ޗައިނާގެ ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގެ ބީޗް ހޭންޑްބޯޅައިގައި މިރޭ އޭޝިއާގެ ގަދަބާރު ތައިލޭންޑާ ދެކޮޅަށް ކުޅުނު މެޗުން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.
މިއަދު ހެނދުނު ކުޅެވުނު މެޗުން އިރާން އަތުން ބަލިވެފައި އޮތުމުން ރާއްޖެއަށް މިމެޗު ވަރަށް މުހިންމުވި އެވެ. އެހެންނަމަވެސް 2 - 0 ން ތައިލޭންޑް އަތުން ބަލިވީ އެވެ. މޮޅު ކުޅުމެއް ދައްކާ ވަރުގަދަ ފައިޓެއް ދިވެހި ޓީމުން ތައިލޭންޑަށް ދިންއިރު ދިވެހި ކުޅުންތެރިން ވަނީ ފަހުވަގުތާ ޖެހެންދެން ވެސް މެޗުން މޮޅުވުމަށް ވަރަށް ހިތްވަރުކޮށްފަ އެވެ.
މިމެޗުގެ ފުރަތަމަ ޕީރިއަޑް ތައިލޭންޑުން ގެންދިޔައި 22 - 12 އިންނެވެ. އަދި ދެވަނަ ޕީރިއަޑް އެޓީމުން ކާމިޔާބުކުރީ 18 - 12 ންނެވެ. މެޗުގައި އޭޝިއާގެ އެންމެ މޮޅެތި ޓީމުތަކުގެ ތެރޭގައި ހިމެނޭ އެއް ޓީމުކަމަށްވާ ތައިލޭންޑާއި ދެކޮޅަށް ދިވެހިރާއްޖެއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފަ އެވެ.
ތައިލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ: އެމްއޯސީ މީޑިއާ/ނައުޝަމް ވަހީދު
ތައިލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ: އެމްއޯސީ މީޑިއާ/ނައުޝަމް ވަހީދު
"މިރޭ އަސްލު ކުޅެން މިޖެހުނީ ތައިލޭންޑާ، ތައިލޭންޑަކީ އޭޝިއާގައި ހަމަ އަނެއްހެން ބުނަންޏާ 3 ވަނައިގައި އޮތް ޓީމެއް އެހެންވީމަ ހަމަ އަޅުގަނޑުމެންނަށް ތައިލޭންޑުގައި ކޭމްޕު ކުރަން ލިބުމާއެކީ މި ފައިޓަކީ ހަމަ ރަނގަޅު ފައިޓެއް ކަމަށް މިބަލަނީ." މެޗަށް ފަހު ވާހަކަދައްކަމުން ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިޔާ ސިރާޖު މުހައްމަދު ބުނެފައިވެ އެވެ.
ސިރާޖު އިތުރަށް ބުނީ މިފަހަރު ތައިލޭންޑްގައި ބޭއްވި ކޭމްޕަކީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ބޭއްވި ކޭމްޕެއް ކަމަށާއި އަދި މިކަހަލަ ގިނަ ކޭމްޕުތަކެއްގައި ޓްރެއިންކުރުމުގެ ފުރުސަތު ލިބިއްޖެނަމަ 3 އަހަރެއްވަރު ފަހުން އޭޝިއާގައި ވާދަކޮށްލެވޭވަރުވާނެ ކަމަށެވެ. އަދި އޭނާ ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އަދި ހޭންޑްބޯޅަ އެސޯސިއޭޝަނުގެ ރައީސް މުޖުތަބާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.
"އިންޓަނޭޝަނަލް 3 ވަނަ މުބާރާތްމީ. ހަމަ މުބާރާތަކަށްފަހު މުބާރާތެއް ރަނގަޅުވަމުން މިއަންނަނީ، އަޅުގަނޑަށް ހަމަ ފެންނަނީ ރާއްޖެއިން ބީޗް ހޭންޑްބޯލް ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް. އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅުވާނެ" ސިރާޖު ބުންޏެވެ.
ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ އިތުރުން އޮމާންއާއި ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް އަދި ގަތަރާއި މޮންގޯލިއާ އެވެ. ހޮނިހިރު ދުވަހު ޕާކިސްތާނާއި ދެކޮޅަށް ނުކުންނައިރު އާދިއްތަ ދުވަހު ނުުކުންނަން ޖެހޭނީ ގަތަރާއި ދެކޮޅަށެވެ. ރާއްޖޭގެ ގްރޫޕަށް ބަލާލާއިރު އޮމާން އަދި ގަތަރަކީ 2024 ވަނަ އަހަރު ހޭންޑް ބޯލް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ދެޓީމުކަން ފާހަގަކޮށްލެވެ އެވެ. އަދި އޮމާނުން މިއަހަރުގެ ދުނިޔޭގެ މުބާރާތުގައި ވެސް ވާދަކުރާނެ އެވެ.
ފަހުވަގުތާ ޖެހެންދެން ހިތްވަރުކުރި، އޭޝިއާގެ ގަދަބާރު ތައިލޭންޑް އަތުން ރާއްޖެ ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ