ޑައުން ސިންޑްރޯމް: ހުނަރުވެރި ކުދިންތަކެއް، އެކަނިވެރިކަމަށް ދޫކޮށް ނުލާ

ޑައުން ސިންޑްރޯމްއޭ ބުނުމުން، ގިނަ ފަހަރު ހިތަށް ސިފަ ކުރެވެނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ނުވަތަ އެދުވަސް ފާހަގަކުރުމަށް ބޭނުން ކުރާ ދެކުލައިގެ އިސްޓާކީނުވެސް ހިތަށް ގެނެވެއެވެ. ނަމަވެސް ޑައުން ސިންޑްރޯމްއާމެދު އަޅުގަނޑުމެން ހޭލުންތެރިވެފައިވަނީ ކިހާ ވަރަކަށްތޯ ވިސްނާލުން މުހިންމެވެ.
ޑައުން ސިންޑްރޯމް އަކީ ބައްޔެއް ނޫނެވެ. މިއީ އިންސާނާގެ ހަށިގަނޑު އުފެދިގެން އަންނައިރު ޖެނެޓިކްސް ނުވަތަ ދަރިފަސްކޮޅުގެ މައުލޫމާތު ރައްކާކުރާ މާއްދާއަށް އަންނަ ބަދަލަކުން ދިމާވާ ކަމެކެވެ. އާންމުކޮށް އިންސާނެއްގެ ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި 46 ކްރޮމޯޒޯމް (23 ޖޯޑު) ހުރެއެވެ. ނަމަވެސް ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހަށިގަނޑުގައި އިތުރު ކްރޮމޯޒޯމެއް ހުރެއެވެ. ގިނަ ފަހަރަށް މިކަން ދިމާވަނީ 21 ވަނަ ކްރޮމޯޒޯމް އިންނެވެ. އާންމު މީހެއްގެ ހަށިގަނޑުގައި މި ޖޯޑުގައި ހުންނާނީ 2 ކްރޮމޯޒޯމެވެ. އެކަމަކު ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ މި ޖޯޑުގައި 3 ކްރޮމޯޒޯމް ހުރެއެވެ. އެއްގޮތަކަށްވެސް މިއީ މައިންބަފައިން ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން ދިމާވާ ކަމެއް ނޫންކަމަށް ސައިންސްވެރިން ބުނެއެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. އދ. އިން ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރުމަށް އިޚްތިޔާރުކޮށްފައިވަނީ، ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ހަށިގަނޑުގައި 21 ވަނަ ކްރޮމޯޒޯމްގެ 3 ކޮޕީ ހުންނާތީއެވެ.
ވަރަށް ގިނަ ފަހަރަށް ދުވަސް ފާހަގަ ކުރުމަށް އެކި އިދާރާތަކުގައި ކުރިއަށް ގެންދެވޭ ހަރަކާތްތަކުގެ ތެރޭގައި ދެކުލައިގެ އިސްޓާކީނަށް އަރައިގެން އައުން ހިމެނެއެވެ. ނަމަވެސް ގިނަ ބަޔަކަށް މިކަން ކުރާ ސަބަބު އެހާ ސާފެއް ނޫނެވެ. މި ދުވަހު ގިނަ ބަޔަކު ތަފާތު ކުލަކުލައިގެ އިސްޓާކީނު އަރަނީ، ކްރޮމޯޒޯމްގެ ބައްޓަން އިސްޓާކީނަކާ ވަތްތަރުވުމުންނާއި، އަހަރެމެން އެންމެންނަކީވެސް ތަފާތު ނަމަވެސް ހަމަހަމަ ބައެއްކަން އަންގައިދިނުމަށެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި ބޮޑެތި މީހުންނަކީވެސް މުޖުތަމައުގެ އެހެން މީހުންނެކޭ އެއްފަދައިން ތަފާތު ހުނަރުތަކާއި ގާބިލުކަން ހުންނަ ބައެކެވެ. ނަމަވެސް، އެމީހުންގެ ހަށިގަނޑު އުފެދުމުގައި ހުންނަ ތަފާތުތަކުގެ ސަބަބުން ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މީގެ ތެރޭގައި އެކި ސިިއްޙީ މައްސަލަތައްވެސް ހިމެނެއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ ވަރަށް ވިސްނުން ތޫނު ބައެކެވެ. ނަމަވެސް އެކުދިންގެ ވިސްނުން އެހެން މީހުންނަށް ބުނެދޭން އުނދަގޫވެއެވެ. މިހެންވުމުން ގުޅުންތައް ޤާއިމްކުރުމަށް އެކުދިންނަށް ނޫނީ އެފަރާތްތަކަށް ގޮންޖެހުންތަކާއި ކުރިމަތިވެއެވެ.
މިއަހަރު ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކަށް އދ. އިން ކަނޑައަޅާފައިވަނީ ޝިއާރަކީ "އެކަނިވެރިކަމާ ދެކޮޅަށް އެކުގައި" އެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުޖުތަމައުން އެކަހެރިވުމާއި އެކަނިވެރިކަމެވެ. އެހެންކަމުން، ހަމައެކަނި އެކުދިން މުޖުތަމައުގައި "ބޭތިއްބުމުގެ" ބަދަލުގައި، އަމަލީ ގޮތުން އެންމެންނާއެކު ބައިވެރިކޮށް އެކަނިވެރިކަން ނައްތާލުމަށް މިއަހަރު ބާރުއަޅައެވެ.
ރާއްޖެއަށް ބަލާއިރު ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަކީ ސަރުކާރުގެ އެހީތެރިކަން ލިބޭ ފަރާތްތަކެކެވެ. ތަޢުލީމީ ނިޒާމުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދެއެވެ. އެފަރާތްތަކަށް ބޭނުންވާ އެކި އެހީ ފޯރުކޮށްދިނުމުގެ އިތުރަށް މުޖްތަމަޢު ތެރޭ ޝާމިލްބަޔަކަށް ހެދުމަވެސް މަސައްކަތް ކުރެވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 3000 ރުފިޔާގެ އެލަވެންސެއް ދޭއިރު، މިފަދަ ކުދިންނަށް ނުވަތަ ފަރާތްތަކަށްވެސް މި އެލަވެސް ހޯދުމުގެ ފުރުސަތު އޮވެއެވެ. އަދި އަދުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ މާހައުލުން ޖާގަ ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި ޝާމިލްވުމުގެ ފުރުސަތު މި ކުދިންނަށް ލިބެއެވެ.
ޑައުން ސިންޑްރޯމް އަކީ ބައްޔެއް ނޫނެވެ. އެހެން ކަމުން އެފަދަ ކުދިން ބަލި މީހުންގެ ގޮތުގައި ނުދެކި މުޖްތަމަޢަށް ބޭނުންތެރި ބައެއްގ ގޮތުގައި ދެކިގެން މަސައްކަތް ކުރަން މުހިންމެވެ. އެކަނިވެރި ވުމަށް ދޫކޮށް ނުލުން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ