އެމެރިކާގެ އަސްކަރީ ޖެޓު ޖައްސަން ލަންކާއިން ހުއްދައެެއް ނުދިން

އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ގެންގުޅޭ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތުގެ ދަށުން، އެމެރިކާގެ ހަތިޔާރު އެޅި ދެ ހަނގުރާމަމަތީ މަތިންދާބޯޓު ސްރީ ލަންކާގެ މަދަނީ އެއާޕޯޓަކަށް ޖެއްސުމަށް އެމެރިކާއިން އެދުނު ނަމަވެސް ލަންކާއިން އެ ހުއްދަ ދީފައި ނުވާނެ ކަމަށް އެ ގައުމުން ރައީސް އިއްޔެ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ މަޖިލީހުގައި ވިދާޅުވީ، އަށް އެންޓި-ޝިޕް މިސައިލް އުފުލާ އެމެރިކާގެ މި މަތިންދާބޯޓުތައް މި މަހުގެ 4 އާއި 8އާ ދެމެދު މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ހުއްދައަށް ވޮޝިންޓަނުން އެދުނު ކަމަށެވެ.
"ސްރީ ލަންކާގެ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން އެ ހުއްދަ ނުދިނީ،" ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތަރުހީބާ އެކު ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، އީރާނުގެ ތިން މަނަވަރެއް ލަންކާގައި ބަނދަރުކުރުމަށް އެދުނު އެދުމަށް ވެސް ހުއްދަ ނުދޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އީރާނަށް 'އާނބަސް' ބުނި ނަމަ، އެމެރިކާއަށް ވެސް 'އާނބަސް' ބުނަން ޖެހުނީސް،" އޭނާ ވިދާޅުވި އެވެ.
މި ނިންމުންތައް ނިންމާފައިވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގަ އެވެ.
މި ހަނގުރާމައިގެ ސީދާ އަސަރު ލަންކާއަށް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން، އެމެރިކާގެ ސަބްމެރިންއަކުން ދިން ހަމަލާއެއްގައި ގޮއްވާލި އީރާނުގެ އުޅަނދެއްގައި ތިބި 32 ފަޅުވެރިން ލަންކާގެ ކަނޑުގެ ސިފައިން ދާދި ފަހުން ވަނީ ސަލާމަތްކޮށްފަ އެވެ. އެ ހަމަލާގައި މަދުވެގެން 84 މީހުން މަރުވި އެވެ.
މީގެ އިތުރުން، 2022ގައި ކުރިމަތިވި މާލީ އިނދަޖެހުމުން އަދިވެސް އަރައިނުގަނެވި އޮތް ލަންކާއަށް ހަނގުރާމައާ ގުޅިގެން މުދާ އެތެރެކުރުމަށް ދިމާވެފައިވާ ހުރަސްތަކުގެ ސަބަބުން އިގްތިސާދީ އާ ޕްރެޝަރުތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ