމެފަހުން އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން އައިރާއަށް ދަތިވެއްޖެއެވެ. އެންމެފަހުން، އޭނަގެ ދެލޮލުގައި ބޮނޑިވެގަތް ކަރުނަތައް ލޮލުގެ ހިމަކޮޅުން ލާފައި ފައިބަން ފަށައިފިއެވެ. ޑޮކްޓަރު ހީކުރީ އައިރާއަށް ރޮވުނީ އުފަލުންކަމުގައެވެ. ހުރިހާކަމެއްވެސް ރަނގަޅުކަމަށް ބުނެ، ޑޮކްޓަރު އައިރާއަށް ޓިޝޫއެއް ދިނެވެ. ހިތްވަރުކޮށްފައި ނޭފަތް އެތެރެއަށް ދަމައިލަމުން އައިރާ ކަރުނަތައް ފުހެލިއެވެ. ދަރިފުޅުގެ ޖިންސްއާ ބެހޭގޮތުން ސުވާލުކޮށްލުމާއެކު، ޑޮކްޓަރު ބުނެލީ ދެން އަންނަ ސްކޭނެއްގައި އެނގޭނެކަމުގައެވެ. އެ ދުވަހު ފިރިމީހާ ގޮވައިގެން އައުމަށް އޭނަ ބުނެލީ ހިނިތުންވެލަމުންނެވެ. އައިރާ އޭނަގެ ތުންފަތް މައްޗަށް މަސްނޫޢީ ހިނިތުންވުމެއް ވެރިކޮށްލިއެވެ. ރިޕޯޓް ލިބުމާއެކު، އައިރާ ގޮސް ރޫމުން ނުކުމެލިއެވެ. އަދި ވަށައިގެންވީ މާހައުލަށްވެސް ބަލައިލުމެއްނެތި ގޮސް ބޭރަށް ނުކުމެއްޖެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ