ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

45 ވަނަ ބަޔާ ގުޅޭ
"ހެޕީ ބަރތްޑޭ ލޫނާ.." ނަދާލް އައިލީންގެ ކުރިމައްޗަށް ހުއްޓިލަމުން ދިއްކޮށްލީ ނުލާއި ހުދުގެ އެކިކަހަލަ މާތަކުން ތަރުތީބު ކުރެވިފައިވާ ހިތްގައިމު ގުލްދަސްތާއެކެވެ.
"ތެންކްޔޫ" އައިލީންގެ އަތުގައިހުރި ކޭކު މޭޒުމަތީގައި ބަހައްޓައިލަމުން އެ ގުލްދަސްތާގައި ހިފި އެވެ.
"އަދި ވަރަށް ހޫނުވާނެ ކާ އެއްޗެހި. ފުރަތަމަ ކޭކް ފަޅަމާ ދޯ؟" ނަދާލް ބުންޏެވެ. އޭނާ އައިލީން އިށީނުމަށްޓަކައި މޭޒު ކައިރިން ގޮނޑިއެއް ދުރުކޮށްލައި ދިނުމަށްފަހު ވަޅިއެއް ހިފައިގެން އައިސް އައިލީންގާތު އިށީނެވެ. "ބަލައިގެން.." އައިލީންގެ އަތަށް ވަޅި ދޫކޮށްލިއިރު ނަދާލްގެ ހަރަކާތްތަކުގައި ޖެހިލުންވުމެއް ހުއްޓެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އައިލީން އެ ވަޅީގެ މިޔަ ކޭކުގައި ޖައްސައިލި ފަހުންނެވެ.
"ދެން ކޯއްޗެއްތަ ގިފްޓަކަށް ބޭނުންވަނީ؟" އައިލީން ކޭކު ފަޅަމުންދިޔަ ވަގުތު ނަދާލް އަހައިލި އެވެ.
"ގިފްޓެއް ބޭނުމެއް ނޫން" އައިލީން ކޮނޑު އަރުވައިލި އެވެ.
"އެހެން ނުވާނެ! އަންހެން ކުދިން އެންމެ އެއްޗެހި ބޭނުންވާ އުމުރެއްނު މިއީ؟ ޑްރެސަސް.. ޝޫޒް.. މޭކް-އަޕް.. އާސްކް ފޯރ އެނީތިންގް ލޫނާ. ސްކައި އިޒް ދަ ލިމިޓް ވެން ޔޫ އަރ ޖަސްޓް ޓްވެންޓީ-ވަން" ނަދާލް ބުންޏެވެ.
"ޖަސްޓް ޓްވެންޓީ-ވަން؟ ބަޓް އިޓް އޮލްރެޑީ ފީލްސް ލައިކް އައިވް ލިވްޑް ޓޫ ލޯންގް" އައިލީން ހިނިތުންވެލި ނަމަވެސް އެ އަޑުގައި އުފާވެރިކަމެއް ނެތެވެ.
ނަދާލްއަށް އުނދަގުލާއެކު ހިންދިރުވައިލެވުނެވެ. އައިލީންގެ ވާހަކައިގެ ތެދުކަން ހުދު އޭނާއަށްވެސް ގަބޫލު ކުރެވެ އެވެ. އިންސާނެއްގެ ހަޔާތުގައި ތަހައްމަލު ކުރަން ނުޖެހޭފަދަ އެތައް ކަމެއް އައިލީން ވަނީ އެހާ ޒުވާން އުމުރެއްގައި ތަހައްމަލު ކޮށްފައެވެ. މައިންބަފައިންގެ އިހުމާލެވެ. ބޭވަފާތެރި ލޯތްބެވެ. ގެވެށި އަނިޔާއާއި ޖިންސީ އަނިޔާ އަދި ނަފްސާނީ އެތައް އަނިޔާ ތަކެވެ. ވީއިރު އައިލީން ދިރިއުޅުމާމެދު އުއްމީދު ކަނޑައިލުމަކުން އޭނާއަށް އެކަމުގައި ބުނެވޭނީ ކީކޭ ހެއްޔެވެ؟
"ލޫނާ.. ޑޯންޓް ސޭ ދެޓް. ޑޯންޓް ޔޫ އެވަރ ސޭ ދެޓް.. ޕްލީޒް" ނަދާލް އަސަރާއެކު ބުނެލި އެވެ.
"އެހެންވިއްޔާ.. އަހަރެން ކަމަކު ކިޔަންތަ؟" ހިމޭންކަމުގައި ހޭދަވެދިޔަ ސުކޫތަކަށްފަހު އައިލީން ކޮށްލި ސުވާލާއެކު ނަދާލްއަށް ނުތަނަވަސްކަމެއް ލިބުނެވެ. އައިލީން އޭނާގާތު އަހަން މި އުޅެނީ ކީކޭބާ އެވެ؟ އައިލީން އޭނާއާ ދުރަށް ދާން އެދިއްޖެނަމަ އޭނާ ކުރާނީ ކީއް ހެއްޔެވެ؟
"އެނީތިންގް" ނަދާލް ގަދަކަމުން ހިނިތުންވެލި އެވެ.
"މިއަދު ބޭރަށް ގޮސްލަން ބޭނުމީ... މި ހަތަރު ފާރުގެ ތެރޭގަ އަހަރެން ހާސްވެގެން މަރުވާން އުޅޭކަހަލަ" އައިލީން އުއްމީދާއެކު ބުނެލި އެވެ.
"ޑަން" ނަދާލް ބޯ ޖަހައިލި އެވެ.
"ޑަން؟" އައިލީންއަށް ގަބޫލު ނުކުރެވިފައި އަހައިލެވުނެވެ. އޭނާ އެތަނުގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅެން ނަދާލް ކުރި މަސައްކަތް އެނގޭނީ އޭނާއަކަށް ނޫން ހެއްޔެވެ؟
"ހްމްމް. ޑަން. ލޫނާ ބޭނުން ތާކަށް މިއަދު ގެންގޮސްދޭނަން.. ކައި ނިންމާލާފަ ދޭބަ ރެޑީ ވެލަން" ނަދާލް ޔަގީންކަން ދިނެވެ. އެއާއެކު އައިލީންގެ ތުންފަތަށް ކުޑަ ނަމަވެސް ހިނިތުންވުމެއް ވެރިވިތަން ފެނި ނަދާލްގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހަމަ ޖެހުމެކެވެ. އޭނާ އައިލީންއާ ގާތަށް ކާން ތަށި ޖައްސައިލި އެވެ. އަދި އޭނާވެސް އައިލީންއާއެކު ކެއުމުގައި ބައިވެރިވި އެވެ. އޭރުވެސް ޓީވީއިން ޖަހާފައިވާ މިއުޒިކުގެ އަޑު އެޕަރޓްމެންޓްގައި ހަރުލާފައި ހުއްޓެވެ.
"ދެޓްސް އަވަރ ސޯންގް." ލަވައަކަށްފަހު ލަވައެއް ނިމެމުންގޮސް ވަކި ހިސާބަކުން އިވެން ފެށި ލަވައާއެކު ނަދާލް ސިއްރުސިއްރުން އައިލީންގެ ކަންފަތް ދޮށުގައި ބުނެލި އެވެ. އަދި އައިލީންއަށް އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ އައިލީންގެ އަތުގައި ހިފައިގެން ސިޓިންގްރޫމުގެ މެދުގައި އޮތް ހުސް ޖާގައަށް ގެންދިޔަ އެވެ.
"ނަ.. ނަދާލް އަހަރެން-"
"ޝްޝްޝް.." ނަދާލް ކުއްލިއެއްޖަހައި އައިލީންގެ ހަށިގަނޑު އޭނާއާ ގާތަށް ދަމައިލަމުން އައިލީންގެ އުނަގަނޑުގައި ދެއަތް ވަށައިލި އެވެ. އައިލީންވެސް އިތުރު ބަހަނާއަކާ ނުލައި ނަދާލްގެ ކަނދުރާގައި ދެއަތް ވަށައިލަމުން ނަދާލްގެ ފަޔާ އެއް ހަމައަށް ފައި އެޅޭތޯ މަސައްކަތް ކުރި އެވެ.
"ކުރިއަށްވުރެ ފަރިތަވެއްޖެ ދޯ މިހާރު" ލަވައިގެ މެދު ކަޑިއާ ހިސާބަށް ދިޔުމުން ނަދާލް އައިލީންގެ ގައިން ދޫކޮށްލި އެވެ.
"އައި ހެޑް އަ ޕްރިޓީ ގުޑް ޓީޗަރ" އައިލީން ނަދާލްއާ ދުރަށް ޖެހިލަމުން ބުންޏެވެ.
ނަދާލްގެ މޫނުމަތިން ސިހުމެއް ފާޅުވި އެވެ. އެހާ ދުވަސްފަހުން އައިލީންގެ ދުލުން ފާޅުކަން ބޮޑު ގޮތެއްގައި އޭނާއަށް ތައުރީފެއް ކުރީތީ ނިކަން ޝައުގުވެރިކަމާއެކު އަނެއްކާވެސް އައިލީންއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ. ނަމަވެސް އޭނާއަށް އެދެމެދުގައިވި ޖާގަ ހުރަސް ނުކުރެވެނީސް އައިލީން ބޭރަށް ދާން ތައްޔާރުވުމުގެ ބަހަނާގައި އަވަހަށްގޮސް ކޮޓަރިއަށް ވަނެވެ. އެއާއެކު ނަދާލް އަދިވެސް ކޮންމެވެސް ވަރަކަށް ލަވައިގެން ތެރެއަށް ގެއްލިފައިހުރެ މަޑުމަޑުން ބޯ ޖަހަމުން ކާމޭޒު މައްޗާއި ބަދިގެތެރެ ސާފުކޮށްލައި ތަރުތީބު ކޮށްލި އެވެ. އެކަން ނިމުނުތާ މާ އިރެއްނުވެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމާއެކު އޭނާއަށް އިސް އުފުލައިލެވުނެވެ. ގަޔަށް ހިފާލައިފައިހުރި އަތްދިގު ކަޅުކުލައިގެ "ޓާރޓްލް ނެކް" ޓީޝާޓަކާއި، މަޑު ނޫކުލައިގެ ޖީންސެއްގައި އައިލީން ތައްޔާރުވެލައިގެން ހުރީ ކިތަންމެ ސާދާކޮށް ނަމަވެސް އައިލީން ފެނިލުމާއެކު ނަދާލްގެ ހިތަށް އެނގުން ވެލައިފި އެވެ. އެ ރޭގަނޑެއްފަދަ ކަޅު އިސްތަށިގަނޑުވަނީ މެދުން ފަޅައިލުމަށްފަހު ފަހަތަށް ގެންގޮސް ރީތި ގޮތަކަށް އޮމާން ކޮށްލައި ހުޅިއެއް ޖަހާލައިފަ އެވެ. މަސްކަރާގެ ދެލިން ފަވާލެވިފައިވާ އެސްފިޔަތަކުގެ ކަޅުކަން އިތުރުވެފައި ވާއިރު ލުއި މޭކަޕަކުން ފަޅުފިލުވާލައިފައިވާ އެ މޫނުމަތީގައިވީ ކަޅުކަންގަދަ އުޑެއްގައި ބަބުޅަމުންދިޔަ ސާދަ ވިލޭރޭގެ ހަނދެއްގެ އުޖާލާކަމެވެ. އެ މޫނުން ހިނދުކޮޅަކަށްވެސް ނަޒަރު ވަކިކޮށްލުމަކާ ނުލައި ނަދާލް ލުއި ފިޔަވަޅުތަކެއްގައި ގޮސް އައިލީންގެ ކުރި މައްޗަށް ހުއްޓުނެވެ.
"މާޝާﷲ" އައިލީންގެ އަތަށް މަޑުމަޑުން ފިއްތައިލެވުނުއިރު އެ ރީތިކަމަށް ކުރާނެ އިތުރު ތައުރީފެއް ނަދާލްގެ ދުލަކަށް ނައެވެ. އައިލީން އިސްޖަހައިލީ ނަދާލްގެ ތޫނު ނަޒަރުން ސަލާމަތް ވުމަށެވެ.
"އެބަ އަންނަން ރެޑީ ވެލައިގެން.. ނުވާނެ ލަހެއް އިނގޭ" ނަދާލް ބޭނުން ނުވެފައި ހުރެމެވެސް އައިލީންގެ އަތުން ދޫކޮށްލަމުން ކޮޓަރީގެ ތެރެއަށް ދެމިގަތެވެ.
ނަދާލްގެ އިންތިޒާރުގައި ވަގުތު ގުނަން ފެށި އައިލީން މޭޒުމަތީގައި އޮތް ގުލްދަސްތާ ނަގައި ނުހަނު ފަރުވާތެރިކަމާއެކު އެ މާތަކުގައި ފިރުމައިލި އެވެ. އެ މާތަކުގެ ވަސް ބަލައިލި ހިނދު އޭނާގެ ތުންފަތަށް މިފަހަރު ވެރިވެގެންދިޔަ ހިނިތުންވުމުގައި އެއްވެސް މަސްނޫއީކަމެއް ނެތެވެ. އޭނާ އަވަސްވެގަތީ އެ މާތައް ޖަހާނޭ ޓުކުރިއެއްފަދަ އެއްޗެއް ހޯދުމަށެވެ. އެތަން މިތަން ބަލަމުން ދަނިކޮށް ބަދިގޭގެ އެންމެ މަތީ ކަބަޑުސެޓުގައި ބަހައްޓާފައިހުރި ޖަގެއް ލޮލުގައި އަޅައިގަތުމާއެކު އައިލީން އެ ޖަގު ދޮވެލުމަށްފަހު ފެން އަޅައިގެން އައިސް މޭޒުމަތީގައި ބަހައްޓައިލި އެވެ. އެހެނަސް އެވަގުތު ނަދާލްގެ އަޑު އިވުމުން އޭނާއަށް އިތުރުކަމެއް ކުރާނޭ ފުރުސަތެއް ނުލިބުނެވެ.
"ކޮބާ ދާންވީތަ؟" ނަދާލް ލައިގެންހުރި ކަޅުކުލައިގެ ގަމީހުގެ އަތުކުރި އޮޅަމުން ކޮޓަރިން ނުކުތެވެ. އައިލީންއެކޭ އެއްފަދައިން އޭނާވެސް އެ ގަމީހާ ގުޅުވާލާފައިހުރީ ނޫކުލައިގެ ޑެނިމް ޖީންސެކެވެ. އަތްފުނާ އަޅާލައިގެން ރީތިގޮތަކަށް ސްޓައިލް ކުރެވިފައިވާ އިސްތަށިގަނޑުގައި އަދިވެސް ކުޑަކޮށް ތެތްކަމުގެ އަސަރު ހުއްޓެވެ. އޭނާގެ މޫނުމަތީގައިވަނީ ތާޒާ ކަމެވެ. ޖަހާފައިހުރި އަރްމާނީ ސެންޓުގެ މީރުވަހުން ސިޓިންގްރޫމު އެއްވަސް ވެލައިފި އެވެ. އެ ވަހުގެ މަސްތުގައި ޖެހެންފެށުމާއެކު އައިލީންއަށް ބޮޑު ނޭވާއެއް އެތެރެއަށް ދަމައި ލެވުނުއިރު، ގަމީހުގެ އަތުކުރި އޮޅެމުންދިޔަ ވަރަކަށް ކަޝްފުވަމުންދިޔަ ނަދާލްގެ އަތުގެ މުލައްދަނޑިއަށް ގެއްލިފައިހުރެ ގުލްދަސްތާގައި ހިފަހައްޓައިލައިގެންހުރި އަތަށް ބާރެއް ލެވުނެވެ.
"ލޫނާ؟ ޔޫ އޯކޭ؟"
"ޔެ.. ޔެސް؟" ނަދާލް ދެފަހަރަކު ގޮވައިލުމާއެކު އައިލީން އަވަހަށް ނަދާލްގެ އަތާ ދެލޯ ވަކިކޮށްލަމުން ނަދާލްއާ ހަތަރުކަޅި ހަމަކޮށްލި އެވެ.
"ޔޫ އަރ ކްރަޝިންގް ދަ ފްލަވަރޒް.. ތި މާބޮނޑި ލައިކް ނުވަނީތަ؟" ނަދާލްގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ. "ލޫނާ ލައިކް ނުވަންޏާ މިގަޑީގަ ނުކުމެފަ އެހެން މާބޮނޑިއެއް ގަނެވިދާ-"
"ނޫން. އެއީ.. އެއީ މި ކަރުދާސް ނައްޓާލަންވެގެން.. ޖަގަށް މާތަށް ޖަހާލަން" ނަދާލްގެ ވާހަކަ މެދުކަނޑައިލަމުން އައިލީން ހުށިޔާރުކަމާއެކު ބުނެލި އެވެ.
"އޯކޭ.. މިހާރުތަ ދަނީ؟ ތިކަން ނިންމާލާފަ ދޯ ނުކުންނާނީ؟" ނަދާލް އަހައިލި އެވެ.
"މިހާރު ދާނީ" އައިލީން އަތުގައި އޮތް ގުލްދަސްތާ މޭޒުމަތީގައި ބާއްވައިލުމަށްފަހު ނަދާލްއާއެކު އެޕަރޓްމެންޓުން ނުކުތެވެ.
ގަރާޖުގައި އޮތް ކަޅު ފެހިކުލައިގެ ކާރާ އަރައި ހަމަވުމާއެކު ނަދާލް އައިލީން އެރުމަށްޓަކައި އެ ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލައިދިނެވެ. "ސޯ.. ކޮންތާކަށް؟" އޭނާ ޑްރައިވަރު ސީޓުގައި ހަމަޖެހިލަމުން އަހައިލި އެވެ.
"ނޭނގެ. ހަމަ ގެއިން ނުކުމެލަން ބޭނުންވީ.. ބީޗެއް ނޫނީ ޕާކެއް ކަހަލަ ތަނެއްވެސް އޯކޭ" އައިލީން ކޮނޑު އަރުވައިލި އެވެ.
"ހްމްމް. އެނގިއްޖެ.. ހިނގާ ދާން" ނަދާލް އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު ބޯ ޖަހައިލި އެވެ. ގަމީހުގެ ގޮށްފަތީގައި އަޅުވާލައިފައި އޮތް އަވިއައިނު ނަގައި ލޮލަށް ހެޔޮވަރު ކޮށްލުމަށްފަހު ފަރިތަކަމާއެކު ގަރާޖުން ކާރު ނެރެލި އެވެ. އައިލީން ކާރުގެ ބިއްލޫރިގަނޑުގައި ބޯ ޖައްސައިލަމުން ދެލޯ މަރައިލީ ދުވަހުގެ ތާވަލު ނަދާލްގެ އަތް މައްޗަށް ދޫކޮށްލަމުންނެވެ.
ގާތްގަނޑަކަށް ފަންސަވީސް މިނަޓުގެ ދަތުރަކަށްފަހު ނަދާލްގެ ކާރު މަޑުކޮށްލީ ހުޅުމާލޭގެ އައްސޭރިއާވީ ފަޅީގައި ހުންނަ ސެލޫނެއްގެ ކުރިމައްޗަށެވެ. ސްޕާގެ ހިދުމަތްތަކާއި ކޮސްމެޓިކް ޕްރޮސީޖަރތަކުގެ ހިދުމަތްތައްވެސް ފޯރުކޮށްދޭ ގޮތަށް ހިންގާ އެ ސެލޫނަކީ މާލޭގެ އިތުރުން މުޅި ރާއްޖޭގައިވެސް އެކަންކަމުގައި އެންމެ ނަން ހިނގާ ސެލޫނެވެ. ވުމާއެކު އައިލީންއަށްވެސް އެއީ ކިހާވަރެއްގެ ތަނެއްކަން އޮޅިފައެއް ނުވެ އެވެ.
"ނަދާލް.. ކީއްކުރަން މިތަނަށް ތި އައީ؟" ނަދާލް އައިލީންގެ އަތުގައި ހިފައިގެންގޮސް އެތަނަށް ވަންނަން އުޅުމާއެކު އައިލީން ފަސްޖެހުނެވެ.
"އިޓްސް ޔޯރ ބަރތްޑޭ. ލެޓްސް މޭކް ޔޫ ފީލް ސްޕެޝަލް" އައިލީންގެ ވާހަކައަށް ފަރުވާލެއް ނުދީ ނަދާލް ލޮލުން އިޝާރާތެއް ކޮށްލުމާއެކު އެތެރޭގައި ހުރި ކުއްޖަކު ހިނިތުންވުމަކާއެކު އެތަނުގެ ބޮޑު ބިއްލޫރި ދޮރު އެމީހުންނަށްޓަކައި ހުޅުވާލައި ދިނެވެ. ފިނި ބުއިމަކާއި ހިތްހެޔޮ ހިނިތުންވުމަކާއެކު އެތަނުގެ ލައުންޖުގައި ހިދުމަތް ދެމުންދިޔަ މުވައްޒަފުވެސް އެމީހުންނަށް އަދާކުރީ ވަރަށް ފުރިހަމަ މެހެމާންދާރީ އެކެވެ. އޭނާ އެތަނުގެ ހުރިހާ ހިދުމަތެއް ހިމެނޭ ދެތިން ލީފްލެޓެއްގެ ކޮޕީ އެމީހުންނަށް ދިނުމަށްފަހު ދުރުގައި މަޑުކޮށްލި އެވެ.
"ނަދާލް.. އެހެން ތަނަކަށް ދަމާ. އަހަރެންނަކަށް ހިއެއް ނުވޭ މިއީ އެހާ ރަނގަޅު ހިޔާލެއް ހެނެއް" ލީފްލެޓުތަކުގައިވާ އަގުތައް ފެނި އައިލީންގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔަ އެވެ.
"ޕިސްޕިސް ލޫނާ.. ރިލޭކްސް! ލޫނާ ރިލޭކްސް ނުވާތީ ދޯ މިތަނަށް މި ގެނައީ.. މިދިޔަ ދުވަސްތަކުގަ ތި ހުންނަނީ މާ ބޮޑަށްވެސް ކަންކަމާ ސްޓްރެސްވެ ބޯ ގޮވާފަ. އާ އަހަރެއް ފަށާއިރު ލެޓްސް ލީވް އޯލް ދެޓް ނެގެޓިވް އެނަރޖީ ބިހައިންޑް އޯކޭއި؟" ނަދާލް ގޮތް ދުލެއް ނުކުރި އެވެ. ދުރުގައިހުރި މުވައްޒަފަށް އިޝާރާތް ކޮށްލުމާއެކު އެކުއްޖާ މިފަހަރުވެސް ހިނިތުންވުމަކާއެކު އައިސް އެމީހުންނާ ބައްދަލުކުރި އެވެ.
"ވީ ވިލް ޓޭކް ދަ ހާފް ޑޭ ޕެކޭޖް.. ބަޓް ޔޫ ކޭން ހެލްޕް ދަ ލޭޑީ ވިތް ވަޓެވަރ މޯރ ޝީ އިޒް ކޮމްފޯރޓަބްލް ވިތް. އައި އަމްމް.. އައި ވިލް ބީ ބެކް އިން އަބައުޓް… ފައިވް އަވަރޒް" ނަދާލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ވާހަކަދެއްކި އެވެ.
"އަރ ޔޫ ސީރިއަސްލީ ލީވިންގް މީ ހިޔަރ؟" އައިލީންގެ އަޑުގައިވަނީ ހާސްކަމެވެ.
"އިން ވެރީ ކެޕެބަލް ހޭންޑްސް ލޫނާ... އެހާ ހާސްނުވެބަލަ. މިތަނުން ހިދުމަތް ދޭނީ ހަމައެކަނި ލޭޑީޒް އަށް.. މިތާ މަސައްކަތް ކުރަނީވެސް ހުސް އަންހެން ސްޓާފުން. އަހަރެންވެސް ސޭފް ނޫން ތާކަށް ލޫނާ ދޫކޮށްލާފައެއް ނުދާނެއެއްނު؟" އައިލީންގެ އަތް މަތީގައި އަތް ބާއްވައިލަމުން ނަދާލް ޔަގީންކަން ދިނެވެ.
"ދެން އެކަމަކުވެސް.. ފަސް ގަޑިއިރު؟" އައިލީންއަށް ދެންވެސް އަހައިލެވުނެވެ. ތުން ބިންދައިލި ގޮތުން ނަދާލްގެ ގާތަށް ހިނިވެސް އައެވެ.
"ހަހަހަ. އަހަރެންނަށް ޔަގީން ފަސް ގަޑިއިރުވެސް މަދުކަން ވާނީ. އަވަހަށް ނިމުނިއްޔާ އަހަރެންނަށް ގުޅާލީމަ ވަގުތުން ބަލާ އަންނާނަމޭ" ނަދާލް ބުންޏެވެ.
އައިލީން އިނީ ދެ ހިޔާލެއްގަ އެވެ. ނަދާލްއަށް އެކަން ނަގައިގަނެވުމާއެކު ފުން ނޭވާއެއް ދޫކޮށްލި އެވެ. އެކި ގޮތްގޮތުން ވާހަކަ ދައްކައިގެން އައިލީންގެ ހިޔާލު ބަދަލު ކުރެވޭތޯ މަސައްކަތް ކުރީ އެ ސްޕާގައި އެގޮތަށް ދުވަހެއް ހޭދަކޮށްލުމަށްފަހު އައިލީން ހަމަޖެހިފައި ހުންނާނެވަރު އައިލީންއަށް ނޭނގުނަސް އޭނާއަށް އެނގޭތީ އެވެ. އެހެންނޫނަސް، އެރޭގެ ބާކީ ބަޔަށް އޭނާ ރާވާފައިވާ ކަންކަމައިގެން އުޅެވޭނީވެސް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އައިލީންއާ ދުރަށް ޖެހިލައިގެން ކަމަށް ވާތީ އެކަމަށްޓަކައި މިއީ ރަނގަޅު ބަހަނާ އެކެވެ.
"އޯކޭ.. އެކަމަކު އެހާ ގިނަ އިރެއް ނޫން.. އަހަރެން ގުޅާނަން ނިމުނީމަ" އެންމެފަހުން އައިލީން ހަތިޔާރު ބެހެއްޓި އެވެ.
ނަދާލް ދިޔުމާއެކު އެތަނުގައިހުރި ކުއްޖާ އައިލީން ގޮވައިގެން ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ފުރަތަމަ ފިނިވެފައި ހުރެވުނެއްކަމަކު އެތަނުގެ މުވައްޒަފުންގެ ހިތްހެޔޮކަމާއި އެކުވެރިކަމުގެ ސަބަބުން އައިލީން ހަމައަކަށް އެޅެން ފެށުނެވެ. ފަސް ފަންގިފިލާއަށް ހަދާގައިވާ އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގެ ސީވިއު ކެބިންތަކުގައި ދެމުންދިޔަ ރިލެކްސޭޝަން ހިދުމަތްތަކުން ފެށިގެން އެއާ ޖެހުނު ފަންގިފިލާއިން ހޯދި ޕެމްޕަރިންގް ހިދުމަތްތަކަށްފަހު ހޭދަވެދިޔަ ހުސް ވަގުތު ކޮޅުގައި ފޮނު ކާ އެއްޗެއް ގެނެސްދިނެވެ. ފުރަތަމަ ފަންގިފިލާގައި ހުންނަ ހެއަރ ކްލިނިކަށް އޭނާ ގެންދެވުނީ އޭގެ ފަހުންނެވެ.
"ތިކޮޅުގެ އެއްވެސް ޕްރިފަރެންސެއް ނެތިއްޔާ އަޅުގަނޑުމެން މިކޮޅުގެ ސިގްނޭޗަރ ސްޓައިލަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްލާނީ.. ބޭނުންތޯ ވަކި ގޮތެއް ހަދާލަން؟" ގޮނޑީގެ ފަހަތުގައި މަޑުކޮށްލައިގެންހުރި ސްޓައިލިސްޓް، ލޯގަނޑުން އައިލީންއަށް ބަލައިލަމުން ވާހަކަދެއްކި އެވެ.
"ނޫން އޯކޭވާނެ" އައިލީން ބުންޏެވެ. އެއާއެކު ސްޓައިލިސްޓް އެންމެ ރަނގަޅޭ ބުނެ މަސައްކަތް ފެށުމަށް ތައްޔާރުވެލި އެވެ.
"ނޯ ވެއިޓް" އައިލީންގެ ހިތަށް އެރީ ކީކޭކަމެއް ނޭނގެ އެވެ. ތެތްކޮށް އޮތް އިސްތަށިގަނޑުގައި ސްޓައިލިސްޓްގެ އަތް ޖައްސައިލުމާއެކު ކުއްލިއަކަށް އޭނާ ހުއްޓުވި އެވެ. "އައި އެކްޗުއަލީ ހޭވް ސަމްތިންގް އޮން މައި މައިންޑް"
އައިލީން ބޭނުންވިގޮތަށް އިސްތަށިގަނޑު ސްޓައިލް ކޮށް، މޭކަޕްގެ ހުރިހާކަމެއް ނިންމައިލެވުނުއިރު ނަދާލް ބުނި ފަސް ގަޑިއިރުގެ ބަދަލުގައި ހަ ގަޑިއިރު ފާއިތުވެ ހަތްވަނަ ގަޑިއަކަށް މިނެޓު ގުނެން ފަށައިފި އެވެ. ފާރުގައި ހުރި ގަޑިން ރޭގަނޑު ނުވައެއް ޖަހައިފިކަން ދައްކަމުން ދިޔަ އެވެ. އައިލީން އަވަސްވެގަތީ މޭކަޕް ކޮށްދޭ ކޮޓަރިން ނުކުންނާށެވެ. އެހެނަސް އެވަގުތު ރަބަރު ކަވަރަކަށް ލާފައި އޮތް ހެދުމެއް ހިފައިގެން އެތަނަށް ވަތް މުވައްޒަފަކު އޭނާ ހުއްޓުވި އެވެ.
"މޭމް. ޔޯ ހަސްބަންޑް ވޯންޓްސް ޔޫ ޓު ޗޭންޖް އިންޓު ދިސް" އެ ހެދުމުގެ ތަރުތީބު ކަމަށް ބަލައިލުމާއެކު އައިލީންއަށް އެއީ ދޮވެ އިސްތިރިކޮށް ނިންމާފައިވާ އާ ހެދުމެއްކަން ޔަގީންވި އެވެ.
"ހީ އިޒް ނޮޓް-"
"އާދޭ މިކޮޅަށް.. ޗޭންޖިންގް ރޫމް ދައްކާލަ ދޭނަން" އައިލީންގެ ވާހަކަ ފުރިހަމަ ކުރާނޭ ފުރުސަތެއް ނުލިބުނެވެ. އޭނާ ހެދުން ބަދަލު ކޮށްލައިގެން ނުކުތްއިރު ކުރިންވެސް ހެދުން ހިފައިގެން އައި މުވައްޒަފު ޗޭންޖިންގް ރޫމުގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. މިފަހަރު އެ ހެދުމާ ގުޅޭ އުސް ފައިވާނަކާއި ކަންފަތުލާ އެތިކޮޅެއް ހިފައިގެނެވެ. އައިލީން ގޮނޑީގައި އިށީނދެލަމުން އެ ކަންފަތުލާ އެތިކޮޅު އަޅުވައިލިއިރު އޭނާ ގާތުގައި އުޅުނު މުވައްޒަފު އޭނާގެ ފަޔަށް ފައިވާން ލައްވާލައި ދީފި އެވެ. އައިލީން އެ މުވައްޒަފަށް ޝުކުރު އަދާކުރުމަށްފަހު ލަސްވެގެން އުޅޭ މީހަކު ފަދައިން އެތަނުން ނުކުތެވެ. ތިރިއަށް ފޭބިއިރު ނަދާލް އޭނާގެ އިންތިޒާރުގައި އިންތަން ފެނި އިހުނަށްވުރެވެސް ފިޔަވަޅުތައް އަވަސް ކޮށްލި އެވެ.
ލައުންޖުގެ އަރާމު ސޯފާއެއްގައި ކޮފީއެއް ތުނބުގައި ޖަހާލައިގެން އިން ނަދާލްގެ ސަމާލުކަން ފޯނާ ވަކިކޮށްލީ މާބްލް މަތީގައި ޖެހެމުންދިޔަ އުސް ފައިވާނެއްގެ ފިޔަވަޅުތަކުގެ އަޑަށެވެ. އޭނާގެ ނަޒަރު ފުރަތަމަ ހުއްޓުނީވެސް އެ ފައިވާނަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނާއާ ދިމާލަށް ހިނގާފައި އަންނަމުންދިޔަ އައިލީންގެ ފައިން ފެށިގެން މައްޗަށް އޭނާގެ ނަޒަރު ދަތުރުކުރަން ފެށީ ލަސްލަހުންނެވެ. ފަޔަށް ދޫކޮށްހުރި ހުދުކުލައިގެ ލޭޔަރޑް ސްކާޓާއި އެޔާ ގުޅުވައިލެވިފައިވާ ނޫކުލައިގެ އެކި "ޝޭޑް"ތައް ހިމެނޭ މަތިކޮޅު އައިލީންގެ ގަޔަށް ހެޔޮވަރު ކޮށްލެވިފައިވާލެ ފުރިހަމަކަމަށް ހިތާހިތުން ތައުރީފު ކުރަމުން މުޅިއެކީ އިސް އުފުލައިލީ އެ ލޯބި މޫނު ދެކިލުމަށް ކެތްމަދުވެފައި ހުރެގެނެވެ. އެހެނަސް އޭނާގެ ސަމާލުކަން އެ މޫނުން ކައްސައިލީ ކޮނޑާ ހަމައަށްހުރި އައިލީންގެ އިސްތަށިގަނޑުގައިވި ރީތި ބުޅިތައް ފެނުމުންނެވެ. އެއާއެކު ނަދާލްގެ ހިތް ތެޅިގަތީ އެޔެއް މިއެއް ބަލައިފައެއް ނޫނެވެ. ދިރުވައިލަން ނޭނގި އަނގައިގައި ބަހައްޓައިގެން އުޅުނު ކޮފީފޮދުވެސް ވީނުވީއެއް ނޭނގި އަރުގައި ތާށިވި އެވެ. ކުށި އަރައިގަތް ގަތީނުން ހިކި ކެއްސުމަކުން ކެއްސައި ގަނެވުނީ މާހައުލުގައިވި ހިމޭންކަން މުޅީން ނަގައިލަމުންނެވެ.
"ނަދާލް.." އައިލީންއަށް ދުއްވައިގަނެވުނެވެ. ކަންބޮޑުވެފައިހުރެ ނަދާލްގާތު އިށީނދެލަމުން، އެތަނަށް ދުވެފައި އައި މުވައްޒަފު ދިއްކޮށްލި ފެންތަށީގައި ހިފައި ނަދާލްގެ ތުނބުގައި ޖައްސައިލައި ދިނެވެ. ނަދާލް އެ ފެންތަށި އައިލީންގެ އަތުން އަތުލައި ދެތިން ކޯވަރެއް ބޮއެލި އެވެ.
"ސަރ.. ވީ ވިލް ޓޭކް ދެޓް އޭޒް އަ ފައިވް ސްޓަރ ރިވިއު" ނަދާލް އެއްބައި ބުއިމަށްފަހު ދިއްކޮށްލި ފެންތަށީގައި ހިފަމުން އެ މުވައްޒަފު ބުނެލި އެވެ. އައިލީން ފެނުނު ހިނދު ނަދާލްއަށް އެ ވީގޮތުން އެކުއްޖާއަށް ހުރެވުނީ ހިނި އައިސްފަ އެވެ. ނަދާލް ލުއި ހުނުމަކާއެކު ބޯ ޖަހައިލުމުން އެކުއްޖާ އެއްފަހަރު ނަދާލްއަށް އަނެއްފަހަރު އައިލީންއަށް ބަލައިލުމަށްފަހު އެތަނުން ދިޔަ އެވެ.
"ވަރަށް ލަސްވެއްޖެ ދޯ؟ ވަރަށް ގިނައިރު ވެއްޖެތަ އައިސް ހުންނަތާ؟" އައިލީން ވާހަކަދެއްކީ ނަދާލް ހަމައަކަށް އެޅިއްޖެކަން ޔަގީން ވުމުންނެވެ.
"ޓްރަސްޓް މީ. އިޓް ވޯޒް ވޯތް އެވްރީ މިނަޓް!" ނަދާލްއަށް އަދިވެސް ހުއްޓުމެއްނެތި ބެލެމުން ދިޔައީ އައިލީންގެ އިސްތަށިގަނޑަށެވެ. "ތެދުވެބަ ބަލާލަން" އޭނާ އައިލީންގެ އަތުގައި ހިފައިލަމުން ގޮނޑިން ތެދުކުރުވި އެވެ.
"ވަޓް ޑޫ ޔޫ ތިންކް؟ ގުޅޭތަ މި ޑްރެސް؟" އައިލީން ކުޑަކުޑަކޮށް ސްކާޓުގައި ހިފައި ފަތުރައިލަމުން އަހައިލި އެވެ.
"ކޭން އައި ބީ އޮނެސްޓް؟" ނަދާލް އައިލީންއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ. "އައި ޑޯންޓް ނޯ އިފް ވަޓެވަރ އައިމް ތިންކިންގް ރައިޓް ނައު އިންވޯލްވްސް އަ ޑްރެސް އެޓް އޯލް" އޭނާ އައިލީންގެ ކަންފަތް ދޮށުގައި ބުނެލި ޖުމްލައާއެކު އައިލީންގެ މޫނު އެކީ ރަތްވެގެން ދިޔަގޮތުން ހީވީ ހަށިގަނޑުގައިވި ހުރިހާ ލެޔެއް އެ މޫނަށް ޖަމާވެގެން ދިޔަހެނެވެ.
"ދެން ނަދާލް!" އައިލީން އަކުރުތަކަށް ދަމައިލަމުން ނަދާލްއަށް ގޮވައިލި އެވެ.
"ހަމަ އަސްލުވެސް ވަރަށް ލޯބި. އެންމެ މައްސަލައެއް. ލޫނާގެ ބަރތްޑޭގަ އަހަރެންނަށް ތިވަރުގެ ސަޕްރައިޒެއް ދިނީމަ ދެން އަހަރެން ކިހިނެއް މިއަށްވުރެ ބޮޑު ސަޕްރައިޒެއް ޕްލޭން ކުރާނީ؟" ނަދާލް ބުންޏެވެ.
"ޑޫ ޔޫ ލައިކް އިޓް؟" އައިލީން އިސްތަށިގަނޑުގައި އަތް ޖައްސައިލަމުން އަހައިލި އެވެ.
"ލައިކް އިޒް އެން އަންޑަރސްޓޭޓްމަންޓް ބޭބީ.. ސޯ ޓެލް މީ.. ހައު ޑޫ ޔޫ ފީލް.. މަޗް ކާމް އެންޑް ބެޓަރ؟ ޑޫ ޔޫ ލައިކް ދަ ޑްރެސް؟" ނަދާލް އަހައިލި އެވެ.
"ހްމްމް. އަސްލުވެސް ވަރަށް މީހާ ހަމަޖެހިލައިފިހެން ހީވޭ. ހެދުންވެސް ރީތި. ތަންކޮޅެއް ކަރު ބޮޑީ. އިއަރިންގްސަށްވުރެ ނެކްލެސްއެއް ގެނެސްދިން ނަމަ މާ ރަނގަޅުވީހެއްނު؟" އައިލީންއަށް ބުނެވުނެވެ.
"ދި ނެކް އިޒް މައިން ލަވް.. އިޓް ސްޓޭޒް ބެއަރ" އައިލީންގެ ކޮނޑުގައި ބީއްސައިލި އަތް މަޑުމަޑުން ކަރުގައި ވަށައިލަމުން ނަދާލް ސިއްރުން ބުނެލި އެވެ. އެދެމީހުން ތިބީ އެކެއް އަނެކެއްގެ ގައިގައި ޖެހޭ ނުޖެހޭހާ ގާތުގައި ކަމުން އެދެމެދުގައި ހިނގާ ކަމެއް ނުވަތަ ދެކެވޭ ވާހަކައެއް އެހެން ބަޔަކާ ހަމައަކަށް ނުފޯރަ އެވެ. "އަހަހަ. ލެޓްސް ގޯ.." އައިލީން ލަދުން ރަތް ޖަންބަކަށްވާން ފެށުމުން ނަދާލް ލުއި ހުނުމަކާއެކު އައިލީންއާ ދުރަށް ޖެހިލި އެވެ. ރިސެޕްޝަނަށްގޮސް ނުވަހާސް ރުފިޔާގެ ބިލަށް ފައިސާ ދައްކައިލުމަށްފަހު އައިލީން ގޮވައިގެން ނުކުތެވެ.
ގާތްގަނޑަކަށް ވިއްސަކަށް މިނަޓު ވަންދެން ހުޅުމާލޭގެ މަގުތަކުގައި ކާރު ދުއްވިއިރު އައިލީން އަދިވެސް އިނީ ނަދާލް އެންމެ ފަހުން ދެއްކި ވާހަކަތައް ހިތަށް އަރާފައި ލަދުންނެވެ. އަނގައިން ބަހެއް ބުނެ ނުލި ތާނގައި އިސް އުފުލާލައި ނަދާލްއަށް ބަލައިލުމުގެ ހިތްވަރެއްވެސް އޭނާގެ ނެތް ކަހަލަ އެވެ. "ކޮންތާކަށް މި އައީ؟" އޭނާ ވާހަކަދެއްކީ ފޭސް ދޭއްގެ އަނދިރި މަގަކަށް ނަދާލް ކާރު ހުއްޓައިލިކަން އެނގުމުންނެވެ.
"ބީޗަށް. ލޫނާ ބުނީމެއްނު ބީޗަށް ދާން ބޭނުން ވާހަކަ." ނަދާލް ފަރުވާކުޑަ ގޮތަކަށް ދެކޮނޑު އަރުވައިލުމަށްފަހު ކާރުގެ އިންޖީނު ނިވައިލި އެވެ.
"އެއީ އޭރެއްނު. މިހާރު މާ އަނދިރި ވެއްޖެ. މިހާރު ދެން ކީއްކުރަން؟" އައިލީން ޖެހިލުންވެފައި އިނދެ ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހިންގައިލި އެވެ.
"ލޫނާ ރޭގަނޑު ބީޗަށް ދާން ބިރުގަނެއޭ ބުންޏަސް އަހަރެން ގަބޫލެއް ނުކުރާނަން އެނގޭ.. ރިމެމްބަރ؟ ނައިޓް ބީޗް ޑޭޓްސް އަރ އަވަރ ތިންގް. ހިނގާބަލަ ބަލާލަން. މި ބީޗަކަށް އެހާ މީހުންނެއްވެސް ނާންނާނެ." ނަދާލް ހިނި އައިސްފައި އިނދެ ބުންޏެވެ. އަދި އައިލީން ދީފާނެ ރައްދަކަށް މަޑުކުރުމެއް ނެތި ޑްރައިވަރު ސީޓުން ފައިބައިގެން ގޮސް އައިލީން ނުކުތުމަށް ކާރުގެ ދޮރު ހުޅުވާލައި ދިނެވެ. އައިލީން ކާރުން ފޭބީ އިތުރު ގޮތެއް ނެތުމުންނެވެ.
"ކޮބާ ބީޗް؟" އައިލީންއަށް އަހައިލެވުނެވެ. ނަދާލް އިޝާރާތް ކޮށްލީ މަގުގެ ވައަތް ފަރާތުގައި އޮތް ގަސްތަކުގެ ތެރެއަށެވެ. އައިލީން ފަރުވާތެރިކަމާއެކު އެ ދިމާލަށް ބަލައިލަމުން ހިންދިރުވައިލި އެވެ. އެ ގަސްތަކުގެ ބިއްދޮށުން ރާޅު ޖަހަމުންދާ އަޑު އިވެމުން ދިޔައީތީ އޭނާއަށް ނަދާލް ހަދަނީ ދޮގު ނޫންކަން އެނގުނެވެ. އެހެނެއްކަމަކު ތަނަށް ވެރިވެފައިވި ކަޅުފޮއި އަނދިރިކަމުން އޭނާ ހަމަ ހަގީގަތުގައިވެސް ބިރުގަތެވެ. ނަދާލްއާ އިތުރަށް ގާތަށް ޖެހިލި އެވެ. އެއާއެކު ނަދާލް އިންޒާރަކާނުލައި އައިލީން އޭނާގެ އަތްދަނޑި މައްޗަށް އުފުލައިލި އެވެ. އައިލީންއަށް ސިހިފައި ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ.
"ޝްޝްޝް.. މާ ބާރަށް ހަޅޭއްލަވަންޏާ ޖިންނިތައްވެސް ހޭލާނެ އެނގޭ" ނަދާލްގެ އަޑުގައިވަނީ ސަމާސާއެވެ. އެހެނަސް އެ ޖުމްލައާއެކު އައިލީން އިތުރަށް ހިތް ބިރުގަތެވެ. ނަދާލްގެ ކޮނޑުގައި ޖަހައިލުމަށްފަހު އަކުރުތަކަށް ދަމައިލަމުން ނަދާލްއަށް ގޮވައިލި އެވެ. ނަދާލްގެ ފަރާތުން އިވިލީ ލުއި ހުނުމެއްގެ އަޑެވެ.
ގަސްތަކުގެ ތެރެއިން ކަނޑާފައި އޮތް ހިމަ މަގުން ލާފައި އައިސް ގޮނޑުދޮށަށް ފޭބުނުއިރު އައިލީންގެ ހިތުގައި އޮތް ބިރާއި ނުތަނަވަސްކަންވެސް އިސާހިތަކު ފިލައި ގޮސްފި އެވެ. ނަދާލް އޭނާ ބިންމަތީގައި ބަހައްޓައިލުމާއެކު އަރައިގެންހުރި އުސް ފައިވާން އަތަށް ނަގަމުން ދޮންވެލިގަނޑުގެ ތެރެއަށް ފައި ގަންބައިލި އެވެ. ކަނޑުގެ ބާނިތަކުގައި ފިރުކިލާފައި އަންނަމުންދިޔަ ތެތްގިނި ވައިރޯޅީގެ އަސަރަށް ނަފްސު ދޫކޮށްލަމުން އޭނާއަށް ދެލޯ މަރައިލެވުނީ ބޭ އިޙްތިޔާރުގަ އެވެ. ނަދާލް އެ މަންޒަރުގެ ފުރިހަމަކަން ހަނދާނެއްގެ ގޮތުގައި ރައްކާކޮށްލުމަށްޓަކައި އައިލީންއާ ދުރަށް ދެތިން ފިޔަވަޅު އަޅައިލަމުން އެ މަންޒަރުގެ ފޮޓޮއެއް ނަގައިލި އެވެ.
އައިލީން ލޯ ހުޅުވައިލީ ފޯނުގެ ފްލޭޝްލައިޓް މޫނަށް އެޅުމުންނެވެ. އޭރި ނަދާލްވެސް ކަމެއް ނުވާކަމަށް ހެދެމުން އައިސް އަނެއްކާވެސް އައިލީންގާތު ހުއްޓިލައިފި އެވެ.
"ހާދަ އަނދިރިއޭ ދޯ" ވަށައިގެން ނަޒަރު ހިންގައިލަމުން އައިލީން ވާހަކަ ދެއްކި އެވެ. "ކޯއްޗެއްތަ ފެންނާނީވެސް މިހާ އަނދި-" އޭނާގެ ވާހަކަ މެދުކެނޑުނީ އެމީހުން ތިބި ދިމާލާ ހައެއްކަ ފޫޓު ދުރުން ގޮނޑުދޮށުގެ ރާޅުޖަހާ ހިސާބުގައިހުރި ނޫ ކުލައިގެ އަލިތަކެއް ފެނުމުންނެވެ.
އައިލީންއަށް ކުޑަކޮށް ދުވެލާފައި އެ އަލިތަކާ ދިމާލަށް ދެވުނެވެ. ހައިރާންވީ އެ މުޅި ސަރަހައްދުގައިވެސް ރެދަނުގެ އެހެން ހިލަމެއް ނެތިފައި ހަމައެކަނި އެ ދިމާލުގައި ރެދަނުގެ ނިޝާން ފެނުމުންނެވެ. އެކަމާމެދު މާބޮޑަށް ނުވިސްނައި އޭނާ އަވަސް އަވަހަށް އެ ރެދަންތަކުގެ މަތީގައި ފައި ކާތައިލުމާއެކު އޭނާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގޮސް ނިތަށް ރޫ ގިނަވެލި އެވެ. ސިކުނޑީގައި ސުވާލުމާކު ޖެހިފައިހުރެ ވެލިގަނޑު މައްޗަށް ތިރިވެލަމުން އެ އަލިތަކުގައި އަތް ޖައްސައިލި އެވެ. އާނއެކެވެ. އެއީ އަނދިރީގައި ދިއްލޭގޮތަށް ފަރުމާކުރެވިފައިވާ ނޫކުލައިގެ ބަރު މިނާފުއްތަކެއްފަދަ އެތިކޮޅު ތަކެކެވެ. އެ އެތިކޮޅުތައް އަތުރާލެވިފައި ހުރީ ރާޅުގެ ހުދުފޮނު ކިރިޔާ ބީއްސައިލާ ހިސާބުން ދޮންވެލިގަނޑު މަތީގަ އެވެ. ފެންނަ ފެނުމަށް އަސްލު ރެދަނާ އެއްގޮތް ކަމެއް ހުއްޓަސް ކައިރިން ބަލައިލުމުން ތަފާތު ފާހަގަ ކުރެވުނެވެ.
"ނަދާލް…ދިސް.. ދިސް އިޒް ނޮޓް ރިއަލް.. ޔޫ ޑިޑް ދިސް.. ވައި؟" އައިލީންއަށް ގަބޫލު ނުކުރެވިފައިހުރެ ހަމަ އިސްކޮޅަށް ދެމިލަމުން ނަދާލްއަށް ބަލައިލެވުނެވެ. ނަދާލްގެ އެ ހާއްސަ އިޝާރާތް ކޮށްޓައިލީ އޭނާގެ ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިފައިވާ ހަނދާނެއްގަ އެވެ.
"އިޓްސް ޔޯރ ބާރތްޑޭ" ނަދާލް ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވައިލަމުން ބުންޏެވެ. "ބަޓް އައިލް އެޑްމިޓް.. އައި ޑިޑް ހޭވް އަ ސެލްފިޝް ރީޒަން" އޭނާ އިތުރު ކޮށްލި އެވެ.
"ކީއްވެ؟ ހަމަ ކުއްލިއަކަށް ރެދަން ބަލާ ހިތްވީ؟" އައިލީންގެ ސުވާލަށް ނޫނެކޭ ބުނެ ބޯ ހޫރައިލަމުން އައިލީންއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ.
"އައި ވޯންޓަޑް ޓު ސީ ދަ ގަރލް އައި ފެލް އިން ލަވް ވިތް.." ނަދާލް ބުންޏެވެ. އައިލީން ބުމަ ގޮށްޖަހައިލަމުން ނަދާލްއަށް ބަލައިލީ ނަދާލް އެ ބުނި އެއްޗެއް ނަގައިގަންނަން ނޭނގިފަ އެވެ.
"ލޫނާދެކެ ލޯބިވާކަން ގަބޫލުކުރެވެން ފެށީއްސުރެން އަހަރެންގެ އަމިއްލަ ނަފްސާ ސުވާލު ކުރަމުން ދިޔައީ.. އަހަރެންނަށް ލޫނާދެކެ ލޯބިވެވުނީ ކޮން އިރަކު ކިހިނެއްތޯ.. އެންޑް އޯލް ދެޓް ތިންކިންގް ލެޑް މީ ދެއަރ.. ޓު ދެޓް މޯމެންޓް.." އައިލީންގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ނަދާލްގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
“އަހަރެންނަށް ލޫނާއަކީ ކާކުކަން އެނގުނީ އެރެއަށްފަހު. ރޫޅިފަ އޮތް އާއިލާއެއްގެ ތެރޭގަ ލޫނާ ތަހައްމަލު ކުރި ކަންކަމާއި، އެއަށްފަހު ލޫނާ އުޅުނު އެކަނިވެރި ދިރިއުޅުމުގެ ވާހަކަ އަހަރެންނާ ހިއްސާކުރި އިރު ލޫނާގެ އަޑުން އަހަރެންނަށް އެ ހިތާމަ އިވުނު. އައި ނިއު ހައު މަޗް އިޓް ވޯޒް ސްޓިލް ހަރޓިންގް ޔޫ. އެކަމަކު އެވަގުތު އެތަނުގަ ރެދަންލައިފަ އޮތްތަން ފެނުނު ހިސާބުން ލޫނާގެ މޫނުމަތިން އެ ހިތާމަތައް ފުހެވިގެންގޮސް އެ ވެރިވި އުފާވެރިކަން.. އެ ހިނިތުންވުން ދުވަހަކުވެސް ހިތުން ފިލުވައިލެވޭނެހެން ހިއެއް ނުވޭ" ނަދާލްގެ ވާހަކަ ކުރިއަށް ދިޔަވަރަކަށް އައިލީންގެ ހިތުގައިވެސް މާޒީގެ ހަނދާންތައް އާލާވެ އޭނާގެ ދެލޯ ފެންކަޅިވަމުން ދިޔަ އެވެ.
"އަހަރެންނަށް އެނގޭ އޭގެ ފަހުން ލޫނާގެ ލައިފް އެތައް ގޮތަކަށް ބަދަލުވެގެން ހިނގައްޖެކަން. ޔޫ ހޭވް ބީން ހަރޓް އެންޑް ބްރޯކަން. ކުރިން ތި މޫނުމަތިން ފެނުނު އުޖާލާކަމެއް މިހާރަކު ނުފެނޭ. އެންޑް އައި ކާންޓް ބްލޭމް ޔޫ ފޯރ ދެޓް. އެކަމަކު އެރޭ އެ ހިތާމައާއެކުވެސް ރެދަން ފެނިފަ ލޫނާގެ މޫނުމައްޗަށް އެ ވެރިވި ހިނިތުންވުން ދެވަނަ ފަހަރަށް ދެކިލަން ލިބިދާނެކަމުގެ އުއްމީދުގަ އަހަރެން މިރޭ މިތަނަށް މި އައީ. އައި ވޯންޓަޑް ޓު ރެކްރިއޭޓް ދި އެގްޒޭކްޓް މޯމެންޓް އައި ފެލް އިން ލަވް ވިތް ޔޫ ލޫނާ. ދެޓް ނައިޓް އައި ވޯޒް.. އައި ވޯޒް އަމޭޒްޑް ބައި ހައު ޔޫ ސީ ބިއުޓީ އިން ދީސް ޕެޓީ ލިޓްލް ތިންގްސް. އިވަން އާފްޓަރ އެވްރީތިންގް ޔޫ ވެންޓް ތްރޫ. އައި ވޯޒް ހަމްބްލްޑް ބައި ޔޯރ ސްޓްރެންތް.. ޔޯރ ޕޮޒިޓިވިޓީ.. ޔޯރ އިނޮސަންސް-"
"ހަމްބްލްޑް؟" އައިލީންގެ އަޑު ކުރެހުނެވެ. ނަދާލްގެ ވާހަކަތަކުން އޭނާގެ ހިތަށް ކުރީ ބުނެދޭން ނޭނގޭ އަސަރެކެވެ. އެ ބަސްތަކުން ހިތަށް އުފާވެރިކަން ގެނުވި ކަމުގައިވިޔަސް އެ އުފާވެރިކަމުގެ މައްޗަށް ވެރިވީ އެ ހަނދާންތަކާއެކު ހިތުގައި އުފެދުނު ޝަކުވާ އެވެ. "ޔޫ ސޯ މައި އިނަސެންސް އޭޒް އޭން އޮޕޯޗުނިޓީ ނަދާލް.. ޔޫ ސޯ މައި ޕޮޒިޓިވިޓީ އޭޒް އަ ވެޕަން. ނައު އައިމް ޓަޔަޑް އޮފް ބީއިންގް ސްޓްރޯންގް" އޭނާގެ ދެލޮލަށް ގިނަވެފައިވި ކަރުނަތައް ފައިބައިގަންނަން ތައްޔާރު ވުމާއެކު އައިލީން ނަދާލްގެ އަތް މޫނާ ވަކިކޮށްލަމުން ދުރަށް ޖެހިލި އެވެ.
"ލޫނާ އައިމް ނޮޓް އާސްކިންގް ޔޫ ޓު ބީ ސްޓްރޯންގް އެނީމޯރ. އައިމް އާސްކިންގް ޔޫ ޓު ޓްރަސްޓް މީ. ޕްލީޒް." ނަދާލް އެދުނެވެ. އަދި އެވަގުތު އޭނާގެ ފޯނަށް އަންނަމުންދިޔަ ހުސްނީގެ ކޯލު ކަނޑައިލުމަށްފަހު އަނެއްކާވެސް ޖީބަށް ލިއެވެ.
"ދެޓް ކޮސްޓް މީ އަ ލޮޓް ނަދާލް" އައިލީންގެ ޖަވާބު އިވި ނަދާލްއަށް ތޫނު ނޭވާއެއް އެތެރެއަށް ދަމައިލެވުނެވެ. އޭރު އަނެއްކާވެސް އޭނާގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވަމުން ދިޔަ އެވެ. އެހެނަސް އެ ފޯނަށް ޖަވާބު ދިނުމަށްވުރެ އައިލީންގެ ފަރާތުން ފުރުސަތެއް ހޯދުން މިވަގުތު އޭނާއަށް މާ މުހިއްމެވެ. އޭނާ އާ ހިތްވަރަކާއެކު އައިލީންއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން އަނެއްކާވެސް ވާހަކަ ދެއްކި އެވެ.
"ޔޫ އަރ ރައިޓް. ލޫނާގެ ނަފްރަތު އަހަރެންނަށް ހައްގު. އެކަމަކު އަހަރެން ދެން ކީއްތަ ކުރަންވީ ލޫނާގެ އިތުބާރު ހޯދަން؟ ލޫނާ އުފާ ކޮށްދޭން؟" ނަދާލް ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އައިލީން ފަހަތަށް ފިޔަވަޅެއް އަޅަމުން ދިޔައިރު ނަދާލްގެ ފޯނަށް އަންނަމުންދިޔަ ކޯލަކަށްވެސް ހުއްޓުމެއް ނާދެ އެވެ. އެހެނެއްކަމަކު ދެންވެސް އޭނާގެ ފިޔަވަޅުތައް ބަހައްޓާފައި ހުރީ ކުރިއަށެވެ.
"އައިމް ޓްރައިން އެވްރީތިންގް ޖަސްޓް ޓު މޭކް ޔޫ ސްމައިލް އަ-- ގިވް މީ އަ މިނަޓް" ނަދާލްގެ ބޮލަށް އުނދަގޫވެ އައިލީންއާ ދައްކަމުންދިޔަ ވާހަކަ މެދުކަނޑައިލަން ޖެހުނީ ފޯނު ހަތްވަނަ ފަހަރަށް ރިންގުވާން ފެށުމުންނެވެ.
"ދިސް ބެޓަރ ބީ ފަ*** އިމްޕޯރޓަންޓް ހުސްނީ! އައި ހޭވް އަ ޑިނަރ ޑޭޓް އިން ޓެން މިނަޓްސް!" ނަދާލްއަށް މިފަހަރު ވާހަކަވެސް ދެއްކުނީ އެހެންޏާ ހުސްނީއާ ވާހަކަ ދައްކައި އުޅޭ ވަރަށްވުރެ ހަރުކަށި ކޮށެވެ. އެހެނަސް ފޯނުގެ އަނެއް ފަރާތުން ހުސްނީ ދިން ހަބަރާއެކު ނަދާލްގެ މޫނުމަތި އެކީ ހުދު ވެގެންދިޔަ އެވެ. "ކީކޭ؟ ނުވާނެ! އޮފީހުގަ ދޯ. އާން.. އާން މި ދަނީ" އޭނާ ފޯނު ކަނޑައިލުމަށްފަހު ހާސްކަމުގެ މޫނުމައްޗަކާއިގެން އައިލީންއާ ކުރިމަތިލި އެވެ. "ލޫނާ.. ވަރަށް އަވަހަށް ދާން ޖެހިއްޖެ" ނަދާލްގެ އަޑު މަޑެވެ.
"ކޮންތާކަށް؟ ކަމެއް ގޯސްވީތަ؟" ނަދާލްގެ މޫނުމަތީގައިވި އަސަރުތައް ދެނެގަނެވޭތޯ މަސައްކަތް ކުރަމުން އައިލީން އަހައިލި އެވެ.
"އޮފީސް… އޮފީހުގަ ޕޮލިހުން… ކޭން ވީ ލީވް؟" ހާސްވެފައި ހުރިވަރުން ނަދާލްއަށް ވާހަކަވެސް ދެއްކެނީ ކިރިޔާ އެވެ. އައިލީންގެ އިޝާރާތެއް ލިބުމާއެކު ސިކުންތެއްވެސް ލަސްނުކޮށް އައިލީން އުފުލާލައިގެން އެތަނުން ނުކުތުމަށް ހިނގައިގަތެވެ.
ކާރު އިސްޓާޓުކޮށް ހަލުވި ދުވެލީގައި އޮފީސް ހުންނަ އިމާރާތާ ދިމާލަށް ދުއްވައިލިއިރު އައިލީންއާ އަނގައިން ބުނެލަންވެސް އޭނާވަނީ ހަނދާން ނެތިފައި ކަހަލަ އެވެ. ބުމަ ގޮށްޖަހައިލައިގެން އިންއިރު އެންމެ ހިނދުކޮޅަކަށްވެސް ކުރިމަތީގައި އޮތް މަގުން ނަޒަރު ވަކި ކޮށްނުލަ އެވެ. ޓްރެފިކްގެ ސަބަބުން ދުވެލި ލަސްކޮށްލަން ޖެހޭ ކޮންމެ ފަހަރަކު ކަންބޮޑުވެފައި އިނދެ ފުން ނޭވާއެއް ލަމުން ހުންގާނުގައި އިނގިލިތަކުން ޖަހައިލަ އެވެ. އެ ނުތަނަވަސްކަން ފެނި އައިލީންއަށްވެސް އިނދެވުނީ ބަސްހުއްޓިފަ އެވެ.
"އައިލީން.. ސްޓޭ އިން ދި ކަރ އޯކޭއި؟" އިމާރާތުގެ ދޮރުމައްޗަށް ކާރު ރަނގަޅަށް މަޑުވެސް ނުވަނީސް ނަދާލް ބުނެލި އަޑު އިވުނެވެ. އޭނާ އައިލީންއާ މުހާތަބު ކުރިއިރު އައިލީންގެ ފުރިހަމަ ނަން ބޭނުންކުރި ކުރުމުންވެސް އައިލީންއަށް ހިނގައިގެން އުޅޭ ކަންތަކުގެ ސީރިއަސްކަން ނަގައިގަނެވުނެވެ.
އައިލީން ސުވާލަކާނުލައި ބޯ ޖަހައިލުމާއެކު ނަދާލް ކާރުން ފައިބައިގެން ދުވެލާފައިގޮސް އެ އިމާރާތަށް ވަނެވެ. އޮފީސް ހުންނަ ފަންގިފިލާއަށް ލިފްޓުގެ ދޮރު ހުޅުވުނުހިނދު ފެނުނު މަންޒަރުން ހުއްޓުން އެރި ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އަވަސް އަވަހަށް ލިފްޓުން ނުކުމެ ހުސްނީގެ ގާތަށް ދިޔައެވެ.
"ކިހިނެއް.. ކިހިނެއް ވެގެން މި އުޅެނީ؟ އެހެން ކުއްލިއަކަށް އައިސް މިތަނަށް ވަދެގަނެވޭތަ؟" އޮފީހުގެ ތެރޭގައި ހަރަކާތްތެރި ވަމުންދިޔަ ފުލުހުންނާއި އިންވެސްޓިގޭޓަރުންގެ ހަރަކާތްތަކުން ނަޒަރު ވަކިކޮށްލުމަކާނުލައި ނަދާލް ހުސްނީގާތު އަހައިލި އެވެ. އެމީހުން މަޑުކޮށްލައިގެން ތިބީ އޮފީހާއި ކޮރިޑޯ ވަކިކުރުމަށް ޖަހާފައިވާ ބިއްލޫރިގަނޑުގެ ބޭރުގައި ކަމަށްވިޔަސް އެތެރޭގައި ހިނގާ ހުރިހާ ކަމެއް އެތަނަށް ސާފުކޮށް ފެނެ އެވެ.
"ބަލާ ފާސްކުރުމުގެ ކޯޓު އަމުރަކާއެކު އައިސް އުޅެނީ. އެހެންވީމަ އަހަރުމެންނަކަށް ކުރެވޭނެ ކަމެއް ނޯންނާނެ" ހުސްނީ ޖަވާބު ދިނެވެ.
"ބަލާ ފާސްކުރުމުގެ އަމުރެކޭ؟ ކޮން ކަމަކާ ބަލާ ފާސްކުރަންވީ؟" ނަދާލްއަށް އަހައިލެވުނެވެ. ހުސްނީގެ ނަޒަރު ބިއްލޫރިގަނޑާ ވަކިވެގެންދިޔައީ އެ ހިސާބުންނެވެ. އޭނާ ފޯނު ހުޅުވައިލުމަށްފަހު ނަދާލްގެ އަތަށް ދިއްކޮށްލި އެވެ. އެ ހަބަރުގެ ސުރުހީއާއެކު ޖަހާފައިވާ މައިޝާންގެ "މަގްޝޮޓް" ފޮޓޯ ފެނުމާއެކު ނަދާލް ހުސްނީއަށް ބަލައިލީ އިތުރު ޖަވާބު ތަކަކަށް އެދޭ ފަދައިންނެވެ.
"މިއަދު މެންދުރު އައްޑޫކޮޅުން މައިޝާން ހައްޔަރުކޮށްގެން އުޅެނީ.. ނަވާވީސް ކިލޯގެ ޑްރަގާއި އިތުރު ބަނގުރާ ފުޅިތަކަކާއެކު. މިހާރު މިކޮޅުގެ ސްޓޭޝަނަށް ގެނެސްފި. ދެންމެ ހަބަރަށް އެރީ..." ހުސްނީ ބުންޏެވެ.
"ވަޓް؟" ނަދާލްގެ އަޑު ނުކުތީ ކިރިޔަ ކިރިޔާ އެވެ. އަތުގައި އޮތް ހުސްނީގެ ފޯނުގެ ޑިސްޕްލޭގައި ދެތިން ފަހަރަކު އިނގިލި ހިންގައިލަމުން މަތިމަތިން އެ ހަބަރު ކިޔައިލި އެވެ. "ދެން މިކަމަކާ އަހަރުމެންނަކާ ކޮން ގުޅުމެއް" އޭނާ ހުސްނީއަށް ފޯނު ރައްދުކުރަމުން އެއްސެވެ.
"ތި އެއްކޮށް ނުކިޔަންތަ؟ މައިޝާންއަށް ކުރަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތެއް. އެކަމެއް ފެށިގެން އެ އުޅެނީ އޭނަ މިކޮޅުގެ ހެޑް އޮފް އޮޕަރޭޝަނަކަށް ހުރިއިރު. އަދިވެސް މިތަނުގެ ދެ އެކައުންޓެއްގެ އެކްސެސް އޭނަގެ އަތުގަ އޮންނާނެ. މުރުޝިދު ސަރ އެކަނި މިވަގުތު ފުލުހުންނަށް އެސިސްޓަންސް ދޭން އޮފީސްތެރޭގަ އެ އުޅެނީ. އެހެންވެ އަހަރެންނަކަށްވެސް އަދި ޔަގީނެއް ނުވޭ މި ވާގޮތެއް. އެކަމަކު ބޮޑަށް ހީވާ ގޮތުން މިކޮޅަށް އެމީހުން އެ ކުރާ ޝައްކަކީ-"
"މަނީ ލޯންޑްރިންގް..." ހުސްނީގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ނަދާލްއަށް ހުރިހާ ކަމެއް ނަގައިގަނެވުނެވެ. މައިޝާން ހަގީގަތުގައިވެސް ވިޔަފާރީގެ ތެރެއިން އެފަދަ ކަމެއް ކޮށްފައި އޮވެދާނެއޭ ހިތް ބުނުމާއެކު އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔަ އެވެ. އެފަދަ ސީރިއަސް ކުށެއް ސާބިތުވެއްޖެނަމަ ކުންފުނި ސަލާމަތް ކުރުމަކީ ނާދިރު ކަމެއްކަން އޭނާއަށް އެނގެ އެވެ. އޭރުން ޒަމާންތަކެއް ވަންދެން އެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އާއިލާއިން ކުރި މަސައްކަތުގައި ލައް ޖެހުނީ އެވެ. ކާފަ ދޫކޮށްފައި ދިޔަ ހަމައެކަނި އަމާނާތަށް ހިޔާނާތްތެރި ވެވުނީ އެވެ. މުޅި އާއިލާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވިގެން ދިޔައީ އެވެ.
ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން ދެއަތް އުނަގަނޑުގައި އަޅުވާލައިގެން ހުރެ ކޮރިޑޯގެ ދެކޮޅަށް ކުރުކާލި ކަނޑަން ފެށި ނަދާލްގެ ނިތްކުރި ތާޒާ ދާތިކިތަކުން ވިދަމުންދިޔަ އެވެ. ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން މޫނުގައި ދެއަތް އުނގުޅައިލުމަށްފަހު އޭނާ އަނެއްކާވެސް ހުސްނީއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ.
"އެކަމަކު އަހަރުމެން މިއިން އެއްވެސް ކަމެއްގަ ޝާމިލެއް ނުވަމެއްނު؟ ހުސްނީ! ޕްލީޒް ޓެލް މީ ވީ އަރ ނޮޓް އަ ޕާރޓް އޮފް ދިސް" ނަދާލް ތެޅިތެޅި އޮތް ހިތަކާއެކު އަހައިލި އެވެ. ހުސްނީއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ.
"ނަދާލް. ހަނދާންވޭތަ މީގެ ހަފްތާއެއްހާ ދުވަސްކުރިން އަހަރެން ނަދާލްއަށް ގުޅާފަ ބޮޑު ކަމެއްގަ ބައްދަލު ކުރަން އެދުނީމެއްނު؟ އޭގެ ފަހުން ދެ ފަހަރެއްގެ މަތިން މައިއާވެސް ވާހަކަދެއްކޭތޯ މަސައްކަތް ކުރިން.. މައި މެއިލް ކުރާށޭ ބުނީމަވެސް އަދި ވަގުތު އެބައޮތޭ ހީވެ ސީދާ ބައްދަލުކޮށްފަ އެވާހަކަ ދައްކަން މަޑުކު-"
"ނޯ ނޯ ނޯ. ގޯޑް ޕްލީޒް ނޯ. ދިސް ކާންޓް ބީ ހެޕެނިންގް. ދިސް ކެނޮޓް ހެޕެން!" ހުސްނީގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ނަދާލް ދެފަރާތަށް ބޯ ހޫރަން ފެށީ އޭނާ ހޯދަން އުޅުނު ޖަވާބު ލިބިގެން ކަހަލަ އެވެ. ހަދާނެގޮތް ހުސްވެފައިވާ މީހަކު ފަދައިން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލި އެވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ