އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ބޯންމަތު ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ މި ސީޒަނުގައި އޭނާ ލީގުގައި ޖެހި އަށްވަނަ ލަނޑެވެ.
ނަމަވެސް އޭގެ ހަ މިނިޓު ފަހުން ބޯންމަތުގެ ރަޔާން ކްރިސްޓީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 71 ވަނަ މިނިޓުގައި ޔުނައިޓެޑަށް ލިބުނު ކޯނަރެއް ބްރޫނޯ ފެނާންޑޭޒް ނެގި ވަގުތުގައި ބޯންމަތުގެ ޖޭމްސް ހިލްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުންނެވެ.
ޔުނައިޓެޑަށް މި މެޗުގައި ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ 78 ވަނަ މިނިޓުގައި ބޯންމަތުގެ އެވަނިލްސަން އަށް އޭރިޔާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީގެ އިތުރުން ރަތް ކާޑު ދައްކާ މެގުއާ ދަނޑުން ފޮނުވާލުމެވެ. ބޯންމަތު އަށް ލިބުނު ޕެނަލްޓީ އިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ ޖޫނިއާ ކްރޫޕީ އެވެ.
ހެރީ މެގުއާ އަށް ރަތް ކާޑު ދެއްކިއިރު 2024 ވަނަ އަހަރަށްފަހު އޭނާ އަށް އިންގްލެންޑްގެ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބިފައިވަނީ ވެސް އިއްޔެ އެވެ.
މި ނަތީޖާ އާއިއެކު ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން ޔުނައިޓެޑަށް ލިބިފައިވާ 55 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. ބޯންމަތު އަށް ލިބިފައިވާ 42 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.
ބޯންމަތު އިން ޔުނައިޓެޑް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ