ލޯންޗުން ގެއްލުނު މީހުން ނުފެންނަނީސް ގޯތަަމް ރާއްޖޭން ފުރައިފި ލޯންޗުން ގެއްލުނު މީހުން ނުފެންނަނީސް ގޯތަަމް ރާއްޖޭން ފުރައިފި

ވާވު އަތޮޅުގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި ކަނޑުމަތީގެ އެކްސިޑެންޓެއްގައި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ހާދިސާ ހިނގި ވަގުތު ލޯންޗު ދުއްވަން އިން ކަމަށް މައުލޫމާތު ލިބިފައިވާ އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގްހާނިއާ ރާއްޖެއިން ފުރައިފި އެވެ.
އިތުބާރު ކުރެވޭ މަސްދަރަކުން "އަދަދު" ނޫހަށް ކަށަވަރުކޮށް ދިން ގޮތުގައި، ރޭމަންޑް ޓެކްސްޓައިލްސްގެ ވެރިޔާ ގޯތަމް، 60، ރާއްޖެއިން ފުރާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
މި ނުރައްކާތެރި ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގޭ ރޭ ދަންވަރު 1:15 ހާއިރު، ގޯތަމްގެ 15 މިލިއަން ޑޮލަރުގެ އަގުބޮޑު ޔޮޓު، "ޓީޓީ އަޝޭނާ" ގައި ބޭނުންކުރާ "ސިނގިރޭޓު ރޭސިން" މަރުކާގެ ބާރު ސްޕީޑު ލޯންޗެއް ބަންޑުން ޖަހާލައިގެން ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
މައުލޫމާތު ދިން މަސްދަރުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ ޔޮޓުގައި ޕާޓީކުރުމަށްފަހު ބާރު ސްޕީޑުގައި ރޭސް ޖަހަން އުޅުމުގެ ތެރޭގަ އެވެ. އެ ވަގުތު ލޯންޗު ދުއްވަން އިނީ ވެސް ރޭސިންއަށް ޝައުގުވެރިކަން ހުންނަ ބިލިއަނަރު ގޯތަމް ކަމަށް ބުނީ ވެސް މި މަސްދަރުންނެވެ.
އެކްސިޑެންޓްވި ލޯންޗުގައި ގޯތަމްގެ އިތުރުން ހަ މީހަކު ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާގެ ދެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އިންޑިއާގެ ދެ މީހެކެވެ. އެ ދެ މީހުންގެ ތެރެއިން އެކަކީ ޓީޓީ އަޝޭނާގެ ޔޮޓުގެ ކެޕްޓަން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ގެއްލުނު މީހުން ހޯދުމަށް ސިފައިން މަސައްކަތް ކުރަމުން ދާއިރު، ޑްރޯންގެ އެހީގައި ކަނޑުގެ ބޮޑު ސަރަހައްދެއް ވަނީ ބަލާފަ އެވެ. އެ މީހުން އަދި ނުފެނެ އެވެ.
މި އެކްސިޑެންޓުގައި ގޯތަމް ވެސް ޒަހަމްވި އެވެ. އޭނާގެ މޫނާއި އަތް ހިމެނޭހެން ހަށިގަނޑުގެ ހަ ތަނަކަށް ސީރިއަސް ނޫން އަނިޔާ ލިބިފައި ވާއިރު، ވާވު އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އެނާ ގެންދިޔައީ ސީދާ ޔޮޓަށެވެ.
މި ހާދިސާއާ ގުޅިގެން ގޯތަމްގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ، އެކްސިޑެންޓެއްގައި އޭނާއަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މިހާރު އޭނާ މުމްބާއީގައި ފަރުވާ ހޯދަމުންދާ ކަމަށެވެ. ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް، ދެ މީހަކު ގެއްލި، ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، މައްސަލައިގެ ތުހުމަތު ކުރެވޭ ގޯތަމް އަށް ފުރައިގެން ދެވުނު ގޮތަކާ މެދު ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮންނަ ގޯތަމް އަކީ މީގެ ކުރިންވެސް ބާރު ސްޕީޑުގައި ދުއްވާ ކާރާއި ލޯންޗު ފަދަ ތަކެއްޗަށް ލޯބިކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ