ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ސީނިއާ ސޯޝަލް ސާވިސް ވާކަރުންގެ ނުވަ މަގާމަކަށް މީހުން ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިޢުލާންކޮށްފިއެވެ.
އިޢުލާނުގައިވާ ގޮތުން، މި މަގާމުތަކަކީ މެންޓަލް ހެލްތު ސާވިސް ޑިވިޜަންގެ އިނީޝަލް ރެސްޕޮންސް އެންޑް ކޭސް މެނޭޖްމަންޓް ސެކްޝަނުގެ ދަށުން އައްޔަންކުރެވޭ މަގާމުތަކެކެވެ. މިއީ ކުއްލި ހާލަތްތަކުގައި ފިޔަވަޅު އެޅުމާއި، ކޭސްތައް ކޯޑިނޭޓްކުރުމާއި، ނަފްސާނީ މައްސަލަތައް ތަހައްމަލުކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސެކްޝަނެކެވެ. މި މަގާމުތަކުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލޭގައި ހުންނަ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގައެވެ.
މި މަގާމުތަކުގެ މުސާރައިގެ ގޮތުގައި މަހަކު 12,261 ރުފިޔާ އަދި ޕޮޒިޝަން އެލަވަންސްގެ ގޮތުގައި 5,721 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަނާއި، ހާޒިރުވާ ކޮންމެ ދުވަހަކަށް 155 ރުފިޔާގެ އެލަވަންސެއްގެ އިތުރުން، ސިވިލް ސާވިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.
މި މަގާމަށް ހޮވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިންތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ގޭގެއަށް ޒިޔާރަތްކޮށް ހާލަތު ދެނެގަތުމާއި، ކޭސް މެނޭޖްމަންޓުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އާއިލާތަކާއި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން، ހެލްޕްލައިން ކޯލްތަކަށް ޖަވާބުދާރީވުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޑިޖިޓަލް ރެޖިސްޓްރީ ނިޒާމެއް ގާއިމުކުރުމުގައި އެހީތެރިވުން ހިމެނެއެވެ.
މީގެ އިތުރުން، ދައުލަތުގެ ވަގުތީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާއި، އިޖުތިމާއީ ހާލަތު ބަޔާންކުރާ ރިޕޯޓުތައް ތައްޔާރުކުރުމާއި، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އަތޮޅުތަކުން ހުށަހަޅާ މައްސަލަތަކުގައި އިރުޝާދު ދިނުމަކީވެސް މި މަގާމުގެ ޒިންމާތަކެކެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ވަކާލާތުކުރުމާއި، މުޅި ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުންވެސް ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް، ނުވަތަ ބެޗްލާސް އޮނާސް ޑިގްރީއެއް މަގާމާ ގުޅުންހުރި ދާއިރާއަކުން ހާސިލްކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ. މީހުން ހޮވުމުގައި ބަލާނީ ތައުލީމީ ފެންވަރާއި، އިތުރު ސަނަދުތަކާއި، މަސައްކަތުގެ ތަޖުރިބާގެ އިތުރުން އެސެސްމަންޓާއި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ސީވީ، އައިޑީ ކާޑުގެ ކޮޕީ، ތައުލީމީ ސެޓްފިކެޓްތައް އަދި މަސައްކަތުގެ ތަޖުރިބާ ހާމަކޮށްދޭ ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ. އެޕްލިކޭޝަންތައް 30 އެޕްރީލް 2026 ގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހޭނެއެވެ.
މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ސޯޝަލް ހެލްތު ވޯކަރުން ހޯދަން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ