ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ %11.6 އިތުރުވެއްޖެ

ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ %11.6 އިތުރުވެއްޖެއެވެ. މިގޮތަށް ދައްކާފައިވަނީ، މާލީ ވުޒާރާއިން އާންމުކުރާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން 16 އޭޕްރީލުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 13.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ، 12.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ %11.6 ކުރިއެރުމެކެވެ.
ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ، 12.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގެ 10.3 ބިލިއަން ރުފިޔާ އަށްވުރެ 16.9 އިންސައްތަ އިތުރު އަދަދެކެވެ. މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތުގެ ބަޖެޓު މިވަގުތު އޮތީ 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
ފާއިތުވި ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ބަދަލަކީ، ސަރުކާރުގެ ކެބިނެޓަށާއި މުއައްސަސާތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ދައުލަތުގެ ވުޒާރާތަކާއި އިދާރާތައް ތަރުތީބު ކޮށްފައިވާ ގޮތަށް ގެނައި އިސްލާޙެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 15 އޭޕްރީލުގައި ނެރުއްވި އިރުޝާދާ އެއްގޮތަށް މި ބަދަލުތައް މިހާރު ވަނީ، މި ރިޕޯޓުގެ ތާވަލުތަކުގައި ހިމަނާފައެވެ. މީގެ ބޭނުމަކީ، ސަރުކާރުގެ މިހާރުގެ އޮނިގަނޑާ އެއްގޮތަށް ދައުލަތުގެ މާލީ ހިސާބުތައް ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
އާމްދަނީއަށް ބަލާއިރު، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 19.7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ)ގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިންނެވެ. އެގޮތުން 16 އޭޕްރީލުގެ ނިޔަލަށް ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ވެސް ވަނީ، އާމްދަނީ އިތުރުވެފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 768.0 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 649.5 މިލިއަން ރުފިޔާއަށް އަރާފައެވެ.
ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދު ވަނީ 10.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، މިދިޔަ އަހަރަށްވުރެ 14.6 އިންސައްތަ އިތުރުވުމެކެވެ. ހަރުމުދަލަށް ކުރާ ޚަރަދު ނުވަތަ ކެޕިޓަލް ޚަރަދު 39.9 އިންސައްތަ އިތުރުވެ، 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 4.0 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 6.7 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. ފާއިތުވި ހަފުތާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއަށް ކުރާ ހޭދައެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 36.2 އިންސައްތައިގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ