އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއިއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ސިޗުއާން ޕްރޮވިންސްއަށް އެކްސްޕޯޓް ކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށާއި، މިކަމުގެ ފައިދާ ދެޤައުމަށްވެސް ކުރާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވަނީ، ވަޒީރު ސައީދާއި ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން ފުރިހަމައަށް ހިފުމަށާއި، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސީޗުއާން ޕްރޮވިންސަށް ބޭރު ކުރުމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރި ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރި ކަމާއި އަދި އެހެނިހެން ސިނާޢީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާ ކުރިކަން ފާހަގަކޮށް ސަފީރު ވިދާޅުވީ، ސިޗުއާންގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ސަފީރު ވަނީ، މި ބައްދަލުވުމުގެ ފައިދާ ދެ ޤައުމަށްވެސް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވަނީ، ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެކްސްޕޯޓް އިތުރު ކުރުމަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. މި އެއްބަސްވުމަކީ ދިވެހި ވިޔަފާރިވެރިންނަށާއި، އެކްސްޕޯޓަރުންނަށާއި، އަދި ޚާއްސަކޮށް އާންމު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިތަކުން ދަނީ، ޗައިނާއިން މުދާ އިމްޕޯޓް ކުރަމުންނެވެ. އަދި ޗައިނާއަށް މުދާ އެކްސްޕޯޓް ކުރަމުންވެސް ދެއެވެ.
"ކަނޑުމަސް ބޭރުކުރުމުގެ، މަޝްވަރާގެ ފައިދާ ދެ ޤައުމަށްވެސް ކުރާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ