އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ހުނަރު 139 މީހަކަށް

އަގު އެއްކުރި މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ހުނަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 130 އަށްވުރެ ގިނަ މީހަކަށް ދަސްކޮށްދީފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މީގެތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ހިމެނެއެވެ.
ވެލިއު އެޑަޑް ޕްރޮޑަކްޓް ނުވަތަ އަގު އެއްކުރި މަހުގެ ބާވަތްތަކަކީ ދަޅުގައާއި ޕޯޗްގައި އެކި ގޮތްގޮތަށް ބަންދުކޮށްފައި ހުންނަ މަހުގެ އުފެއްދުންތަކެވެ. އޭގެތެރޭގައި ދަޅުމަހާއި ހިކިމަހާއި، މަހުގެ އެކި ބައިތަކުން އުފައްދާ ތަފާތު ބާވަތްތައް ހުރެއެވެ. ނަމަވެސް ރާއްޖެއިން އާއްމުގޮތެއްގައި މަސް ބޭރުކުރަނީ އަގު އެއްކުރި މަހުގެ އުފެއްދުންތަކުގެ ބަދަލުގައި ގަނޑުކުރި ރޯމަހުގެ ގޮތުގައެވެ.
ރާއްޖެއިން މިހާރު އެކްސްޕޯޓްކުރާ މަހުގެ ބޮޑުބަޔަކީ ރޯމަހެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އަގު އެއްކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކުރުމެވެ. އެހެންކަމުން މިކަމުގެ ހުނަރާއި ތަމްރީން ފޯރުކޮށްދޭން ޖެހެއެވެ.
އަގު އެއްކުރި މަހުގެ ބާވަތްތައް އުފެއްދުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިންވަނީ ރާއްޖޭގެ ބައެއް ރަށްރަށަށް ދަތުރުކޮށް ބަލާފައެވެ. އަދި އެކަން ކުރަން އެންމެ ރަނގަޅުކަމަށް ފެނުނު ރަށްރަށުގައި ވަނީ މިފަދަ ތަމްރީންތައް ކުރިއަށްގެންގޮސްފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ 5 ރަށެއްގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ހިންގާފައިވާކަމަށެވެ. އެ ރަށްރަށަކީ ހދ. ކުޅުދުއްފުށި ސިޓީ، ނ. ކުޑަފަރީ، ހއ. އިހަވަންދޫ، ފ. ނިލަންދޫ އަދި ޅ. ކުރެންދޫއެވެ.
މި 5 ރަށުން މުޅި ޖުމްލަ 139 މީހަކަށް ވަނީ ތަމްރީން ދީފައެވެ. އެއީ 59 ފިރެހެނުންނާއި، 80 އަންހެނުންނެވެ.
މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގައި މީގެކުރިން ރަށްރަށުގައި ހަރަކާތްތެރިވަމުން އައީ ދިވެހި ކަނބަލުންނެވެ. ނަމަވެސް މިހާރު މި މަސައްކަތުގައި ގިނައިން ހަރަކާތްތެރިވަމުން އަންނަނީ ބިދޭސީންނެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާގެ އަމާޒަކީ މި މަސައްކަތުގައި އުޅޭ ދިވެހިންގެ އަދަދު އިތުރުކުރުމެވެ. މިއީ އުފެއްދުމުގެ ފެންވަރުވެސް މަތިވާނެކަމެއްގެ ގޮތުގައި އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ދިވެހި މަސްވެރިން ބާނާ މަސް އެހެން ޤައުމުތަކުގެ މަސް ކުންފުނިތަކުން ގަނެގެން، އަގު އެއްކުރި މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެގެން ބޮޑު ފައިދާއެއް ނަގަމުންދާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މި ސަރުކާރުން ބޭނުންވަނީ އެ ފައިދާ ދިވެހި މަސްވެރިންނަށް ލިބޭނެގޮތަކަށް މި ނިޒާމު ބަދަލުކުރަންކަމަށާއި، އަދި އެކަން ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މި ދާއިރާއިން އިންވެސްޓް ކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދެވޭނެކަމަށެވެ. އަދި މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ