ޖަރުމަނުގެ ކޮންޑޯ އެއާލައިނުން މެއި މަހުން ފެށިގެން ރާއްޖެއަށް އަލުން ދަތުރުތަކެއް ބާއްވަނީ
ޖަރުމަންވިލާތުގެ ކޮންޑޯ އެއާލައިނުން ހޫނު މޫސުމުގައި ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ. ކޮންޑޯގެ 2026 ވަނަ އަހަރުގެ ޝެޑިއުލްގައިވަނީ، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ހަމަޖައްސައިފައެވެ. އެއީ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ. އެ ޝެޑިއުލްގައިވާ ގޮތުން ދަތުރުތައް ބާއްވާނީ އަންނަ މެއި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. ރާއްޖޭގެ ފަތުރުވެރިން އިޝްތިހާރު ކުރާ ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، ކޮންޑޯގެ ދަތުރުތައް އަލުން ފަށައިފައިވަނީ ޖަރުމަނުގެ ޓްރެވެލް ޓްރޭޑް ޕާޓްނަރުންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެގޮތުން، ޖަރުމަނަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ މުހިންމު މާކެޓެއްކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. ފަތުރުވެރިންތަކެއް އެއާޕޯޓުގައި ޚިދުމަތް ހޯދަނީ ---- ފޮޓޯ/ އެމްއޭސީއެލް ކޮންޑޯގެ ދަތުރުތަކާއެކު، ހޫނު މޫސުމުގައި ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެކަން ވެސް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރިއެވެ. އަދި ފްރޭންކްފާޓްއިން ސީދާ ދަތުރުތައް ބޭއްވުމުން ޔޫރަޕުގެ މާކެޓު އިތުރަށް ފުޅާވާނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ، ކޮންޑޯއިން ރާއްޖެއަށް ދަތުރުތައް ފެށުމުން، ރާއްޖެއަކީ ޑިމާންޑް ބޮޑު މަންޒިލެއްކަން އިތުރަށް ދައްކުވައިދޭ ކަމަށް ބުނެފައެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ދަތުރުތައް ބުރޫ އަރައިފައިވީ ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހާލަތު ރަނގަޅު ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 562,956 ފަތުރުވެރިން އައިސްފައިވެއެވެ. އޭގެ ތެރެއިން ފަސް ވަނައަށް އެންމެ ގިނައީ ޖަރުމަނުގެ ފަތުރުވެރިން ކަމަށްވާއިރު، އެ ގައުމުން 35,811 މީހުން އައިސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ