ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަންނަ ޖޫންމަހުގެ ނިއަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
މިމަޝްރޫޢުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ 73 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖަހާ ސަރަޙައްދު ފުންކުރުމާއި، އެ ސަރަޙައްދު ބެކްފިލް ކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން، ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ.
އެގޮތުން ރިވެޓްމަންޓް ޖެހުމުގެ 48 އިންސައްތަ މަސައްކަތާއި، ބިން ހިއްކުމުގެ މަސައްކަތުގެ 72 އިންސައްތަ ނިމިފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ވެލި އެޅުމުގެ މަސައްކަތުގެ 64 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ. އެމްޓީސީސީން ވިދާޅުވީ މަޝްރޫޢު ކުރިއަށްދާ ގޮތަށް ބަލާއިރު ޖޫންގެ ނިއަލަށް މަސައްކަތް ނިންމާލެވޭނެކަމަށެވެ.
އަދި މިމަޝްރޫޢު މަސައްކަތް ނިމޭއިރު ފުނަދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ށ. އަތޮޅުގެ ވެރިކަންކުރާ ރަށް ފުނަދޫގެ އާބާދީއަކީ 2800 ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ ގާތްގަޑަކަށް 2500އެވެ. މިސަރުކާރުންވަނީ ފުނަދޫގައި ތަރައްޤީގެ ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދިއުމަށް ނިންމައި އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.
ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ޖޫންގެ ނިއަލަށް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ