ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް ބޭރު ކުރަނީ

ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ސީޗުއަން ޕްރޮވިންސަށް ބޭރުކޮށް އެކްސްޕޯޓް ފުޅާ ކުރުމާއި ގުޅޭގޮތުން މަޝްވާރަކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ޗައިނާގެ ސީޗުއަން ޕްރޮވިންސްގެ ވަފުދާއިއެކު ބޭއްވި ބައްދަލުވުމުގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާއި ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި، ވަޒީރު މުޙައްމަދު ސަޢީދު އަދި އެ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ސީޗުއަން ޕްރޮވިންސްގެ ވައިސް ގަވަރުނަރ ރެން ޖިންޑޮންގް އަދި އެ ޕްރޮވިންސްގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ. ސީޗުއަ ޕްރޮވިންސްގެ ވަފުދާއެކު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވަނީ، ޗައިނާގެ ވަފުދަށް މަރުހަބާ ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެކްސްޕޯޓް އިތުރު ކުރުމަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް އިސްކަންދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށެވެ. މިކަން ފަހިވީ، 2024 ވަނަ އަހަރު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކަމަށާއި، އެދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ލީޑަރުންގެ މެދުގައި އެއްބަސްވެފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން މިދާއިރާއިން އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. ވަޒީރު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ނަތީޖާ ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން ފުރިހަމައަށް ހިފުމަށާއި، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސީޗުއާން ޕްރޮވިންސަށް ބޭރު ކުރުމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރި ކަމަށެވެ. މީގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރި ކަމާއި އަދި އެހެނިހެން ސިނާޢީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާ ކުރިކަން ފާހަގަކޮށް ސަފީރު ވިދާޅުވީ، ސިޗުއާންގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ސަފީރުވެސް ވަނީ، މި ބައްދަލުވުމުގެ ފައިދާ ދެ ޤައުމަށްވެސް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ