މާރުކޭޓް ކޮމްޕްލެކްސް: 455 ކިއޮސްކާއެކު ވަސީލަތްތައްހަމަ ޒަމާނީ މާރުކޭޓެއް

މާލޭގެ ބާޒާރުމަތީ ސަރަޙައްދު އެ ގޮތުގައި އޮންނަތާ އަހަރުތަކެއް ވަނީ ވެފައެވެ. ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ފާރުބުރި ރާނައިގެން ގޮޅި ވަކިކުރުން ފިޔަވާ މާބޮޑު ބަދަލެއް، އަދި ރޭވުންތެރިކަމެއް އެ ސަރަޙައްދަށް އައިސްފައެއް ނެތެވެ.
ކުޑަ ޖާގައެއްގައި ތޮއްޖެހި ޚިދުމަތް ދެމުންދާއިރު، ޚިދުމަތް ހޯދާ މީހުންނަށްވެސް އަދި ޚިދުމަތް ދޭ ފަރާތްތަކަށް ބޭނުންވާ އިންތިޒާމްތައް ހުރީ ލުއިފަސޭހަކޮށެއް ނޫންނެވެ. މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި އިމާރާތްކުރާ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށެވެ. މިއީ 126.4 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.
އިމާރާތް އަޅަނީ މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަން ހަވާލުކޮށްފަވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އިމާރާތް އަޅަނީ 15،525 އަކަފޫޓުގެ ޖާގައިގައެވެ. ހުރިހާ ފަންގިފިލާތައް ހިމެނޭހެން އިމާރާތުގެ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑެވެ.
އިމާރާތުގެ އެންމެ ތިރި، (ބޭސްމަންޓް) ތަރައްޤީކުރަނީ 400 ސައިކަލަށް ޕާކު ކުރެވޭ ޖާގައާއެކުއެވެ.
މާރުކޭޓުގެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯ) ޚާއްސަކުރަނީ މަސް މާރުކޭޓަށެވެ. އެ ބައިގައި މަސް ވިއްކަން ތިބޭ ޖާގައިގެ ގޮތުގައި 110 ގޮޅި ހަދާނެއެވެ. މިތަން ހަދާނީ ސިއްޙީގޮތުން ރައްކާތެރި މިންގަނޑުތަކަށް، ހަޑިވުން ކުޑަވާގޮތަށް ސްޓެއިންލެސް ސްޓީލް ކިއޮސްކްތަކެއް ބޭނުންކޮށްގެންނެވެ. އަދި އެ ފަންގިފިލާގައި، ގޮޅިތަކަށް އައިސް ފޯރުކޮށްދިނުމަށް 5 ޓަނުގެ އައިސް ޕްލާންޓެއްވެސް ތަރައްޤީކުރެއެވެ.
އިމާރާތުގެ 1،2،3 ވަނަ ފަންގިފިލާއަކީ މޭވާ/ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެންދުތަކުގެ އެހެނިހެން ބާވަތްތައް ވިއްކާ މާރުކޭޓުތަކެވެ. އެގޮތުން ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓުގެ އުފެންދުންތައް ވިއްކާނީ މި ފަންގިފިލާތަކުގައި ހުންނަ ގޮޅުތަކުގައެވެ. ކޮންމެ ފަންގިފިލާއެއްގައި 115 ގޮޅި (ކިއޮސްކް) ހުންނާނެއެވެ. މުޅި ޖުމުލަ 455 ގޮޅި މި މާރުކޭޓު ކޮމްޕްލެކްސްގައި ޤާއިމުކޮށް ދޫކުރާނެއެވެ.
އެންމެ މަތީ ފަންގިފިލާ ތަރައްޤީކުރަނީ ކެފޭ/ރެސްޓޯރަންޓްގެ ކޮންސެޕްޓަށް ފުޑް ކޯޓެއްގެގޮތުގައެވެ.
މި ތަން ތަރައްޤީކޮށް ގޮޅިތައް ދޫކުރާއިރު، ހުރިހާ ތަނެއްވެސް ހުންނާނީ، ޚިދުމަތް ދޭން ވެރިފަރާތުން އިތުރަށް ބަދަލު ގެންނަން ނުޖެހޭ މިންވަރަށް ފުރިހަމައަށް ހަދާފައެވެ. އެގޮތުން ގޮޅިތަކާއި އެތަންތަނަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެއެވެ. ގޮޅިތައް ދޫކުރާއިރު، އިތުރު ބަދަލެއް ގެންނަން ނުޖެހި ޚިދުމަތް ފެށޭނެއެވެ.
މި މަޝްރޫޢުއަކީ ސަރުކާރުން 126.34 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.
މާލޭގެ ބާޒާރުމަތި ތަރުތީބުކޮށް، އެ ސަރަޙައްދަކީ ބޭނުންކުރަން ދާ ފަރާތްތަކަށް އަދި ޚިދުމަތް ދޭ މީހުންނަށްވެސް ފަސޭހަ ސަރަޙައްދަކަށް ހެދުމަކީ ސަރުކާރުން މަސައްކަތްކުރަމުންދާ ޢަމާޒެވެ. މީގެދަށުން އެ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަދި ބަނދަރަށްވެސް ވަނީ ބޮޑެތި ބަދަލުތައް ގެނެސްފައެވެ.
ސަރުކާރުގެ ޢަމާޒަކީ މި މަސައްކަތް 1 އަހަރާ 8 މަސް ތެރޭގައި ނިންމުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ