މިލާން (މާޗް 21) - އިޓާލިއަން ލީގުގައި ރޭ ސްކޮޓް މެކްޓޮމިނޭ ޖެހި ހަމައެކަނި ގޯލުން 1-0 އިން ކަލިއަރީ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން ލީގު ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނަށް 29 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނަ އަށް ޖެހިލި ނަޕޯލީގެ އޮތީ 30 މެޗުން 62 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް 29 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ކޯމޯގެ އޮތީ 29 މެޗުން 54 ޕޮއިންޓެވެ. އަދި، ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް 29 މެޗުން 53 ޕޮއިންޓް ލިބިފައިވެ އެވެ.
ނަޕޯލީން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެ ވަަނަ މިނިޓްގައި ކާމިޔާބުކުރީ މެކްޓޮމިނޭ އެވެ. ލިބުނު ފުުރުސަތުގައި އަަވަހަށް މެކްޓޮމިނޭ ފޮނުވާލި ބޯޅަ ކަލިއަރީ ކީޕަރު، އަލެކްސް ކެޕްރިލް އަށް މަތަަކުރެވޭ ގޮތެއްނުވި އެވެ. މިއީ، މި ސީޒަނުގައި މެކްޓޮމިނޭ ޖެހި 11 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި ނަޕޯލީގެ ލީޑުފުޅާކުރަން ބިލީ ގިލްމޯ ޖެހި ބޯޅައެއް ވަނީ ބްލޮކްވެފަ އެވެ.
ދެ ވަނަ ހާފުގައި ކުޅެން އަރައި، ނަޕޯލީން އިތުރު ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. އެ ގޮތުން، ނަޕޯލީގެ ކެވިން ޑި ބްރޭނާ އާއި މަޓެއޯ ޕޮލިޓާނޯ ފޮނުވާލި ހަމަލާތައް ކީޕަރު ކެޕްރިލް ވަނީ ހުއްޓުވައިފަ އެވެ.
ލީގުގައި މިރޭ އޭސީ މިލާނުން ޓޮރިނޯ ބަލިކޮށްފިނަމަ، ލީގުގެ ދެ ވަަނަ އަށް ޖެހިލެވޭނެ އެވެ.
މެކްޓޮމިނޭގެ ގޯލުން މޮޅުވެ ނަޕޯލީ ދެ ވަނަ އަށް މެކްޓޮމިނޭގެ ގޯލުން މޮޅުވެ ނަޕޯލީ ދެ ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ