އެމްޕީއެލްގެ ޓަގު ބޯޓެއްގައި ޖެހި ލޯންޗަކަށް ބޮޑެތި ގެއްލުންތަކެއް؛ ލޯންޗުގެ ކެޕްޓަންއަށް ފަރުވާދެނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޓަގު ބޯޓަކާއި ލޯންޗެއް މިއަދު ޖެހި، ލޯންޗުގެ ކެޕްޓަންއަށް އަނިޔާވެއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެމްޕީއެލް އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު، ހެނދުނު 10:39 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ލޯންޗުގެ ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ޚިދުމަތުން ބުނީ، އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިންނެވެ. އެ އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ކަނޑުމަތީގެ އިތުރު، ނުރައްކާތެރި ހާދިސާއެއް މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު ވެސް ހިނގައިފައިވެއެވެ. އެގޮތުން ވ. ފެލިދޫ ކައިރިން ހަތް މީހުންނާއެކު ދަތުރުކުރި ލޯންޗެެއް ބަންޑުން ޖަހާލައިފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ