ކޮލޮމްބިއާގެ ރައީސްއާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް އެމެރިކާއިން ތަހުގީގު ކުރަނީ

ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އާ ގުޅުންހުރި މަސްތުވާތަކެތީގެ ދެ މައްސަލައެއް އެެމެރިކާއިން ތަހުގީގު ކުރަން ފަށައިފިއެވެ. ޓައިމްސް ނޫހުގައިވާ ގޮތުން، ލެޓިން އެމެރިކާގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އަމާޒުކޮށްގެން ހިންގާ ތަހުގީގެއްގެ ތެރެއިން އެމެރިކާއިން ދަނީ ޕެޓްރޯގެ މައްސަލައެއް ވެސް ބަލަމުންނެވެ. އެގޮތުން ބްރޫކްލިން އާއި މެންހަޓަންގައި މައްސަލަ ބަލާ އެމެރިކާގެ ވަކީލުން ދަނީ ޕެޓްރޯ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ އަތުން 2022 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ހަދިޔާ ހޯދިތޯ ބަލަމުން ކަމަށް އެ ނޫހުގައިވެއެވެ. ޕެޓްރޯ ވަނީ އެ ތުހުމަތުތައް ދޮގުކޮށް ބަޔާނެއް ނެރުއްވާފައެވެ. "މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ގުޅުން އޮތް ކަމަށް ބުނެ ކޮލޮމްބިއާގައި އަހަރެންނާ ދެކޮޅަށް އެންމެ މައްސަލައެއްވެސް ތަހުގީގެއް ނުކުރޭ. އަހަރެންގެ ހަޔާތުގައިވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކާ ވާހަކައެއް ނުދައްކަން." ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޕެޓްރޯ ލިޔުއްވާފައިވެއެވެ. އެމެރިކާގައި ހިންގާ ތަހުގީގުތަކުން އާޚިރުގައި އޭނާ ކުށުން ބަރީއަވާނެ ކަމަށާއި، ކޮލޮމްބިއާގެ ކަނާތުފިޔައިގެ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕެޓްރޯގެ މައްޗަށް އެއްވެސް ކުށެއްގެ ދައުވާއެއް އުފުލާފައި ނުވާއިރު، ތަހުގީގުތައް ވަނީ ފުރަތަމަ މަރުހަލާގައި ކަމަށް ޓައިމްސް އިން ބުނެއެވެ. ނަމަވެސް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ތަހުގީގު ފަށާފައި ވަނީ ކޮލޮމްބިއާގައި މެއި މަހު 31 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. ޕެޓްރޯ އަކީ ކޮލޮމްބިއާގެ ރައީސް ކަމަށް އިންތިޚާބުވި ވައަތު ފިޔަވައިގެ ފުރަތަމަ ބޭފުޅާއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ލެޓިން އެމެރިކާގައި ކަނާތުފިޔައިގެ ކެންޑިޑޭޓުންގެ ފުރުސަތު ބޮޑު ކުރުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައެވެ. އަދި ދެވަނަ ދައުރަކަށް މިދިޔަ އަހަރު ޖެނުއަރީ މަހު ވަޑައިގެންނެވި ޓްރަމްޕް އާއި ޕެޓްރޯއާ ދެމެދު ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މިދިޔަ ޖެނުއަރީ މަހު އެމެރިކާ ސިފައިން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި އާއި ހަތިޔާރާ ގުޅުން ހުރި ދައުވާތަކެއްކޮށް، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ރަހީނުކޮށްގެން ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ