ޓެލެވިޒަން ބަތަލާ ދިވްޔަންކާ މަންމައަކަށް ވަނީ

ސްޓާޕްލަސްއިން ގެނެސްދިން މަގުބޫލު ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން"ގެ ބަތަލާ ދިވްޔަންކާ ޓްރިޕަތީ ބަލިވެއިންކަން އިއުލާނުކޮށްފިއެވެ. ޓެލެވިޒަން ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފިލްމީތަރިންގެތެރޭ ހިމެނޭ ދިވްޔަންކާ އާއި ފިރިމީހާ ވިވެކް ދަހިޔާއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ. މަގުބޫލު ސިިލްސިލާތައް ކުޅެފައިވާ 41 އަހަރުގެ ބަތަލާ އާއި ވިވެކްގެ ކައިވެންޏަށް 10 އަހަރުވެފައިވާއިރު މިއީ ހަޔާތުގައި ކުރިމަތިލާ މުޅިން އާ ސޮފްހާއެއް ކަމަށާއި ބައެއް އުފަލަކީ ވަރަށް ވަގުތު އެކަމަށް ނަގާ ކަންކަން ކަމަށް ދިވްޔާ ވަނީ ބުނެފައެވެ. ދިވްޔަންކާ އާއި ފިރިމީހާ ވިވެކް ދަހިޔާއަށް ކުއްޖަކު ލިބޭކަން އިއުލާނުކުރުމަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓް--ފޮޓޯ/ސްކްރީން "ދިހަ އަހަރަށްފަހު އައި ކުއްލި ބަދަލެއް. ބައެއް ދަތުރުތަކަކީ އަވަސްއަރުވާލަންޖެހޭ ކަންކަމެއް ނޫން. އެއީ އެކުގައި ތައްޔާރުވުމަށްޓަކައި ކުރެވޭ ދަތުރުތަކެއް. އަދި ތިމާގެ ދިރިއުޅުމުގެ ވާހަކަ ފުރިހަމަވެއްޖެ ކަމަށް ހީވާ ހިނދު، ދިރިއުޅުމަށް އެންމެ ފުރިހަމަ ބާބު އިތުރުވެގެންދޭ" ދިވްޔަންކާގެ ޕޯސްޓުގައި ލިޔެފައިވެއެވެ. ދިވްޔަންކާ އާއި ވިވެކް އެންމެ ފުރަތަމަ ބައްދަލުވީ ބަތަލާ ލީޑް ރޯލް ކުޅުނު ޓީވީ ޑްރާމާ ސީރީޒް "ޔޭ ހޭ މޮހައްބަތައިން"ގެ ސެޓުންނެވެ. އެއަށްފަހު ދެ މީހުންގެ މެދުގައި އުފެދުނު އެކުވެރިކަން ލޯތްބަށް ބަދަލުވެ އެމީހުން ކައިވެނި ކުރީ 2016 ވަނަ އަހަރެވެ. ދިވްޔަންކާ ފުރަތަމަ އެކްޓިން ދާއިރާއަށް ނުކުތީ 2006 ވަނަ އަހަރު ޒީ ޓީވީން ދެއްކި "ބަނޫ މޭ ތޭރީ ދުލްހަން"އިންނެވެ. މި ސީރީޒްއާއެކު އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. ވިވެކް ދަހިޔާއަކީ "ޔޭ ހޭ މޮހައްބަތައިން"ގައި އޭސީޕީ އަބީޝެކް ސިންގްގެ ރޯލުންނާއި، "ކަވަޗް... ކާލީ ޝަކްތިޔޯން ސޭ"ގައި ރާޖްބީރު ބުންޑޭލާގެ ރޯލުން ފާހަގަކޮށްލެވޭ ތަރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ