'މީހުން ވިއްސައިގެން ދިޔައީ މަހުޖަނު ނުރައްކާތެރިކޮށް މަސްތުގެ ހާލަތުގައި ދުއްވުމުން'

ވ. ފެލިދޫ އާއި ވ. ކެޔޮދޫ ކައިރިން ދަތުރު ކުރަނިކޮށް ކުޑަ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އެ އުޅަނދު އެ ވަގުތު ދުއްވަން އިނީ މަސްތުގެ ހާލަތުގައި އިން އިންޑިއާގެ ބިލިއަނަރު ކަމަށާއި ފަޅުވެރިން ވިއްސައިގެން ދިޔައީ ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި އޭނާ ދުއްވުމުން ކަމަށް އިދާރާތަކުން މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހަތް މީހުންނާ އެކު ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލީ، ވ. ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދުއްވަމުންދަނިކޮށެވެ. މި ހާދިސާގައި ކަނޑަށް ގެލުނު ދެ މީހުން އަދިވެސް ނުފެނެ އެވެ.
ތަފްސީލު - މިކަމާ ގުޅިގެން ވ. އަތޮޅު ކައުންސިންލްގެ ރައީސް ޝުޖާއު އަލީ 'ދައުރު'އަށް ވިދާޅުވީ، އެ ލޯންޗަކީ ބިލިނިއަރު ނިސްބަތްވާ ކުންފުނީގެ ޓީޓީ އަޝޭނާ ނަމަކަށް ކިޔާ ޕްރައިވެޓް ޔޮޓުގެ ލޯންޗު ކަމަށެވެ. އަދި އެ ލޯންޗަކީ ސިނގިރެޓް ރޭސިން މަރުކާގެ ސްޕީޑް ލޯންޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެވަގުތު ދުއްވަން އިނީ ބިލިނިއަރު. އަދި އޭނާ ހިމެނޭހެން އެ ލޯންޗުގައި ތިބި މީހުން ތިބީ މަސްތުގެ ހާލަތުގައި،" ޝުޖާއު ވިދާޅުވި އެވެ.
"މިހާތަނަށް އިދާރާތަކުން އެއްކުރި މައުލޫމާތުތަކުން އެނގެނީ މީހުން ވިއްސައިގެން ދިޔަައީ ބާެރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވުމުން."
އޭނާ ވިދާޅުވި ގޮތުގައި:
އިދާރާތަކުން އިއްޔެ ބެލިއިރު ލޯންޗުގެ ރިކޯޑްތަކުން ދައްކާ ގޮތުން އެ ލޯންޗު ގަޑިއަކު 72 މޭލަށް ދުއްވާފައިވޭ
 އަތޮޅު ތެރޭ ދުއްވާ ގަލްފް ސްޕީޑް ލޯންޗެއް ވެސް އެންމެ ބާރަށް އާންމުކޮށް މި ދުއްވަނީ ގަޑިއަކު 42 މޭލަށް
"މި ލޯންޗަކީ ހަމަ ރޭސިންއަށް ބޭނުން ކުރާ ލޯންޗެއް. ބޮޑަށް ބެލެެވެނީ، ދަންވަރު އެ ވަގުތު ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވައި، ޑްރިފްޓް ޖައްސަމުން ސަކަރާތް ޖެހުމުގެ ތެރޭގައި ހިނގި ކަމެއްގެ ގޮތުގައި. އަދި ރޭގަނޑަށްވުމުން ރާޅެއް ނެގިޔަސް ނުފެންނާނެތާ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް މަސްތުގެ ހާލާތުގައި ތިބީ ރަށަށް ގެނައި އިރު ވެސް."
މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި ބިލިނިއަރު ވެސް ހިމެނެ އެވެ. އަދި އޭނާއަށް ފެލިދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ. 
"ހޮސްޕިޓަލަށް ވެސް އަދި ފުލުހުންނާއި އެމްއެންޑީއެފްއަށް ވެސް މައޫލޫމާތު ދިނުމަށް އޭނާ ދެކޮޅު ހެދި. ޕާސަނަލް އެއްވެސް ޑޭޓާއެއް އޭނާ ނުދޭ. ހޮސްޕިޓަލުގެ އެއްވެސް ފޯމެއްގައި ވެސް ފުރުމަށް ވެސް އޭނާ ދެކޮޅު ހެދި،" ޝުޖާއު ވިދާޅުވި އެވެ.
"ހޮސްޕިޓަލަށް މައުލުމާތު ދޭން ދެކޮޅު ހެދި ނަމަވެސް ބަލި މީހަކަށްވުމުން އޭނާއަށް ހަމަ ރަނގަޅަށް ފަރުވާ ދިން. އަދި އޭނާ ބޭނުންވީ ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލުގައި މަޑު ނުކޮށް ދާން."
މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ، އެ ރޭ ދަންވަރު 1:15 ހާއިރު އެވެ. ޝުޖާއު ވިދާޅުވި ގޮތުގައި، އެ ރޭ 3 ހާއިރު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަގުތުން އޭނާ ޔޮޓަށް ދިޔަ އެވެ. ސަފާރީ އޮންނަނި ފެލިދޫ ބޭރުގަ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ވަނީ އިއްޔެ އެނބުރި ގައުމަށް ގޮސްފަ އެވެ. އަދި މުމްބާއީގައި ދަނީ ފަރުވާ ހޯދަމުން ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ބަންޑުން ޖަހާލި ލޯންޗު މިހާރު އޮތީ ފެލިދޫ ފަޅުގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. ޝުޖާއު ދެއްކި ވާހަކަތާ ގުޅިގެން ކޮމެންޓަކަށް އެދުމުން ވިދާޅުވީ، ޗެކް ކުރުމަށް ފަހު މައުލޫމާތު ދޭނެ ކަމަށެވެ. އަދި ގެއްލުނު ދެ މީހުން ފެނުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ގެއްލުނު މީހުން ހޯދުމަށް އިއްޔެ އެމްއެންޑީއެފްގެ ޑްރޯން ވެސް ބޭނުންކޮށްފައިވެ އެވެ.
މި ހާދިސާ ހިނގުމުގައި ބިލިނިއަރުގެ ރޯލާ ގުޅޭ ގޮތުން އެމްްއެންޑީއެފްގެ ރަސްމީ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ އިދާރާގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ ކޮމެންޓެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ