ބޯންމައުތުން ޔުނައިޓެޑާ އެއްވަރުކޮށްފި ބޯންމައުތުން ޔުނައިޓެޑާ އެއްވަރުކޮށްފި

ލަންޑަން (މާޗް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުުޅުނު މެޗުގައި ބޯންމައުތުން 2-2 އިން މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު، ބޯންމައުތުން ބަލިނުވެ މި ވަނީ ޖެހިޖެހިގެން 11 މެޗު ފުރިހަމަަކޮށްފަ އެވެ. އަނެއްކޮޅުން، ތިން ވަނައިގައި ހަމަޖެހިލަން ލިބުނު ފުރުސަތުގައި ޔުނައިޓެޑަށް ބޭނުމެއް ނުހިފުނެވެ. ލީގުގެ ތިން ވަނައިގައި މި ވަގުތު ޔުނައިޓެޑް އޮތީ 31 މެޗުން 55 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް 30 މެޗުން 51 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި، ފަސް ވަނައިގައި އޮތް ލިވަޕޫލަށް 30 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ހަަ ވަނައިގައި އޮތް ޗެލްސީ އަށް 30 މެޗުން 48 ޕޮއިންޓް ލިބިފައިވެ އެވެ.
ބޯންމައުތުގެ ވައިޓާލިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައިނުވެ އެވެ. މެޗުގައި ޔުނައިޓެޑުން 61 ވަނަ މިނިޓްގައި ލީޑުނެގީ ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީންނެވެ. މިއީ، ބޯންމައުތުގެ އަލެކްސް ޖިމެނޭޒް، އެ ޓީމުގެ އޭރިއާތެރެއިން ޔުނައިޓެޑްގެ މަޓެއުސް ކޫންޏާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
މެޗުގެ 67 ވަނަ މިނިޓްގައި، ބޯންމައުތުގެ ރަޔާން ކްރިސްޓީ، ޔުނައިޓެޑް އޭރިއާތެރެއިން ގޯލެއް ޖަހައި، ބޯންމައުތަށް އެއްވަރުކޮށްދިން ލަނޑު ޖެހުމުގެ އެޓޭކް ފެށުމުގެ ކުރިން، ބޯންމައުތު އޭރިއާތެރެއިން ޔުނައިޓެޑްގެ އަމަދު ޑިއާލޯ އަށް ކުރި ފައުލަށް ޕެނަލްޓީއެއް ހޯދަން އެޕީލްކުރި ނަމަވެސް ރެފްރީ އެ ގޮތަށް ނުނިންމި އެވެ.
ޔުނައިޓެޑުން ދެ ވަނަ ފަހަރަށް ލީޑުނެގީ އެ ޓީމުގެ ޖޭމްސް ހިލް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ، ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ހިލް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެެވެ. ބޯންމައުތުން އެއްވަރުކުރީ 81 ވަނަ މިނިޓްގައި ޖޫނިއާ ކްރޫޕީ ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ދިނީ އޭރިއާތެރެއިން ބޯންމައުތުގެ އެވަނީލްސަން އަށް ޔުނައިޓެޑްގެ ހެރީ މެގުއާ ކުރި ފައުލަކަަށެވެ. މި ފައުލާ ގުޅިގެން މެގުއާ އަށް ރަތެއް ދެއްކި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ