ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ފްލައިޓުގައި ހަމަނުޖެހުން ހިންގި ދިވެހި މީހާ ދޫކޮށްލައިފި

ބުރާސްފަތި ދުވަހުގެ ރޭ ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފިއެވެ. ބަޓިކް އެއާގެ ފްލައިޓަކުން އައި ދިވެހި ފިރިހެނަކު ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ. 'ސަން'އަށް މައުލޫމާތު ދެމުން މިއަދު ފުލުހުން ބުނީ، ހައްޔަރުކުރި މީހާގެ ސިއްޙީ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ފުލުހުންގެ ދޫކޮށްލާފައި ވާކަމަށެވެ. https://sun.mv/219448 އެ މީހާއާއި އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާނުކުރެއެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 'ސަން'އަށް މައުލޫމާތު ލިބިފައި ވާގޮތުގައި ފްލައިޓްގައި އެ މީހާ އަމަލުކުރި ގޮތުން ފްލައިޓުގެ ކްރޫންނާއި އެހެނިހެން ފަސިންޖަރުންނަށް އުނދަގޫތަކަކާ ކުރިމަތިވެ، ފްލައިޓުގެ އާންމު ހާލަތަށް ބުރޫއެރިއެވެ. ފަހަކަށް އައިސް ވައިގެ ދަތުރުފަތުރުގައި ފަސިންޖަރުންގެ ފަރާތުން ކްރޫންގެ އިރުޝާދުތަކާ ޚިލާފުވުމާއި، ހަމަނުޖެހުން ހިންގުން ފަދަ އަމަލުތައް ފެންނަ މިންވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ އިތުރުވެފައެވެ. އެހެންކަމުން އެއާލައިންތަކުން މިފަދަ ކަންކަމުގައި ގެންގުޅޭ ސިޔާސަތުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. މަތިންދާބޯޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގުމަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ބޮޑު ކުށެކެވެ. ފްލައިޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އަމަލެއް ކުރުމަކީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތައް ކަމަށްވާ ޓޯކިޔޯ ކޮންވެންޝަން ފަދަ މުއާހަދާތަކުގެ ދަށުންވެސް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމެކެވެ. މިފަދަ ކުށެއް ސާބިތުވެއްޖެނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއެކު، ޖަލު އަދަބުވެސް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، އެއާލައިނުން އެ ފަސިންޖަރަކު ބްލެކްލިސްޓު ކުރުމުގެ އިހުތިޔާރުވެސް އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ