އީރާނުން ޑިއެގޯ ގާސިއާ އަށް މިސައިލް ހަމަލާތަކެއް ދީފި

އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއެގޯ ގާސިއާ އަށް އަމާޒުކޮށް އީރާނުން މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ. ނަމަވެސް މި ހަމަލާތައް އެ މަރުކަޒަށް އަރާފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ރޮއިޓާސް އިން ސުވާލު ކުރުމުން، އެމެރިކާގެ ވައިޓް ހައުސް އިންނާއި ވޮޝިންގޓަނުގައި ހުންނަ އިނގިރޭސި އެމްބަސީގެ އިތުރުން އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ވެސް ވަކި ޖަވާބެއް ދީފައި ނުވާކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ޑިއެގޯ ގާސިއާ އަކީ އިންޑިއާ ކަނޑުގެ މެދުގައި އޮންނަ، އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެންމެ މުހިންމު އެއް އަސްކަރީ މަރުކަޒެވެ. މި ރަށަކީ ދުރު ރާސްތާގެ ބޮން އަޅާ ބޯޓުފަހަރާއި، މަނަވަރުތަކުގެ އިތުރުން ސަބްމެރިންތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯޓު ފޯރުކޮށްދޭ އިސްތިރާޖީ މަރުކަޒެކެވެ.
އީރާނާއި އެމެރިކާގެ ގުޅުން އިންތިހާއަށް ގޯސްވެފައިވާއިރު، އީރާނުން އަންނަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރެވޭ ފަދަ މިސައިލް އުފެއްދުމުގެ ގާބިލްކަން އަހަރަކަށްވުރެ އަހަރެއް އިތުރުކުރަމުންނެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުތަކަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރާއި އެހީތެރިކަމުގެ ސަބަބުން، އީރާނުން ދެކޭގޮތުގައި އެމެރިކާއަކީ އެ ސަރަހައްދުގެ ހަމަޖެހުން ނަގާލާ މައިގަނޑު ބާރެވެ. މިފަދަ ހަމަލާތަކަކީ އީރާނަށް އިސްރާއީލާއި އެމެރިކާ ގުޅިގެން ދެމުންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ދެމުންދާ ހަމަލާތަކެއްގެ އިތުރުން، އެމެރިކާއާއި އިސްރާއީލުގެ އިސްވެރިން މެދުއިރުމަތީގައި ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޑިއެގޯ ގާސިއާ އަކީ ދިވެހިރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ސިޓީއާ ގާތްގަނޑަކަށް 730 ކިލޯމީޓަރު (450 މޭލު) ދުރުގައި، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ރަށެކެވެ. މި ރަށަކީ ރާއްޖެއާ މިހާ ކައިރީގައި އޮތް ތަނަކަށް ވެފައި، އެތަނުގައި އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައި އޮތުމަކީ ސަރަހައްދީ ސަލާމަތަށް އޭގެ ނުސީދާ އަސަރުތައް ފޯރާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ