ގިރާވަރުފަޅުން ދިން ގޯތިތައް ޖޫންގައި ހަވާލު ކުރަން ފެށޭނެ: ރައީސް

'ބިންވެރިޔާ' ސްކީމްގެ ދަށުން މިދިޔަ ސަރުކާރުގައި ގިރާވަރުފަޅުން ދިން ގޯތިތައް އަންނަ ޖޫން މަހު ހަވާލު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެދުކެނޑުމަކަށް ފަހު، ގިރާވަރުފަޅު ހިއްކަން އަލުން ފެށީ މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު އެވެ. މީގެ ކުރިން ސަރުކާރުން ބުނެފައިވާ ގޮތުގައި، ތިން މަސް ތެރޭ ގިރާވަރުފަޅު ހިއްކާ ނިންމޭނެ އެވެ.
މިކަމާ ގުޅޭ ބައެއް މައުލޫމާތު ރައީސް ދެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އަދި އެ ޕޯސްޓުގައި ގިރާވަރުފަޅު ހިއްކުން މިހާރު ގޮސްފައިވާ ހިސާބު ފެންނަ ފޮޓޯއެއް ވެސް ހިމެނުއްވި އެވެ.
ބުނީ ކީކޭ؟ - ރައީސްގެ ޕޯސްޓުގައި ވިދާޅުވީ:
ކޮންމެ ދުވަހަކު ވެސް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް
އެތަނުގެ ބިން ހިއްކުން އަންނަ މަހު އެއްކޮށް ނިންމާލެވޭނެ
ސާވޭކޮށް ނިންމައި، ޖޫން މަހު ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ފެށޭނެ
ފާހަގަކޮށްލެވޭ ކަމެއް - ޖެނުއަރީ މަހު ގިރާވަރުފަޅު އަލުން ހިއްކަން ފެށީ އެންމެ ޑްރެޖަރަކުންނެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަސް ތެރޭ ދެ ޑްރެޖަރާ އެކު މަސައްކަތް ހަލުވި ކުރިކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އެ ފަޅުން ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މެދުކެނޑުމުގެ ކުރިން ހިއްކާފައިވަނީ 56 ހެކްޓަރުގެ ބިމެވެ.
އެނގުން މުހިންމު - ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ވެސް ބަދަލުކޮށް، އަލުން ގޯތިތަކުގެ ގުރުނަގާފައިވެ އެވެ. އެގޮތުން:
ކުރިން އާންމުކޮށްފައިވާ ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނުގައި އެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ 610 ގޯތި މަދުވޭ
އެ އަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4،072 ގޯއްޗާ އެކު އާ ލޭންޑް ޔޫސް ޕްލޭން މިހާރު ވަނީ އެކުލަވާލައި އާންމުކޮށްފައި
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:
1،250 އަކަފޫޓުގެ 2603 ގޯތި
1،650 އަކަފޫޓުގެ 1214 ގޯތި
2،050 އަކަފޫޓުގެ 254 ގޯތި
2،450 އަކަފޫޓުގެ 1 ގޯތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ